Roadha Mihaaru
މަތީ ތައުލީމަށް ކިޔަވަން އެމްޕީއެލްގެ ސްކޮލަޝިޕްތަކެއް

މަތީ ތައުލީމަށް ކިޔަވަން އެމްޕީއެލްގެ ސްކޮލަޝިޕްތަކެއް

09 އޯގަސްޓް 2022

މަތީ ތައުލީމަށް ކިޔަވަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަތީ ތައުލީމަށް ކިޔަވަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި އެވެ.

މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ހަތް ސްކޮލަޝިޕެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ، މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނާ ގުޅިގެން ދޭ "ކޯޕަރެޓް ސްކޮލަޝިޕް" ގެ އެމްއޯޔޫގައި ވަނީ ސޮއިކޮށްފަ އެވެ.

"ކޯޕަރޭޓް ސްކޮލަޝިޕް" އަކީ ކޮންމެ އަހަރެއްގެ މަތީ ސާނަވީ އިމްތިހާނުތަކުން ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެ އެއް ދަރިވަރަކަށް އެމްޕީއެލްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލްކުރުމަށް ދެވޭ ސްކޮލަޝިޕެކެވެ. މީގެ ފަހުން ކޮންމެ އަހަރަކު ވެސް އެ ސްކޮލަޝިޕް ދޭން ވަނީ ނިންމާފަ އެވެ.

ދެ ފަރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު ފޮޓޯ އަކަށް ހުއްޓިލައްވައިން ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެ ފަރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު ފޮޓޯ އަކަށް ހުއްޓިލައްވައިން ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ސްކޮލަޝިޕްގެ ހުރިހާ ހަރަދެއް ކުރާނީ އެމްޕީއެލުންނެވެ. ސްކޮލަޝިޕް އިއުލާނުކުރުމާއި، އެ ލިބޭ ދަރިވަރަކު ހޮވުން އަދި އެވޯޑުކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަޔަ އެޑިއުކޭޝަނުން މިނިސްޓްރީންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެއީ ތައުލީމީ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދޭން ސަރުކާރާއި އެސްއޯއީތަކާ ގުޅިގެން ހިންގާ މަސައްކަތްތަކުގެ ފެށުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އުންމީދުކުރަނީ އެމްޕީއެލްގެ މި އިނިޝިއޭޓިވް ނަމޫނާއަކަށް ނަގައިގެން ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް އެބައެއްގެ ދާއިރާއަކާ ގުޅޭ މިފަދަ ފުރުސަތުތައް ދޭނެކަމަށް،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ކޯޕަރެޓް ސްކޮލަޝިޕްގެ އިތުރުން މިއަހަރު ތެރޭ އިތުރު ހަ ސްކޮލަޝިޕްގެ ފުރުސަތު ދޭން ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި، ޕޯޓް އޮޕަރޭޝަން ދާއިރާ، ސޭފްޓީގެ ދާއިރާ، ފައިނޭންސް ދާއިރާގެ އިތުރުން އިންޖިނިއަރިންގެ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ލިބޭނެ އެވެ. އެ ސްކޮލަޝިޕްތައް ދޭނީ ކަނޑައަޅާފައިވާ އުސޫލަކުން އެންމެ އެކަށީގެންވާ ފަރާތްތައް ބަލައިފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޕީއެލްގެ ސީއީއޯ ޝާހިދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޒުވާނުންނަށް ތައުލީމާއި ތަމްރީން އަދި ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން އެމްޕީއެލުން އަބަދުވެސް އިސްކަން ދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި އެވެ. އަދި މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެވުމަކީ މީހުން ބިނާކުރަން އެ ކުންފުންޏަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މި ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.