Roadha Mihaaru
ޓެކްނިކަލް މީހުން ހޯދަން ދަތި: މިނިސްޓަރު

ޓެކްނިކަލް ދާއިރާއިން މީހުން ހޯދަން އިންތިހާ އަށް ދަތި، ފަރަގު ކުޑަކުރަން ބޭނުންވޭ: މިނިސްޓަރު

10 މެއި 2022

ޓެކްނިކަލް ދާއިރާއިން މީހުން ހޯދުމަކީ ރާއްޖޭގައި އިންތިހާ އަށް ދަތި ކަމެއް ކަމަށާއި އެ ފަރަގު ކުޑަކުރަން ބޭނުންވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓެކްނިކަލް ދާއިރާއިން މީހުން ހޯދުމަކީ ރާއްޖޭގައި އިންތިހާ އަށް ދަތި ކަމެއް ކަމަށާއި އެ ފަރަގު ކުޑަކުރަން ބޭނުންވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަންގައި މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރެއިން ރާއްޖެ އަރައިގަންނަ އިރު ބޭރު ގައުމަކަށް ތައުލީމު ހާސިލު ކުރަން ދިއުމަށް ފަހު އެނބުރި އަންނަ ކުދިންނާ މެދު އުއްމީދުތަކެއް ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ހިއްސާވުމަށްޓަކައި ކިޔަވައިގެން ރާއްޖެ އައިސް އެކި ދާއިރާތަކުގައި ބައިވެރިވެ ދާއިރާތަކުން އިތުރު އިލްމާއި ހުނަރުވެރި ފަރާތްތައް ފެންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިތަނުން [އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަން] އިން ވެސް ފެންނަނީ އުއްމީދީ މަންޒަރެއް. އެބަ ފެނޭ މާދަމާގެ ލޯ އެންފޯސްމަންޓް އޮފިސަރުންނާއި އިންޖިނިއަރުންނާއި އައި.ޓީ އެކްސްޕާޓުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މެޑިކަލް ޕްރޮފެޝަނަލުންނާއި ސޯޝަލް ވޯކަރުންނާއި ލޯޔަރުން އަދި އެ ނޫން ވެސް މުސްތަގުބަލުގައި ހެޔޮ ބަދަލަށް މަސައްކަތް ކުރާނެ ފަރާތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް ކަމަށެވެ. އެ ގައުމަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ ސަގާފަތްތައް އެކުލެވޭ ގައުމަށްވާތީ ޔުނިވާސިޓީގައި އުޅޭ ދުވަސްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ދާއިރާ ފުޅާކޮށް ޑައިވާސިފައި ކުރުމަކީ ރާއްޖެ އަށް މުހިއްމު ކަމެކެވެ. އެކަމަކު ޓެކްނިކަލް ދާއިރާތަކުން ހުނަރުވެރިން ލިބުމުގައި އިންތިހާއަށް ދަތިކަން އެބަ އޮތް ކަމަށާއި އެ ފަރަގުން ވެސް އަރައިގަންނަން ބޭނުންވާކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި މަތީ ތައުލީމު ހޯދާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނައިރު މަތީ ތައުލީމާއި ތަމްރީން ހޯދާފައިވާ މީހުންގެ އަދަދު ވެސް މައްޗަށް އަރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސްކޮލާޝިޕް 20 ފަރާތަކަށް ލިބިފައިވެ އެެވެ. އެ ސްކޮލާޝިޕްތަކުގެ ސަބަބުން ވެސް ތައުލީމީ ދާއިރާ އަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު 1974 ގައި ގުޅުން ގާއިމުކުރި ފަހުން އެ ގައުމުން ދަނީ ރާއްޖޭގެ އިންސާނީ ތަަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.