Roadha Mihaaru
ކޯޕަރޭޓް ސްކޮލަޝިޕާއެކު މަތީ ތައުލީމްގެ އާ ފުރުސަތެއް

ކޯޕަރޭޓް ސްކޮލަޝިޕާ އެކު މަތީ ތައުލީމަށް އާ ފުރުސަތެއް

20 އޮކްޓޯބަރ 2019

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިތަކާ ގުޅިގެން "ކޯޕަރޭޓް ސްކޮލަޝިޕް" ގެ ނަމުގައި އާ ސްކޮލަޝިޕް ސްކީމެއް ސަރުކާރުން މިއަދު ތައާރަފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިތަކާ ގުޅިގެން "ކޯޕަރޭޓް ސްކޮލަޝިޕް" ގެ ނަމުގައި އާ ސްކޮލަޝިޕް ސްކީމެއް ސަރުކާރުން މިއަދު ތައާރަފުކޮށްފި އެވެ.

މި ފުރުސަތުގެ ދަށުން، ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެ އަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕްގެ ބާކީ ބައި، ސަރުކާރުގެ ކުންފުންޏަކުން ސްޕޮންސާ ކޮށްދޭނެ އެވެ. އޭރުުން ފުލީ ފަންޑެޑް ސްކޮލަޝިޕަކަށް އެ ފުރުސަތު ބަދަލުވާނެ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕްގައި މިސާލަކަށް، މެލޭޝިއާގެ ޔުނިވާސިޓީއަކުން ރާއްޖެ އަށް ދީފައި ވަނީ ހަމައެކަނި ޓިއުޝަން ފީ ސްޕޮންސާ ކޮށްފައިވާ ސްކޮލަޝިޕްތަކެއް ނަމަ ދަތުރާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. އެކަމަކު، އެ ދަރިވަރު އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުތައް ކޮންމެވެސް ކުންފުންޏެއް މެދުވެރިކޮށް ކުރެވޭނެ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސްކޮލަޝިޕް ސްކީމް ތައާރަފު ކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްުޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަށް ބޭރުގެ ޔުނިވާސިޓީތަކާ މަޝްވަރާކޮށް، އެއްބަސްވުންތަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިވުމާ އެކު، ޑިސްކައުންޓް ރޭޓެއްގައި ކިޔެވޭނެ މަގު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެގޮތަށް ލިބޭ ފުރުސަތުތައް ބޭނުންކުރުމުގައި މާލީ ދަތިތަކެއް ހުރިކަން ފާހަގަކުވިގެން، އެހެންވެ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކަށް ފެނުނީ މީހުން ބިނާކުރަން ޖެހިފައިވާ ބަޔަކާ އެކީ އެކަމައިގެން ކުރިއަށް ދިއުން ކަމަށް ވިދާޅުވި އެވެ.

މީހުން ބިނާކުރަން އަމިއްލަ ކުންފުނިތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޭރުގެ ސްކޮލަޝިޕްތަކާ ގުޅިގެން ކުންފުނިތައް މަސައްކަތް ކުރަން ފެށުމުން، އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެ ކުންފުނިތަކުން ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ އަށް ފަހު، އެ ސްކޮލަޝިޕެއް ސްޕޮންސާ ކުރި ކުންފުންޏަކާއި އެ ދަރިވަރަކާ މެދު އެއްބަސްވުމެއް ގާއިމްކުރާނެ އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް. ވަރަށް ގިނަ މީހުން ބިނާކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް،" ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (މ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (މ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކަކީ، އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރަން އެ ކުންފުނިން ފާއިތުވި އަހަރުތަކުގައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، 2015 ވަނަ އަހަރުުން ފެށިގެން މިހާތަނަށް 35 ސްކޮލަޝިޕް ފުރުސަތު ދީފައިވާއިރު އެކަމަށް ދެ މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ތަފާތު އެކި އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 އެއްހާ ސްކޮލަޝިޕް ލިބޭނެ ކަމަށެވެ.