Roadha Mihaaru
ހަންގޭރީގައި ކިޔަވަން 25 ސްކޮލާޝިޕަށް ހުޅުވާލައިފި

ހަންގޭރީގައި ކިޔަވަން 25 ސްކޮލާޝިޕަށް ހުޅުވާލައިފި

14 ޑިސެމްބަރ 2023

ހަންގޭރީގައި ކިޔަވަން ދޫކުރާ ސްކޮލާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހަންގޭރީގައި ކިޔަވަން ދޫކުރާ ސްކޮލާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާން ކޮށްފައި ވަނީ ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ އަށް ސްކޮލާޝިޕާއި މާސްޓާސް ޑިގްރީއަށް 14 ސްކޮލާޝިޕްގެ އިތުރުން ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ ނުވަތަ ޑީއެލްއޭ) އަށް ކިޔެވުމުގެ ތިން ސްކޮލާޝިޕްގެ ފުރުސަތެވެ.

މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްތަކަށް އެދޭނީ "މައިއެޑިޔު" ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށް ކަމަށެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރި (https://stipendiumhungaricum.hu/) ވެބްސައިޓު މެދުވެރިކޮށް އަންނަ މަހުގެ 15 އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ.

އެ ސްކޮލާޝިޕްގައި، ދެކޮޅު ޓިކެޓާއި ވިސާގެ ހަރަދު ހަމަޖައްސައިދޭނީ މިނިސްޓްރީގެ ފަރާތުންނެވެ. އަދި އެހެން ހުރިހާ ހަރަދެއް ހަމަޖައްސާނީ ހަންގޭރީންނެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާ ނަމަ އެ ސްކޮލާޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހަޅާއިރު، ސްކޮލާޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހެ އެވެ. އެހެން ސްކޮލާޝިޕަކަށް ހޮވިފައިވާ ދަރިވަރުންނަކަށް މި ސްކޮލާޝިޕެއް ނުލިބޭނެ އެވެ.

ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބަދަލާ އެކު، 2024 ވަނަ އަހަރާ ހަމަ އަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހިންނަށް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.