Roadha Mihaaru

އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިއަކީ ޔާމީން، ހިޔާނާތް ހިނގީ ޔާމީނަށް އެނގިގެން: ނާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ޚިޔާނާތް ހިންގާކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޔާމީނާ ދެކޮޅަށް އެ މަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހެކިބަސް ދެއްވައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިއަކީ ޔާމީން: ނާޒިމް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

09 އޯގަސްޓް 2022

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ޚިޔާނާތް ހިންގާކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޔާމީނާ ދެކޮޅަށް އެ މަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހެކިބަސް ދެއްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުންނެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން ހިންގި ފުރަތަމަ އެފަދަ މުއާމާލަތަކީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ އެމްޕީއެލްއިން ނެގުމެވެ. އެ ފައިސާ އަދީބު ނެގިކަން އެނގުމުން 2014 ގައި ޔާމީނާ ބައްދަލުކޮށް، އެ ވާހަކަ ދަންނަވާފައިވާނެ ކަމަށާއި އަދި ނެގި ފައިސާތަކުގެ އިތުރުން ފައިސާ ޖަމާވި އެކައުންޓްތަކުގެ ތަފްސީލުތައް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އަހުމަދު އަދީބު އެމްޕީއެލްއިން ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ ނަންގަވައިފިއޭ،" ނާޒިމް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން

ޔާމީންގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން

ނާޒިމް ވިދާޅުވީ އޭގެ ތެރެއިން 2.5 މިލިއަން ޑޮލަރު ޖަމާވީ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ފައިސާ އެހީ ދެއްވި ވިޔަފާރިއެއްގެ އެކައުންޓަށް ކަމަށެވެ. އެހެންވެ، އެމްޕީއެލްއިން ފައިސާ ނެގީ ޔާމީނަށް އިންތިޚާބުގައި ވިޔަފާރިވެރިން ދިން ފައިސާ އަނބުރާ ރައްދުކުރަން ކަމަށް އޭނާ އެނގުނު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާއިން ރިޔާސީ އިންތިޚާބުގެ ދަރަނި ނުދެއްކޭނެ. އެއީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ އެ ވާހަކަ ދަންނަވަން އަޅުގަނޑު ދިޔައީ." އޭނާ ވިދާޅުވި އެވެ.

"އަދީބު ފައިސާ ނަގާކަން ޔާމީނަށް އެނގޭ"

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގާ ވާހަކަ ޔާމީނަށް ދެންނެވުމުން ފައިސާ ނަގަނީ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ފައިސާ ނަގަނީ އަދީބު ފޮނުވައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ވިދާޅުވި ތިމަންނަ ފޮނުވައިގެންނޭ އަދީބު އެ ފައިސާ ނަގަނީ،" ނާޒިމް ވިދާޅުވި އެވެ.

އެކަމަކު އެމްޕީއެލްއިން އަދީބު ނެގި ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ވިދާޅުވި އެ ފަސް މިލިއަން ޑޮލަރެއް ތިމަންނައަކަށް ނުލިބެއޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްޕީއެލްގެ ފައިސާތަކެއް ޑޮލަރު ގަތުމަށް ކަމަށް ބުނެ ނަގާފައި އޮތީ އެމްޕީއެލްގެ ބޯޑަށް ބުލީކޮށްގެން ކަމަށެވެ. އަދި ރަށްތައް ދޫކޮށްގެން ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ދައުލަތުގެ މާލިއްޔަތަށް ކަމަށް ވިޔަސް، އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދައިގެން އެފަދަ ފައިސާތައް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރެވޭ ގޮތަށް ހަމަޖެއްސީ އޭރު ސަރުކާރުގައި ތިބި އެންމެން ގުޅިގެން ކަމަށް ގަބޫލުކުރާ ވެސް ނާޒިމް ވިދާޅުވި އެވެ.

"އެދުވަހު އަޅުގަނޑު ބުނި ބަސް ގަބޫލު ކުރައްވައި، ފިޔަވަޅުތައް އެޅުއްވި ނަމަ، އެމްއެމްޕީއާރުސީގެ މައްސަލަ 70 މިލިއަން ޑޮލަރުގެ ޚިޔާނާތަކަށް ވެގެން ނުދާނެ." ނާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގީ ޔާމީންގެ ރިޔާސީ އިންތިހާބު ކެމްޕޭނަށް ކުރި ހަރަދުގެ ދަރަނި ދެއްކުމަށް ކަމަށް ރާވައިގެން ކަމަށް ނާޒިމް ވިދާޅުވުމުން ޔާމީންގެ ވަކީލުން ވަނީ އެއީ ރާވައިގެން ކުރި ކަމެއް ނަމަ އެއީ ކޮން ބައެއްތޯ ސުވާލުކުރައްވައިފަ އެވެ. މި ސުވާލާ ގުޅިގެން ނާޒިމް ވިދާޅުވީ ޚިޔާނާތުގެ މޭސްތިރިއަކީ ޔާމީން ކަމަށެވެ.

"ކޮންމެވެސް ދުވަހަކުން އަދީބު ބޮލަށް އަރާނެ"

ނާޒިމް ވިދާޅުވި ގޮތުގައި އަދީބު ކުރާ އެފަދަ އަމަލުތައް ހުއްޓުވުމަށާއި އެގޮތަށް ރައްޔިތުންގެ ފައިސާ ބޭނުން ނުކުރަން ޔާމީން އަރިހުގައި އެދުވަހު ދަންނަވާފައިވާނެ އެވެ. އަދި އަދީބަށް އިތުބާރު ނުކުރަން ވެސް އެދުވަހު އެދިވަޑައިގަތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކޮންމެވެސް ދުވަހަކުން ޔާމީންގެ ބޮލަށް އަދީބު އަރާނެއޭ ދެންނެވިން،" ނާޒިމް ވިދާޅުވި އެވެ.

ޔާމީނާއި ނާޒިމާ ދެމެދު މިހާރު އޮންނަ ގުޅުމާ ބެހޭގޮތުން ސުވާލު ކުރެއްވުމުން ޔާމީންގެ ވަކީލުން ސުވާލު ކުރެއްވުމުން ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ދެ ބޭފުޅުންގެ ދެމެދުގައި ގުޅުމެއް ނޯންނަ ކަމަށެވެ.

އަޅުގަނޑު މަގުމަތިން ދަނިކޮށް ގޮވާލާފައި ސުޕްރީމް ކޯޓަށް ވައްދާފައި ހުކުމެއް ކުރީމަ އެކަން އަބްދުﷲ ޔާމީނަށް ނޭނގުނީމަ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުފޫ ހަމައެއް ވެސް ނުވޭ: ނާޒިމް

ގުޅުން ނެތީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ނާޒިމް ވިދާޅުވީ އެއީ އޭނާއަކީ މުއުމިނަކަށް ވާތީ ކަމަށެވެ.

މުއުމިނަކަށް ވާއިރު، ޔާމީނާ މިހާރު ގުޅުމެއް ނުބާއްވަނީ ކީއްވެގެންތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އޭނާގެ ގަޔަށް ދެފަހަރު ކަށްޓެއް ނުޖެހޭނެ ކަމަށެވެ. އެކަމަކު ޔާމީންގެ ނަމެއް ވިދާޅެއް ނުވެ އެވެ.

އެގޮތަށް ވިދާޅުވުމުން، ނާޒިމަށް އަނިޔާވެރިވީ ޔާމީން ކަމަށް ގަބޫލު ކުރަނީތޯ ދިފާއީ ވަކީލުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ އޭނާ ޖަލު ހުކުމެއް އިއްވާއިރު ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެކަމާ ޔާމީނާ ގުޅުމެއް އޮތް ކަމަކަށް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު މަގުމަތިން ދަނިކޮށް ގޮވާލާފައި ސުޕްރީމް ކޯޓަށް ވައްދާފައި ހުކުމެއް ކުރީމަ އެކަން އަބްދުﷲ ޔާމީނަށް ނޭނގުނީމަ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުފޫ ހަމައެއް ވެސް ނުވޭ،" މަކަރާއި ހީލަތް ހެދި ކަމަށް ބުނެ އިއްވި ޖަލު ހުކުމާ ބެހޭގޮތުން ނާޒިމް ވިދާޅުވި އެވެ.

ޔާމީނާ މެދު އަދާވާތްތެރިކަން އޮވޭތޯ ސުވާލު ކުރެއްވުމުން ނާޒިމް ޖަވާބު ދެއްވީ ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް އިޝާރާތް ކުރައްވަ އެވެ. ޖަމީލް ނައިބު ރައީސަކަށް ހުންނަވަނިކޮށް އޭނާ މަގާމުން ވަކި ކުރެއްވި އެވެ.

އެކަމަށް އިޝާރާތް ކުރައްވައި، ނާޒިމް ވިދާޅުވީ ޔާމީނާ މެދު އޭނާގެ އަދާވާތްތެރިކަމެއް އޮންނަ ނަމަ، ޖަމީލްގެ އަދާވާތްތެރިކަން އޮތުމުގެ ފުރުސަތު މާ ބޮޑަށް އެބައޮތް ކަމަށެވެ.

"އަދާވާތްތެރިކަން އެންމެ ބޮޑަށް އޮންނަންވީ ބޭފުޅަކު ތި ބެންޗުގައި އެބަ އިންނެވި. އަޅުގަނޑަށް ވުރެ މަތީ މަގާމެއްގައި ހުއްޓާ ފޫކޮޅުގައި ސައްޕެއް ޖަހާފައި އިނގިރޭސިވިލާތަށް..." ނާޒިމަށް އެ ހިސާބަށް ވިދާޅުވެވުނުތަނާ އެ ވާހަކަތައް ގާޒީ ހުއްޓުވި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.