Roadha Mihaaru
އެމްއެމްއޭގެ މުވައްޒަފުންނަށް އާ އެލަވަންސެއް

އެމްއެމްއޭގެ މުވައްޒަފުންނަށް އާ އެލަވަންސެއް ދޭން ފަށައިފި

02 އޯގަސްޓް 2022

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މުވައްޒަފުންނަށް "ޕްރޮފެޝަނަލް އެލަވަންސް"ގެ ނަމުގައި އާ އެލަވަންސެއް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މުވައްޒަފުންނަށް "ޕްރޮފެޝަނަލް އެލަވަންސް"ގެ ނަމުގައި އާ އެލަވަންސެއް ދޭން ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ އެ އިދާރާގެ މުވައްޒަފުންނަށް މެއި މަހުން ފެށިގެން އާ އެލަވަންސެއް ދޭން ފަށައިފައިވާ ކަމަށެވެ.

އެ އެލަވަންސް ވަނީ އެ އޮތޯރިޓީގެ މަގާމްތައް ހަމަޖެހިފައިވާ ފަސް ގިންތިއަކަށް ބަހާލައިފަ އެވެ. އެއީ މުވައްޒަފުން ގިންތި ކޮށްފައިވާ ތައުލީމީ ފެންވަރާއި މަސައްކަތް ކުރާ ސެކްޝަނަށް ބޭނުންވާ ސްކިލް ސެޓަށް ބެލުމަށް ފަހު އެވެ.

އެމްއެމްއޭގެ ސީނިއާ އެގްޒެކެޓިވްސް ނުވަތަ އެސިސްޓެންޓް ގަވަރުނަރުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 2،500ރ. ގެ އެލަވަންސެއް ދޭނެ އެވެ. ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނަށް 2،000ރ. ގެ ޕްރޮފެޝަނަލް އެލަވަންސެއް ދޭ އިރު ޓެކްނިކަލް ސްޓާފުންނަށް 1،500ރ. ގެ އެލަވަންސެއް ދޭނެ އެވެ. ސްކިލްޑް ސްޓާފުންނަށް 1،000ރ. ގެ އެލަވަންސެއް ދޭ އިރު ސާވިސް ސްޓާފުންނަށް 700ރ. ގެ އެލަވަންސެއް ދޭން ވަނީ ނިންމައިފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ބަދަލުތައް ގެނެސްފައި ވަނީ ފަންނީ ހުނަރާއި ގާބިލުކަން ހުންނަ މީހުން އެމްއެމްއޭގައި ބޭތިއްބުމުގެ އިތުރުން އެފަދަ ފަރާތްތައް އެ އޮތޯރިޓީ އާ ގުޅުމުގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ކަމަށެވެ.

އެމްއެމްއޭގެ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ތައާރަފްކޮށް މުވައްޒަފުންގެ މުސާރަ އިތުރު ކުރި އިރު އެ އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް 2016 ވަނަ އަހަރު ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެފަހަރު ވަނީ މުވައްޒަފުންގެ އަސާސީ މުސާރަ އާއި އެލަވަންސް ދިނުމުގައި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ފަހަރު ވަނީ ސެކްޝަންތަކާއި ޑިވިޝަންތައް ހިންގާ މުވައްޒަފުންނަށް މެނޭޖީރިއަލް އެލަވަންސް އާއި އޮފީސް އެސިސްޓުންނަށް ޕެޓްރޯލް އެލަވަންސް އާއި ވެހިކަލް މެއިންޓަނަންސް އެލަވަންސް އާއި ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންނަށް ލޯންޑަރީ އެލަވަންސް އާއި އެޓެންޑަންސް އެލަވަންސް ތައާރަފްކޮށްފަ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު އެންޓި މަނީ ލޯންޑަރިން ކޮންޕްލައަންސް އޮފިސަރުގެ ގޮތުގައި ކަނޑައަޅާ މުވައްޒަފަކަށް މަހަކު 3،000ރ. އެލަވަންސެއް އަދި އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅާ މުވައްޒަފަށް 3،000ރ. ގެ އެލަވަންސެއް ދޭން ނިންމައިފަ އެވެ. އޭގެ ކުރިން އެންޓި މަނީ ލޯންޑަރިން ކޮމްޕަލައަންސް އޮފިސަރުންނާއި އިންފޮމޭޝަން އޮފިސަރަށް ދެނީ މަހަކު 6،000ރ. ގެ އެލަވަންސެކެވެ.