Roadha Mihaaru
އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރެ އަށް ފަށައިފި

އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރެ އަށް ފަށައިފި

31 ޖުލައި 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް މާލެ ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް މާލެ ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އައްޑޫ، ފުވައްމުލައް، ލ. ގަމާއި ގަމާ ގުޅިފައިވާ ރަށްތަކުގެ އިތުރުން އިސްދު އާއި ކަލައިދު އަށް ބޭނުންވާ ހުރިހާ ބަހެއް ގެންގޮސް މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަންނަ މަހުގެ 14 އާ ހަމައަށް އޮންނާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަސްތައް ދަތުރު ކުރާނީ މުޅިން ހިލޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުން، އާރްޓީއެލް ބަހުގެ ހިދުމަތަށް އެއްވެސް އިރެއްގައި އަގު ދައްކާކަށް ނުޖެހޭނެ އެވެ.

މާލެ އާއި އަތޮޅުތެރޭގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ ބްރޭންޑް ކޮށްފައިވާ 41 ބަސް ގެނެސްފަ އެވެ. އޭގެ ތެރެއިން އިސްދޫ ކަލައިދު އަށް ދެ ބަސް، ލ. ގަމަށް ހަތަރު ބަސް، ފުވައްމުލަކަށް ހަތަރު ބަސް އަދި އައްޑު އަށް ވަނީ 13 ބަސް ގެންގޮސްފަ އެވެ.

އާރްޓީއެލް މިނީ ބަހުގެ ހިދުމަތް މާލޭގައި ފަށަން ތިން ހަފުތާވަރު ނަގާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވެ އެވެ. ދެ ރޫޓަކަށް ބަހާލައިން މާލޭގައި ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގައި ބޭނުން ކުރާނީ 12 ބަހެވެ.

ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ރަނގަޅު ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ "އާރުޓީއެލް" ހިދުމަތުގެ ދަށުން ބަހާއި ލޯންޗު ފެރީތަކުގެ ދަތުރުތައް ހެޔޮއަގުގައި އަންނަނީ ފޯރުކޮށްދެމުންނެވެ.