Roadha Mihaaru
ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް

ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް

30 ޖުލައި 2022

ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން އަމުރުކުރީ ދަނޑުވެރިކަމަށް އެރަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުމާ ދެކޮޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލަ ނިމެންދެން، ރަށް ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މި މަހުގެ ކުރީކޮޅު އޮތީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ތޮޅެންދުއަކީ 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ދަނޑުވެރިކަމަށް އެހެން ބަޔަކަށް ކުއްޔަށް ދިނުމުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް އެ ރަށުގެ ބޭނުން ހިފުން މަނާވާތީ އެކަމާ ދެކޮޅަށް އަތޮޅު ކައުންސިލުން ގަރާރެއް ވެސް ފާސްކުރި އެވެ.