Roadha Mihaaru
ރަށްތައް ދޭން އަތޮޅުކައުންސިލާ މަޝްވަރާކުރާ ގޮތް ހަދަނީ

ފަޅުރަށްތައް ކުއްޔަށްދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތް ހަދަނީ

18 އޮކްޓޯބަރ 2022

އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.

ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ލާމަޒުކަޒީ ކޮމެޓީން ނިންމީ މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށްރަށާ ބެހޭ ގާނޫނު އިސްލާހުކުރުމާ ބެހޭ ބިލުގެ ދިރާސާ މަރުހަލާގެ ތެރެއިން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

ފަޅުރަށްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލާމަރުކަޒީ ކޮމެޓީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ. އެ އިސްލާހު ހުށަހެޅީ ފަޅުރަށްތަކާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކަށް ފުށު އަރާތީ އެވެ. އެ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވެ އެވެ.

ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ އިސްލާހު އިތުރުކުރީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދުއާ ގުޅޭ ގޮތުން ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ދަނޑުވެރިކަމުގެ ބޭނުމަށް 2017 ވަނަ އަހަރު ދިން ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ އެ ރަށް އަތުލަން އަތޮޅު ކައުންސިލުން ވަނީ ސީދާ ހަރަކާތް ފަށައިފަ އެވެ.

އެ ރަށަކީ މިހާރު ވ. އަތޮޅު ކައުންސިލުގެ ރަށެއްގެ ގޮތުގައި އެ ކައުންސިލުގެ ގަރާރަކުން ނިންމާފައި ވިޔަސް، ސަރުކާރުން ބުނަނީ އެފަދަ ނިންމުމެއް ނިންމުމުގެ އެއްވެސް ގާނޫނީ ބާރެއް ކައުންސިލަށް ލިިބިގެން ނުވާ ކަމަށެވެ.

ގާނޫނަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނަނީ "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓް ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީއަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ،" މިހެންނެވެ.

ފަޅުރަށްތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ، ލާމަރުކަޒީ ގާނޫނަށް ފުށުއެރުމެއް ނެތި ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމަ އަށް ލިބޭނެ އެވެ. އެ އިސްލާހުގެ ދަށުން އެ ރަށެއްގެ އިހުތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާ އަށް ލިޔެދީ، ކުއްޔަށްދީ، ނަފާ ހޯދުމުގެ ބާރު ވެސް އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބޭނެ އެވެ.