Roadha Mihaaru
އެމެރިކާގެ އިގްތިސާދަށް ރިސެޝަނެއް އަންނަނީ

އެމެރިކާގެ އިގްތިސާދު އިތުރަށް ދަށަށް، ރިސެޝަނަކަށް ހިނގައިދާނެ

29 ޖުލައި 2022

މި އަހަރުގެ ދެވަނަ ކުއާޓާގައި ވެސް އެމެރިކާގެ އިގްތިސާދު ދެ ވަނަ ފަހަރަށް ދަށަށް ގޮސް، އިގްތިސާދީ ކާރިސާއަކާ ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދެވަނަ ކުއާޓާގައި ވެސް އެމެރިކާގެ އިގްތިސާދު ދެ ވަނަ ފަހަރަށް ދަށަށް ގޮސް، އިގްތިސާދީ ކާރިސާއަކާ ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެމެރިކާގެ ބިއުރޯ އޮފް އިކޮނޮމިކް އެނަލިސިސްގެ ރިޕޯޓުން ދައްކާ ގޮތުން އެމެރިކާގެ އުފެއްދުންތެރިކަން ވަނީ 0.9 ޕަސެންޓު ދަށަށް ގޮސްފަ އެވެ. ޖެހިޖެހިގެން ދެ ކުއާޓަރުގައި އެމެރިކާގެ އިގްތިސާދު ދަށް ވުމަކީ ރިސެޝަނަކަށް ދިއުން ކަމަށް ބައެއް އިގްތިސާދީ މާހިރުން ފާހަގަކުރެ އެވެ. އެހެން ނަމަވެސް އިގްތިސާދު ރަސްމީކޮށް ރިސެޝަނަކަށް ދިޔަކަން އެ ގައުމުން އިއުލާނެއް ނުކުރެ އެވެ.

އެމެރިކާގެ މި ތަފާސްހިސާބުތައް އަދި އިތުރަށް ރިވިއު ކުރަން ވަނީ ނިންމައިފަ އެވެ.

މޫޑީސްގެ އެނަލިސްޓް ރަޔަން ސްވީޓް ވިދާޅުވީ، އެމެރިކާގެ އިގްތިސާދު ކުރިއަރާ މިންވަރު ވަރަށް ބޮޑަށް މަޑު ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ރިސެޝަނަކަށް އަދި ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އިގްތިސާދު ކުރިއަރާ މިންވަރު ވަނީ 6.7 ޕަސެންޓަށް ދަށްވެފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުން ރިސެޝަނެއްގެ މަލަމަތި ފެންނަން ފެށި އިރު ވޭތުވެދިޔަ 10 އަހަރު ދުވަހު ނާރާ ވަރަށް ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ. އެމެރިކާގެ އިންފްލޭޝަން ހުރީ 9،1 ޕަސެންޓުގަ އެވެ. މިއީ 1981 ވަނަ އަހަރަށް ފަހު އެހާ ބާރުމިނުގައި އެ ގައުމުގެ އިންޕްލޭޝަން އެރި ފަހަރެވެ.

ދާދިފަހުން މާލީ އިދާރާ އައިއެމްއެފް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ދެ ވަނަ ކުއާޓާގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. އެ އިގްތިސާދުތަކަށް އެހާ ބޮޑަށް އަސަރު ކުރީ، ދުނިޔޭގެ އިންފްލޭޝަން އިންތިހާއަށް އުފުލުމުން ކަމަށް އައިއެމްއެފް އިން ބުންޏެވެ. އަދި މި އަހަރާއި އަންނަ އަހަރުގެ ވެސް އިގްތިސާދު އިތުރަށް ދަށަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.