Roadha Mihaaru
އެތުލެޓިކޯ ސަޕޯޓަރުން ރޮނާލްޑޯއާ ދެކޮޅަށް ނުކުމެއްޖެ

އެތުލެޓިކޯ ސަޕޯޓަރުން ރޮނާލްޑޯއާ ދެކޮޅު ކެމްޕެއިނެއް ފަށައިފި

25 ޖުލައި 2022

މެޑްރިޑް (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއި ކުރުވަން އެތުލެޓިކޯ މެޑްރިޑުން ވާހަކަ ދައްކަމުންދާ ކަމަށް ފެތުރުނު ހަބަރުތަކާއެކު ރޮނާާލްޑޯ އާ ދެކޮޅު ކެމްޕޭނެއް އެ ކްލަބުގެ ސަޕޯޓަރުން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއި ކުރުވަން އެތުލެޓިކޯ މެޑްރިޑުން ވާހަކަ ދައްކަމުންދާ ކަމަށް ފެތުރުނު ހަބަރުތަކާއެކު ރޮނާާލްޑޯ އާ ދެކޮޅު ކެމްޕޭނެއް އެ ކްލަބުގެ ސަޕޯޓަރުން ފަށައިފި އެވެ.

އަންނަ ސީޒަނުގައި ޔުނައިޓެޑަށް ޔުއެފާ ޗެމްޕިއަންސް ލީގު ނުކުޅެވޭތީ، އެ މުބާރާތުގައި ކުޅޭ ކްލަބެއް ހޯދަން ރޮނާލްޑޯ އަންނަނީ އަތްފުނާ އަޅަމުންނެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑެސް ވަނީ ޗެލްސީ އާއި ބަޔާން މިޔުނިކަށް ވެސް ރޮނާލްޑޯގެ ޓްރާންސްފާ ޕެކޭޖް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ކްލަބުން ވެސް އޭނާ އަށް ޝައުގުވެރިކަމެއް ނެތެވެ.

މިހާރު އޭނާގެ ޓްރާންސްފާ އާ ބެހޭގޮތުން ގުޅުވަނީ އެތުލެޓިކޯ އަށެވެ. ވާދަވެރި ރެއާލް މެޑްރިޑަށް ކުޅުނު ފޯވާޑް ގެންދާކަށް އެތުލެޓިކޯގެ ސަޕޯޓަރުން ބޭނުމެއް ނުވެ އެވެ. އެ ކްލަބްގެ ސަޕޯޓަރުން ވަނީ "ކޮންޓްރާ ސީއާރް ސެވަން" (ރޮނާލްޑޯ އާ ދެކޮޅު) ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ.

"މި ކެމްޕޭންގެ ބޭނުމަކީ ރޮނާލްޑޯ ސޮއި ކުރުވަން ސަޕޯޓަރުން ބޭނުން ނުވާކަން ކްލަބްގެ ބޯޑަށް އަންގައި ދިނުން،" އެތުލެޓިކޯގެ ސަޕޯޓަރަކު ބުންޏެވެ.

ރޮނާލްޑޯ އާ ދެކޮޅަށް ކެމްޕޭނެއް ހިންގުމާ މެދު އެތުލެޓިކޯގެ ބައެއް ސަޕޯޓަރުން ދެކޮޅެވެ. އެފަދަ ބައެއް ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި އެއީ ރޮނާލްޑޯ އަށް ކުރެވޭ ބޭއިހުތިރާމެކެވެ.

ރޮނާލްޑޯ ސޮއި ކުރުވަން އެތުލެޓިކޯއިން އެއް ވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު އެ ކްލަބުން ތިބީ އެކަމާ ބެހޭގޮތުން އެއް ވެސް ވާހަކައެއް ނުދައްކަ އެވެ. ސަޕޯޓަރުން ކެކި ގަތުމުން ކްލަބުން ވަނީ މީޑިއާގައި ވާހަކަ ދައްކައި ރޮނާލްޑޯ ސޮއި ކުރުވަން މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ.

ރޮނާލްޑޯ ގެންދަން ސައުދީ އަރަބިއާގެ ކްލަބަކުން ބޮޑު އަގެއް ހުށަހެޅި އެވެ. އެކަމަކު މަތީ ފެންވަރުގައި އޭނާ ކުޅެން ބޭނުންވާތީ އެ ހުށަހެޅުން ދޫކޮށްލީ އެވެ.

ކްލަބެއް ނުލިބިއްޖެ ނަމަ ރޮނާލްޑޯ އަށް ޔުނައިޓެޑުގައި މަޑުކުރަން މަޖުބޫރުވާނެ އެވެ. ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބުނެފައި ވަނީ ރޮނާލްޑޯ ޔުނައިޓެޑްގައި ބަހައްޓަން އޭނާ ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯ ގެންދަން ބޮޑު ކްލަބަކުން ބޭނުންނުވަނީ އޭނާ އަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ.