17 ޖުލައި 2022
ރާއްޖޭގެ ނަން ދުނިޔޭގެ ޓޫރިޒަމް ވިޔަފާރީގައި ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނަން ދުނިޔޭގެ ޓޫރިޒަމް ވިޔަފާރީގައި ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާއަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަންޔޫބީލް އެވޯޑު ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ނަމޫނާއަކަށް ބަލައިގެން ޓޫރިޒަމް މަންޒިލްތައް ދުނިޔޭގައި ތަރައްގީ ކުރަމުން އަންނަ ކަމަށާއި ލިބިފައި އޮތް ނަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ޓޫރިޒަމްގެ އެވޯޑް ހަފުލާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ދުނިޔޭގެ ޓޫރިޒަމް ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާހައުލެއް. ރާއްޖެ ނަމޫނާއަކަށް ބަލައިގެން ޓޫރިޒަމް ދާއިރާ ތަރައްގީ ކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި. މި ވާދަވެރިކަމުގެ ތެރޭގައި، ރާއްޖޭގެ ނަން ދެމެހެއްޓޭނީ، އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ހާއްސަ ސިފަތައް އެގޮތުގައި ދެމެހެއްޓުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި މަގްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، ސުލްހަވެރިކަމާއި އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި. ފުރިހަމަ މެހްމާންދާރީންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން އެގޮތުގައި ދެމެހެއްޓުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރާ އެއް ސަބަބުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޓޫރިޒަމްގެ އެވޯޑް ހަފުލާގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަބަދުވެސް ކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމް ދާއިރާ ތަރައްގީ ކުރަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާއިރާ ޑައިވާސިފައިކުރަން ހާއްސަ އިސްކަމެއް ދޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ޓޫރިޒަމް ކުރެވޭނެ ގާނޫނީ އޮނިގަނޑުތައް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.
"މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓްތަކެއް. މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޓޫރިޒަމްގެ އެއް ބާނީ ކޯބިން އަށް ރައީސް އެވޯޑު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ތިން މަހަށް ބޯޑަރުތައް ބަންދުކުރުމަށް ފަހު ބޯޑަރުތައް އަލުން ހުޅުވައިލަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މިއަދު ޓޫރިޒަމް ދާއިރާ އޮތް ހިސާބަށް އާދެވުނީ އޭރުގެ އެ ނިންމުމުގެ ސަބަބުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މިހާރު ވެސް ދުނިޔޭގެ އިގްތިސާދު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ޔޫރަޕްގެ އިރުމަތީ ބިތުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ވަރުގަދަވަމުންދާ ކަމަށެވެ. އެ ހަނގުރާމައާ އެކު އިގްތިސާދުތައް ހީނަރުވެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކޮންމެ ގައުމަކަށް ވެސް ކުރިއަށްދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި އޮތުން ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރަން ކުރާ މަސައްކަތް އަލުން ފަށައި އެކަން ނިންމާލެވުމުން ރާއްޖެ އަަށް އަހަރު 7 މިލިއަަން ފަސިންޖަރުން ގެނެވޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއާ އެކު ވެސް ޓޫރިޒަމް ދާއިރާ ފުޅާ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަމިއްލަ ވިޔަފާރިތަކަށް ނުފޫޒުނުފޯރުވުމުން ނަތީޖާ ފެނޭ
"ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީން ދޫކުރި ރަަށްތައް"
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ
ޓޫރިޒަމްގެ މީހުންނަށް 2ދުވަހުގެ ޗުއްޓީ ލިބޭގޮތް ހަދަނީ
ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ ޓީމުގެ ތާއީދު ރައީސަށް
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި
ޖާބިރަށް ދިން ފަޅުގައި ލަގްޒަރީ ރިސޯޓެއް ހަދަނީ