Roadha Mihaaru
ލަންކާގައި އަމަން ދެމެހެއްޓުމަށް ސިފައިންނަށް އަންގައިފި

ލަންކާގައި އަމަން ދެމެހެއްޓުމަށް ސިފައިންނަށް އަންގައިފި

14 ޖުލައި 2022

އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ސިޔާސީ އަދި އިޖްތިމާއީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި، އަމަން އާންމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސް ރަނިލް ވިކްރަމަ ސިންހަ ސިފައިންނަށް އަންގަވައިފި އެވެ.

އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ސިޔާސީ އަދި އިޖްތިމާއީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި، އަމަން އާންމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސް ރަނިލް ވިކްރަމަ ސިންހަ ސިފައިންނަށް އަންގަވައިފި އެވެ.

ވެރިކަމުގެ ހުރިހާ ބާރުތަކެއް ބޮޑުވަޒީރުގެ ރަނިލްގެ އިސްތަށިފުޅުގައި އެޅުނީ، ރައީސް ގޯޓާބޭ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، އިސްތިއުފާ ނުދެއްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ފިއްލަވައިގެން ދިވެހި ރާއްޖެ އަށް ވަޑައިގަންނަވަމުން، ރައީސްގެ މަސްއޫލިއްޔަތުތައް ބޮޑުވަޒީރާ ހަވާލު ކުރެއްވުމުންނެވެ. ގޯޓާބޭ ދިވެހި ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު، ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް، ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވެ އެވެ.

ގޯޓާބޭ ގައުމު ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް، އަދި ރައީސް މަސްއޫލިއްޔަތުތައް ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވި ނަމަވެސް، ސަރުކާރާ ދެކޮޅަށް އުތުރި އަރަމުންދާ އާންމު ރައްޔިތުން މައިތިރިވާ ގޮތެއް ނުވެ އެވެ. ރަނިލްއަކީ ރާޖަޕަކްސަ އާއިލާ އަށް ވާގިވެރިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އާންމުން މިހާރު ގޮވާލަމުން ދަނީ ރަނިލް ވެސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ކައްކާ ގޭހާއި ހަކަތައިގެ ބާވަތްތަކުގެ އިތުރުން އަސާސީ ކާބޯ ތަކެއްޗާއި ބޭހުގެ ސާމާނު ލިބުން ދަތިވެ، ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާ އިރު، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. ބައެއް ފަހަރަށް މުޒާހަރާތައް ހޫނުވެ، ސަރުކާރުގެ ވެރިންގެ ގެދޮރަށާއި ސަރުކާރުގެ އިމާރާތްތަކަށް ވެސް އާންމުން ގެއްލުންދެ އެވެ.

ސަރުކާރާ މުޒާހަރާ ކުރަމުން ދިޔަ މީހުން، މިމަހުގެ 9 ވަނަ ދުވަހު ރައީސް ގޯޓާބޭގެ ރަސްމީ ގެކޮޅަށް ވަދެގަނެ، އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު، އެ ގޭގައި ހުރި ތަކެއްޗަށްވެސް ވަނީ ގެއްލުންދީފަ އެވެ. އެންމެ ފަހުން، މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ބޮޑުވަޒީރުގެ އޮފީހަށް ވެސް ވަދެގަނެ އެތަނަށް ގެއްލުން ދީފަ އެވެ.

ސަރުކާރުގެ މައި އޮފީސްތަކާއި މުހިންމު ސަރަހައްދުތައް، މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، ބޮޑުވަޒީރު ރަނިލް މިހާރު ވަނީ ލަންކާގެ ބައެއް ސަރަހައްދުތަކުގައި ކާފިޔޫ އިއުލާން ކުރައްވައިފަ އެވެ. ޓީވީ މެދުވެރިކުރައްވައި އިއްޔެ ގައުމާ މުޚާތަބު ކުރައްވަމުން ބޮޑުވަޒީރު ވަނީ، އޭނާގެ އޮފީސް ހިސޯރުކޮށްގެން ތިބި މީހުން، އެ އޮފީހާއި ސަރުކާރުގެ އެހެން އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުން ނުކުތުމަށް ގޮވާލައްވައިފަ އެވެ.