Roadha Mihaaru
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ

ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ ދީފި

27 ޖުލައި 2022

ގައުމުން ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަށް ސިންގަޕޫރުން އިތުރު 14 ދުވަހު އެގައުމުގައި ހުރުމުގެ ވިސާ އިއްޔެ ދީފި އެވެ.

ގައުމުން ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަށް ސިންގަޕޫރުން އިތުރު 14 ދުވަހު އެގައުމުގައި ހުރުމުގެ ވިސާ އިއްޔެ ދީފި އެވެ.

ސިންގަޕޫރުގެ ރަސްމީ ނޫސް، ސްޓްރެއިޓް ޓައިމްސް ދުވަހު ނޫހުން ބުނެފައިވާ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުން ގޯޓާބޭ އަށް ދިން 14 ދުވަހު ކުރު މުއްދަތުގެ ވިސާގެ މުއްދަތު، ސިންގަޕޫރު ސަރުކާރުން އިއްޔެ ވަނީ އިތުރު 14 ދުވަހަށް އިތުރުކޮށްދީފަ އެވެ. ސިންގަޕޫރަށް ވަޑައިގެންނެވި އިރު ވެސް، ގޯޓާބޭ ހުންނެވީ ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުގައި ކަމަށްވާތީ، ސިންގަޕޫރުން ވަނީ ފުރިހަމަ ހިމާޔަތް ދީފަ އެވެ.

ނަމަވެސް އެ ގައުމުގައި ހުންނަވައި، ޖުލައި 15 ވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފޮނެއްވެވި އީމެއިލެއްގެ ޒަރީއާއިން، ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ސިންގަޕޫރު ސަރުކާރުން ގޯޓާބޭ އަށް ދިނީ 14 ދުވަހުގެ ކުރު މުއްދަތުގެ ވިސާއެކެވެ.

ސިންގަޕޫރުގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ގޯޓާބޭ ސިންގަޕޫރަށް ވަޑައިގަތީ އަމިއްލަ ދަތުރެއްގަ އެވެ. ސިންގަޕޫރަށް އެތެރެވުމަށް ފަހު ވެސް އަދި އޭގެ ކުރިން ވެސް، ސިންގަޕޫރުން ސިޔާސީ ހިމާޔަތް ހޯއްދެއްވުމަށް ގޯޓާބޭ އެދިވަޑައިނުގަންނަވާ ކަމަށް ސިންގަޕޫރުގެ ޚާރިޖިއްޔާ އިން ބުންޏެވެ. އަދި ސިންގަޕޫރުން ސިޔާސީ ހިމާޔަތް ނުދޭ ކަމަށް ވެސް ޚާރިޖިއްޔާ އިން ބުނެ އެވެ.

ސިންގަޕޫރާއި ސްރީ ލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ސްރީ ލަންކާ ރައްޔިތުން ސިންގަޕޫރަށް އައުމުން، 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދެ އެވެ. ނަމަވެސް ގޯޓާބޭއާ މެދު އެ އުސޫލުން އަމަލުނުކޮށް 14 ދުވަހުގެ ވިސާ ދިނީ ކީއްވެގެން ކަމެއް، ސިންގަޕޫރު ސަރުކާރުން ނުބުނެ އެވެ.

ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ ދިނުމަށް ސިންގަޕޫރު ނިންމީ، ގޯޓާބޭ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް، ލަންކާ ސަރުކާރުން ބުނެފައި ވަނިކޮށެވެ.

ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިމަހުގެ 20 ވަނަ ދުވަހު ވަނީ ލަންކާގެ ރައީސްގެ މަގާމަށް، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިޚާބުކޮށްފަ އެވެ. ރައީސްކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގަތީ، މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިސްތިއުފާ ދެއްވި ރައީސް ގޯޓާބޭ ރާޖަޕަކްސަގެ ޕާޓީގެ ބޮޑު ތާއީދަކާއެކު، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން ޖުމްލަ 134 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.