Roadha Mihaaru
ގޮތަބަޔަ އަށް ރާއްޖެ އެތެރެވެވިގެން ނުވާނެ!

ވެރިންގެ ނިންމުން ގޯސް، ގޮތަބަޔަ އަށް ރާއްޖެ އެތެރެވެވިގެން ނުވާނެ!

13 ޖުލައި 2022

ރައީސް ކަމުގައި ހުންނަވައިގެން، އަމިއްލަ ގައުމުން ބޭރުވެ ވަޑައިގެން ނުގެންނެވުނު ރައީސް ގޮތަބަޔަ ރާޖަޕަކްސާ އެންމެ ފަހުން ރާއްޖެ އަށް ފިއްލަވައިގެން ވަޑައިގެންނެވީ އެވެ. އަމިއްލަ ގައުމުގެ އެތައް މިލިއަން މީހުނެއް ބަނޑަށް ޖައްސައި، ތެލެއް، ފެނެއް އަދި ކާބޯއެއްޗެއް ވެސް ނެތި ގާތްގަނޑަކަށް 21 މިލިއަން މީހުން އެތައް ދުވަހެއް ހޭދަކޮށްފި އެވެ. މުޅި ގައުމު ދަރުވާލައި، ރައްޔިތުން މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއް ޖަހަނިކޮށް ރާއްޖޭގެ ވެރިންނާ ގުޅުއްވައިގެން ސިއްރިއްޔާތުގައި ރޭ ވަޑައިގެން މިނިވަން ކަމާ އެކު ރާއްޖޭގައި އެބަ އުޅުއްވަ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރައީސް ކަމުގައި ހުންނަވައިގެން، އަމިއްލަ ގައުމުން ބޭރުވެ ވަޑައިގެން ނުގެންނެވުނު ރައީސް ގޮތަބަޔަ ރާޖަޕަކްސާ އެންމެ ފަހުން ރާއްޖެ އަށް ފިއްލަވައިގެން ވަޑައިގެންނެވީ އެވެ. އަމިއްލަ ގައުމުގެ އެތައް މިލިއަން މީހުނެއް ބަނޑަށް ޖައްސައި، ތެލެއް، ފެނެއް އަދި ކާބޯއެއްޗެއް ވެސް ނެތި ގާތްގަނޑަކަށް 21 މިލިއަން މީހުން އެތައް ދުވަހެއް ހޭދަކޮށްފި އެވެ. މުޅި ގައުމު ދަރުވާލައި، ރައްޔިތުން މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއް ޖަހަނިކޮށް ރާއްޖޭގެ ވެރިންނާ ގުޅުއްވައިގެން ސިއްރިއްޔާތުގައި ރޭ ވަޑައިގެން މިނިވަން ކަމާ އެކު ރާއްޖޭގައި އެބަ އުޅުއްވަ އެވެ.

ރާއްޖެ އަށް މުހިންމީ ގޮތަބަޔަތޯ، ނުވަތަ ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން އަވައްޓެރިންތޯ ސަރުކާރުން ވިސްނައި ވެސް ނުލައި، ގޮތަބަޔަގެ ދަތުރަށް ރާއްޖޭގެ އެއާޕޯޓް ހުޅުވާލުން ވެގެން ގޮސްފައި ވަނީ ދިވެހިން ވެސް މަޑުން ތިބޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އޭގެ ނުރުހުން ސަރުކާރަށާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ވެސް ވަނީ އަމާޒުވެފަ އެވެ. ބޭރުގެ އިތުބާރު ހިފޭ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ގޮތަބަޔަ ރާއްޖެ އަށް ގެނައުމާއި އޭނާގެ ކަންކަމުގައި އިސްކޮށް އުޅުއްވަނީ ނަޝީދެވެ. އެކަމަކު، އެއާފޯސްގެ ބޯޓެއްގައި ރާއްޖެ އައިސް، އެއާޕޯޓްގައި ފުރޮޅު ޖައްސާލަން ހުއްދަ ދިނުމަކީ ހަމައެކަނި ނަޝީދަށް އެކަނި ނިންމެވޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ. ސަރުކާރުގެ ސީދާ އަތެއް މިކަމުގައި އޮންނާނެ އެވެ.

ރައީސް ގޮތަބަޔަ: އޭނާ މިހާރު ހުންނެވީ ރާއްޖޭގެ ހިމާޔަތުގައި

ރައީސް ގޮތަބަޔަ: އޭނާ މިހާރު ހުންނެވީ ރާއްޖޭގެ ހިމާޔަތުގައި

ދުނިޔޭގެ އެތައް ބައިވަރު ގައުމެއް އޮއްވައި، އަމިއްލަ ގައުމުގެ ރައްޔިތުންގެ ކުރިމަތިން ގެއްލޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވުމަކީ ދެރަކޮށް ވީ ކަމެކެވެ. އެއީ، މުޅި ރާއްޖޭގެ އެންމެންގެ މަސްލަހަތު ހިމެނޭ މުހިންމު މައްސަލައަކަށް ވާއިރު، ތަޖުރިބާކާރުންނާއި ފާޑުކިޔުންތެރިން ވެސް ބުނަނީ، ސަރުކާރުން މިކަހަލަ ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ. އެ މީހުން ދައްކާ މުހިންމު ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އެއް ކަމަކީ، ލަންކާ ބަނގުރޫޓުވެފައި އޮތުމާއި، ވެރިކަމުގައި ތިބި ބަޔަކު އެއަށް ޖަވާބުދާރީވާން ޖެހުމެވެ. ލަންކާ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މުޅި ދައުލަތުގެ ބައިތުލްމާލު ވަނީ ވެރިކަމުގައި އޭރު ތިބި ރާޖަޕަކްސާގެ އާއިލާގެ އެންމެން ގުޅިގެން ލޫޓުވާލައިފަ އެވެ. އެ ހުރިހާ ބޭފުޅުންނާ ދޭތެރޭ ޝަރީއަތް ކުރެވޭނީ ވެސް އެ ބޭފުޅުން އަތްފޯރާ ހިސާބެއްގައި ތިބެގެންނެވެ. އެކަމަކު ރާއްޖެ އިން ގޮތަބަޔަ އަށް ހިމާޔަތް ދިނުމުން، އޭނާ ބޭނުންވެ ވަޑައިގަންނަވާ ހުރިހާ ކަމެއް ވީ އެވެ. ހަގީގަތަކީ އޭނާ ދެން ކޯޓަށް ހާޒިރުކުރުމަކީ ނާދިރު ކަމެއް ކަމެވެ.

ދެ ވަނަ ކަމަކީ، ލަންކާ ރައްޔިތުންްގެ ހައްގުތަކަށް ދިވެހި ސަރުކާރު އިހުތިރާމު ނުކުރުމެވެ. ލަންކާގެ މުޅި ރައްޔިތު އެންމެންހެން ހައްގު ހޯދަން ދުވާލުދާ ހަތަރުދަމު ނުކުމެ އެތިބީ މަގުމަތީގަ އެވެ. ލަންކާގެ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި ދިވެހި ސަރުކާރުން މި ހިންގި އަމަލަކީ، "ރަހުމަތްތެރިކަމުގެ ނަމުގައި ތިބެ" އެ މީހުންގެ މޫނުމަތީގައި ޖެހި ތަފާލެކެވެ. މިއީ، ލަންކާގެ ބައެއް މީހުން ބުނާ ގޮތުން ދިވެހި ސަރުކާރުން ކޮށްފާނެ ކަމަށް ދުވަހަކު ވެސް ގަބޫލުކުރެވުނު އަމަލެއް ނޫނެވެ.

ރައީސް ގޮތަބަޔަ އާއި ގައުމު ބަނގުރޫޓުވި އިރު ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ -- ފައިލް ފޮޓޯ: އޭއެފްޕީ

ރައީސް ގޮތަބަޔަ އާއި ގައުމު ބަނގުރޫޓުވި އިރު ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ -- ފައިލް ފޮޓޯ: އޭއެފްޕީ

ތިން ވަނަ ކަމަކީ، ލަންކާގައި އެތައް ބައިވަރު ދިވެހިން ވެސް އުޅޭ ކަމެކެވެ. ލަންކާގައި އުޅޭ ބައެއް ދިވެހިންގެ ޓްވީޓްތަކަށް ބަލާލިޔަސް، ފެންނަން އޮތް އެއްޗަކީ އެ މީހުން ނުރައްކަލަކަށް ވައްޓާލި ކަމެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، އޭޝިޔާގެ "މަންޑޭލާ" އަށް ހެދިގެން އުޅުނު "ނަޝީދު" އެންމެ ފަހުން މިވީ އޭޝިޔާގެ އެންމެ ބޮޑު ޑިކްޓޭޓަރަށެވެ. ލަންކާގައި އުޅޭ ބައެއް ދިވެހިން ބުނި ގޮތުގައި، އެ ގައުމުގައި އުޅެ ބޮޑުވެ، މުޒާހަރާތައް ކުރިމަތިން ލާފައި ދާ އިރު ވެސް، އެއީ ލަންކާގެ އަމިއްލަ ކަމަކަށް ވާތީ އެކަމާ އެ މީހުން ދުވަހަކު ވެސް ނުބެހެ އެވެ. އެ މީހުން ސުވާލު ކުރަނީ، އެ މީހުން އެހެން ތިއްބައި ދިވެހި ސަރުކާރު އޭގެ ތެރެއަށް ވަންނަން ޖެހޭ ސަބަބަކީ ކޮބައިހޭ ކިޔައިފަ އެވެ!

ތެދެކެވެ؛ ދިވެހި ސަރުކާރުން މީގެ ތެރެއަށް މި އަތްބޭނީ އެންމެ ނުބައި، ހީލަތްތެރި ގޮތުގަ އެވެ. އެއީ ވަރަށް ސިއްރުން ހިންގި ކަމެއް ކަމަށް ދޭހަވާ އެންމެ ބޮޑު ހެއްކަކީ، ރާއްޖޭގެ ވެސް، އަދި ދުނިޔޭގެ އެއްވެސް މީޑިއާއަކުން އެކަމާ ބެހޭ ގޮތުން ސުވާލެއް ކޮށްލިޔަސް، ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ބޭފުޅަކު އެއަށް ޖަވާބު ނުދެއްވާތީ އެވެ. އެ ބޭފުޅުންގެ ވިސްނުމުގައި މިކަން ފަހުން މައިތިރިވެދާނެ އެވެ. އެކަމަކު އެކަން މައިތިރި ވިޔަސް، މިފަހަރު މި ޖެހުނީ އާދައިގެ ލައްގަނޑެއް ނޫނެވެ.

މިހާތަނަށް އަޑުތައް ފެތުރިފައިވާ ގޮތުން ގޮތަބަޔަގެ އަސްލު މަންޒިލަކީ ރާއްޖެއެއް ނޫނެވެ. އޭނާ މިއަދުގެ ވަގުތެއްގައި ރާއްޖެ އިން ފުރާވަޑައިގަންނަވާނެ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ، އޭނާ އަސްލު ވަޑައިގަންނަވަން ބޭނުންވާ ގައުމަށް އަމިއްލަ ގައުމުން ފުރާވަޑައިގަންނަވަން ހުއްދަ ނުލިބުމުންނެވެ. އެހެންވެ، ރާއްޖެ ވާނީ، އޭނާ އަސްލު ފިއްލަވަން ހުޅުވައިދިން ދޮރަށެވެ.

ގައުމެއް ބިމާ ހަމަކޮށްލައިފައި، ރީތިގޮތުގައި ފިލައިގެން ދާން ދިވެހިން މެދުވެރިވާންވީ ކީއްވެ ހެއްޔެވެ؟ ދިވެހި ސަރުކާރު މިހާ ދަށް ފެންވަރަކަށް ވެއްޓެންވީ ކީއްވެ ހެއްޔެވެ؟ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހި ގޮތް ހުސްވެފައި ތިއްބާ އެ އެންމެންނަށް ވުރެ އެންމެ މީހަކު މުޅި ދިވެހި ދައުލަތަށް މުހިންމުވީ ކީއްވެ ހެއްޔެވެ؟

ޖަވާބު ދޭނެ މީހަކު ވެސް ނެތެވެ!