Roadha Mihaaru
ގޮޓާބަޔަ ރާއްޖޭގައި ހުންނަވައިގެން އިސްތިއުފާ ނުދެއްވާނެ

ގޮޓާބަޔަ ރާއްޖޭގައި ހުންނަވައިގެން އިސްތިއުފާ ދެއްވާނެ ކަމަކަށް ނުބެލެވޭ

13 ޖުލައި 2022

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނުކުރެއްވުމަށް ފަހު ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންފައި ވިޔަސް އޭނާ އިސްތިއުފާ ދެއްވާނީ ރާއްޖޭން އެހެން ގައުމަކަށް ވަޑައިގަތުމަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނުކުރެއްވުމަށް ފަހު ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންފައި ވިޔަސް އޭނާ އިސްތިއުފާ ދެއްވާނީ ރާއްޖޭން އެހެން ގައުމަކަށް ވަޑައިގަތުމަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްރީ ލަންކާގެ މީޑިއާ އިން ވެސް ބުނާ ގޮތުގައި ރާއްޖެއަކީ ގޮޓާބަޔަގެ އަސްލު މަންޒިލެއް ނޫނެވެ. އަލް ޖަޒީރާ އިން ވެސް ލަންކާ ސަރުކާރުގެ ބައެއް ފަރާތްތަކާ ހަވާލާދީ ބުނީ ގޮޓާބަޔަ ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އޭޝިއާގެ އެހެން ގައުމަކަށް ކަމަށެވެ.

ގޮޓާބަޔަ ލަންކާ އިން އެންމެ ފުރަތަމަ ވަޑައިގަތުމަށް މަސައްކަތްކުރެއްވީ ޔޫއޭއީއަށެވެ. އެކަމަށް އެއާޕޯޓްގެ ބައެއް މުވައްޒަފުން ހުރަސްއެޅުމުން އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަތީ ލަންކާގެ އެއާ ފޯސް އިން ބުނި ގޮތުގައި ރައީސަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިންނެވެ.

ގޮޓާބަޔަ ރާއްޖޭން ޔޫއޭއީ އަށް ވަޑައިގަންނަވާ ނަމަ އެންމެ އަވަހަށް ވެސް ކޮމާޝަލް ފްލައިޓެއްގައި ވަޑައިގަނެވޭނީ މިރޭ 8:25 ގައި އިއްތިހާދު އެއާވޭސް އިންނެވެ.

ގޮޓާބަޔަގެ އިސްތިއުފާގެ އިންތިޒާރުގައި ލަންކާ އޮއްވައި އޭނާ ގައުމު ދޫކޮށް ވަޑައިގަތުމުން މިހާރު ވަނީ ދެން އިސްތިއުފާ އަށް ވާނެ ގޮތަކާ މެދު ސުވާލު ވެސް އުފެދިފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން މީޑިއާ އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދުގެ މިހާ ހިސާބަށް އަދި އިސްތިއުފާގެ ސިޓީއެއް ނުލިބެ އެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއްވެސް ތައްޔާރީއެއް ވެސް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލަންކާގެ ގާނޫނުތައް އޮންނަ ގޮތުން ވެރިކަމުގައި ހުންނަވަނިކޮށް ރައީސަކު ހައްޔަރެއް ނުކުރެވޭނެ އެވެ. އެހެންވެ ގޮޓާބަޔަ ގައުމުން ބޭރަށް ވަޑައިގެންފައި ނޫނީ އިސްތިއުފާ ނުދެއްވަން ނިންމަވައިގެން ހުންނެވީ ކަމަށް ބެލެވެ އެވެ.