Roadha Mihaaru
ފެނަބާޗޭ އިން ސަސްޕެންޑް ކުރި އޮޒިލް ދޫކޮށްލައިފި

ފެނަބާޗޭ އިން ސަސްޕެންޑް ކުރި އޮޒިލް ދޫކޮށްލައިފި

12 ޖުލައި 2022

އިސްތަންބޫލް (ޖުލައި 12) - ކުރިން އާސެނަލް އާއި ރެއާލް މެޑްރިޑަށް ކުޅުނު ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އާއި ތުރުކީގެ ކްލަބް ފެނަބާޗޭއާ ދެމެދު އޮތް އެއްބަސްވުން ކުލަބުން އުވާލައިފި ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އިސްތަންބޫލް (ޖުލައި 12) - ކުރިން އާސެނަލް އާއި ރެއާލް މެޑްރިޑަށް ކުޅުނު ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އާއި ތުރުކީގެ ކްލަބް ފެނަބާޗޭއާ ދެމެދު އޮތް އެއްބަސްވުން ކުލަބުން އުވާލައިފި ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ފެނަބާޗޭއާ ގުޅުނީ މީގެ 18 މަސްދުވަސް ކުރިން، އާސެނަލް އިން އޭނާ ދޫކޮށްލުމުންނެވެ. އެކަމަކު މިދިޔަ މާޗް މަހު އޮޒިލްގެ ފިޓްނަސްއާ ގުޅިގެން ކުލަބުގެ ކޯޗު އިސްމާއިލް ކާޓަލްއާ ޖެހުނު މައްސަލައެއްގައި އޭނާ ހުރީ ޓީމުން ސަސްޕެންޑް ކޮށްފަ އެވެ. އަދި ކުލަބުން އޭނާ ދޫކޮށްލަން ނިންމީ، ޖޫން މަހު ހަވާލުވި އާ ކޯޗު ޖޯޖް ޖީސަސްގެ ޕްލޭންތަކުގައި އޮޒިލް ނުހިމެނޭތީ، ދެފަރާތުން އެއްބަސްވެގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އޮޒިލް ވަނީ ފެނަބާޗޭ އަށް މި ސީޒަނުގައި ކުޅެދިން 26 މެޗުގައި ނުވަ ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.ނަމަވެސް ކޯޗު ޖޯޖް ޖީސަސް ވަނީ އޮޒިލް ދެން އެ ކުލަބަށް ނުކުޅޭނެ ކަން ޔަގީން ކޮށްދީފަ އެވެ.

"އޭނާގެ [އޮޒިލްގެ] ވަގުތު ޖެހިއްޖެ، ތުރުކީގައި އޭނާގެ ރީތި ތާރީހެއް އެބަ އޮތް، އެއްވެސް މީހަކަށް އޭނާ އަތުން އެކަން ނިގުޅައި ނުގަނެވޭނެ. މުޅި ދުނިޔޭގައި ވެސް އޭނާއަކީ މަގުބޫލު ކުޅުންތެރިއެއް. އެކަމަކު އަހަރެން މިދަނީ އޮޒިލް އީރާގެ ނިންމުމާ ދިމާއަށް،" ޕްރެސް ކޮންފަރެންސެއްގައި ޖީސަސް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ފެނަބާޗޭ ދޫކޮށް އޮޒިލް އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރާ ގުޅެން މަޝްވަރާ ކުރަމުންނެވެ.

ފުޓުބޯޅަ ކެރިއަރު ނިންމުމަށް ފަހު އީސްޕޯޓްސް އެތުލީޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް މިދިޔަ މަހު އޭނާގެ އެޖެންޓް ވަނީ ބުނެފަ އެވެ. ފުޓުބޯޅަ ކުޅުމުގެ އިތުރުން އޮޒިލް އަންނަނީ އީސްޕޯޓްސް ކުލަބެއް ވެސް ހިންގަމުންނެވެ. "އެމް10 އީސްޕޯޓްސް" ނަމުގައި އޭނާގެ ކުލަބުން ފީފާ އާއި ފޯޓްނައިޓް ގޭމު ވެސް ކުޅެ އެވެ.

"އޭނާ އީސްޕޯޓްސް އަށް ހިނގައިދާނެ، ފަހަރުގައި އީސްޕޯޓްސް އެތުލީޓެއް ގޮތުގައި ވެސް ފެނުން އެކަށީގެންވޭ. އެކަން ވެއްޖެ ނަމަ އަހަތެން ގައިމުވެސް ހައިރާނެއް ނުވާނެ، ހަގީގަތުގައި ފޯޓްނައިޓް ކުޅެން އޭނާ ވަރަށް މޮޅު،" އޮޒިލްގެ އެޖެންޓް ބުނެފައި ވެއެވެ.