Roadha Mihaaru
ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭގޮތް ހަދަން އަންގައިފި

މިނީ ބަސް ފަށަން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް އަންގައިފި: ކައުންސިލް

05 ޖުލައި 2022

މި މަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މި މަހު 17 ގައި ފަށަން އުޅޭ މިނީ ބަހުގެ ހިދުމަތާ ގުޅިގެން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާ އެކު މިފަހުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ.

ނަރީޝް ވިދާޅުވި ގޮތުގައި، އެ ބައްދަލުވުންތަކުގައި ސަރުކާރުން އެދުނީ، ބަހުގެ ހިދުމަތް ފެށުމަށް މަޖީދީމަގާއި އަމީނީމަގާއި ފަރީދީމަގާއި އަދި އޯކިޑްމަގުގެ ދެ ފަރާތުގައި ވެސް ޕާކް ނުކުރެވޭނެ ގޮތް ހަދައިދިނުމަށެވެ. އެކަމަކު، އެކަމާ ކައުންސިލުން ދެކޮޅު ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ކައުންސިލުން މި ބުނަނީ ޕާކްކުރާނެ ތަނެއް ރައްޔިތުންނަށް ނުދައްކާ އެ ޕާކިން ނެގޭނެ އެއްވެސް ގޮތެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް މެމްބަރު އަހްމަދު ނަރީޝް ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް މެމްބަރު އަހްމަދު ނަރީޝް ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މަޖީދީމަގާއި އަމީނީމަގުގައި ޕާކިން ޒޯންތައް ހެދެން ހުރި ހުރިހާ ތަނެއްގައި މިހާރު ޕާކިން ޒޯންތައް ހަދާފައިވާ ކަމަށާއި އެކަން ކުރާނެ އިތުރު ޖާގައެއް މިހާރު އެ މަގުތަކުގައި ނެތް ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އޯކިޑްމަގާއި ފަރީދީމަގުގައި ޕާކިން ޒޯނެއް ނެތްއިރު، އެކަން ކުރާނެ ޖާގައެއް ވެސް ނެތް ކަމަށެވެ.

"ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް، އަޅުގަނޑުމެންގެ މެންޑޭޓުގައި ވެސް ހިމެނޭ ކަމެއް. ދައުލަތުގެ އެހެން ކުންފުންޏަކުން އެކަން ކުރާތީ ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ވެސް ދެން. އެކަމަކު ކިހިނެއްތޯ މިކަން ކުރާނީ؟،" ނަރީޝް ވިދާޅުވި އެވެ.

"އެ މަގުތައް ހުސްކުރާނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަކަށް ނެތް."

އެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޕާކިން ޒޯންތައް ވެސް އަތުލަނީ؟

ނަރީޝް ތުހުމަތުކުރެއްވި ގޮތުގައި، ސިޓީ ކައުންސިލަށް އެކަން ނުވާނެ ކަމަށް ބުނުމުން ސަރުކާރުން މިހާރު އުޅެނީ މާލޭގެ ހުރިހާ ޕާކިން ޒޯންތަކެއް އެ ކައުންސިލުގެ ބެލުމުގެ ދަށުން ނަގައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކަމަށެވެ.

"އަނެއްކާވެސް ލާމަރުކަޒީ ގާނޫނާ ހިލާފުކަމެއް ކުރަން މި އުޅެނީ. ލާމަރުކަޒީ ގާނޫނުގައި މަގުތަކަކީ ކޮން ބައެއްގެ ތަނެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވެވަޑައިގެންނެވި ވައުދެއް ކަމަށް ވިޔަސް، އެކަން އަދިވެސް އޮތީ ނުފެށި އެވެ. އެ ހިދުމަތް މި އަހަރު ފަށަން ދައުލަތުގެ ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ވަނީ 2019 ވަނަ އަހަރު އެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ ދިރާސާތައް ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިނީ ބަހުގެ ހިދުމަތް ދޭން ގެންނާނީ އިލެކްޓްރިކް ބަސްތަކެކެވެ.