Roadha Mihaaru
ޕާކިންގެ މައްސަލަ: މަޖީދީމަގުގެ ރަންޒަމާން ނިމުނީ؟

ޕާކިންގެ މައްސަލަ: މަޖީދީމަގުގެ ރަންޒަމާން ނިމުނީ؟

12 ސެޕްޓެމްބަރ 2022

ބޮޑެތި ކުލިތަކުގައި ކުދިކުދި ފިހާރަތައް މަޖީދީމަގުން ކުއްޔަށް ނަގައިގެން މީހުން ވިޔަފާރި ހިންގަނީ ސަބަބެއް އޮވެގެންނެވެ؛ ޒަމާނުއްސުރެ ވިޔަފާރި ރަނގަޅުވީމަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޮޑެތި ކުލިތަކުގައި ކުދިކުދި ފިހާރަތައް މަޖީދީމަގުން ކުއްޔަށް ނަގައިގެން މީހުން ވިޔަފާރި ހިންގަނީ ސަބަބެއް އޮވެގެންނެވެ؛ ޒަމާނުއްސުރެ ވިޔަފާރި ރަނގަޅުވީމަ އެވެ.

އެކަމަކު، އެ އަގުތަކުގައި މިހާރު އެ މަގުން ވިޔަފާރިވެރިޔަކު ތަނެއް ކުއްޔަށް ނަގައިފާނެ ބާ އެވެ؟ ސަބަބަކީ، މާލޭގެ މިނީ ބަސް ފެށުމަށް މުޅި މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ޕާކް ނުކުރެވޭނެ ގޮތް ހެދުމާ އެކު، ވިޔަފާރި އަށް ވަރަށް ބޮޑަށް އެނގުންވެލުމެވެ. އެ ބަދަލާ އެކު، ބައެއް ފިހާރަތަކުން ބުނަނީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެބައިކުޅަ އެއްބައި ވިޔަފާރި ދަށަށް ހިނގައްޖެ ކަމަށެވެ.

މާލޭގައި މިނީ ބަސް ފެށުމަށް މަޖީދީމަގުގައި ޕާކު ނުކުރެވޭ ގޮތް ސަރުކާރުން ހެދީ، ބަސް ދެކޮޅުން ދަތުރުކޮށްގެން ނޫނީ އެކަން ކުރެވެން ނެތިގެންނެވެ. މަޖީދީމަގާ އެކު އަމީނީ މަގުގައި ވެސް މިހާރު ޕާކެއް ނުކުރެވެ އެވެ. އެކަމަކު އަމީނީމަގާ ހިލާފަށް ވިޔަފާރިތަކަށް ބޮޑަށް އަސަރުކޮށްފައި ވަނީ މަޖީދީމަގުގެ ފިހާރަތަކަށެވެ. ސަބަބަކީ، މަޖީދީމަގާ ގުޅިފައިވާ ގިނަ ގޯޅިތަކުގެ ޕާކިން ޒޯންތައް ވެސް ފުރިފައި އޮތުމެވެ.

ދިވެހިން މިހާތަނަށް ޕްރެކްޓިސް ކުރަމުން އައީ ފިހާރައިގެ ކުރިމަތީގައި ޕާކުކޮށްލައިފައި ފިހާރަ އަށް ވަދެ އެއްޗެހި ގަނެލައިގެން އަވަހަށް ނުކުތުމެވެ. އެއީ އެކަން ކުރަން ދެވި ހިފާފައި ހުންނަ ގޮތެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ހިލާފަށް ސީދާ ވިޔަފާރިކުރާށޭ ކިޔާފައި، މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާފައި ގޮސް ބޮޑު ބާޒާރެއް ކުރުމަކީ ވަރަށް މަދުން ނޫނީ ދިވެހިން ކުރާ ކަމެއް ނޫނެވެ.

އެކަން އެންމެ ބޮޑަށް އެނގޭ އެއް ސަބަބަކީ، މަޖީދީމަގުގައި ހުރި ފިހާރަތަކަށް މިހާރު ދިމާވެފައި އޮތް މައްސަލަތަކުންނެވެ. ބައެއް ފިހާރަތަކުން ބުނާ ގޮތުން، ވިޔަފާރީގެ ރަންޒަމާން އަލްވަދާއު ކީ އެވެ!

މަޖީދީމަގުގެ ބައެއް ފިހާރަތަކަށް ބޮޑު ގެއްލުމެއް

މަޖީދީ މަގުގައި ހިންގާ އަންލިމިޓެޑް ފިހާރަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ބަޝީރު ބުނީ މިހާރު ސަައިކަލް ޕާކު ނުކުރެވޭތީ ވިޔަފާރި އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ބުނީ ފިހާރައަށް ވަންނަނީ ކޮންމެހެން އެއްޗެއް ގަންނަން ޖެހޭ މީހުން އެކަނި ކަމަށެވެ. އޭނާ ބުނާ ގޮތުން ވޭތުވެދިޔަ މަހެއްހާ ދުވަހު އެ ފިހާރައިގެ އާމްދަނީ 50 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

އަންލިމިޓެޑް ފިހާރަ އިން "މިހާރު" އާ ވާހަކަ ދައްކަނީ: އެ ފިހާރައިން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އަންލިމިޓެޑް ފިހާރަ އިން "މިހާރު" އާ ވާހަކަ ދައްކަނީ: އެ ފިހާރައިން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ފިހާރަ އަށް ވަންނަ މީހަކު ވެސް ބަލަނީ ގަންނަން އައި އެތި ގަނެގެން އަވަހަށް ނުކުމެވޭތޯ. ހެދުން އެއްޗެހި ވިއްކާ ފިހާރައެއް ކަމަށް ވާތީ ކަސްޓަމަރުންނަށް ތަކެތި ރަނގަޅަށް ބަލައިލަން ވަގުތު ބޭނުންވާނެ. އެކަމަކު މިހާރު އެފަދަ ކަސްޓަމަރުން ވަރަށް މަދު،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހެނދުނާއި މެންދުރު ފިހާރަ އަށް ވަންނަ މީހަކު އެއްގޮތަކަށް ވެސް ނުވާ ކަމަށެވެ.

"މިއަދު އަދި ކަސްޓަމަރަކު ފިހާރައަކަށް ނުވަދޭ،" އެ ދުވަހުގެ 11 ޖަހާކަން ހާ އިރު އޭނާ ބުންޏެވެ.

މަޖީދީމަގުގައި ހިންގާ އިންވައިޓް ފިހާރައިގެ ސުޕަވައިޒަރު މުހައްމަދު ޒާހިރު ބުނީ އެ ފިހާރަ އަށް ކުރިން ދުވާލަކު 25،000ރ. ލިބޭ އިރު ސައިކަލް ޕާކު ނުކުރެވޭ ގޮތް ހެދުމުން 5،000ރ. ވެސް ދުވާލެއްގެ މައްޗަށް ނުޖެހޭ ކަމަށެވެ.

އޮބިއޮން ފިހާރައިގެ ފަރާތުން "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޮބިއޮން ފިހާރައިގެ ފަރާތުން "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިހާރު މިހުންނަނީ ހަރަދުތައް މެނޭޖް ކުރާނެ ގޮތެއް ވެސް ނޭންގިފައި. ވިޔަފާރި އަށް ވަރަށް ބޮޑު ގެއްލުމެއް ވެއްޖެ،" އޭނާ ބުންޏެވެ.

މަޖީދީމަގުގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ ވެސްޓޯ އިން ވާހަކަ ދެއްކި ފާތިމަތު ޝަހީމާ ވެސް ބުނީ، ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"މިދިޔަ ދެ ހަފްތާއެއްގެ ތެރޭގައި ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ. ފިހާރަ އަށް ވަދެފައި ވެސް ފުލުހުން އައުމުން ބައެއް މީހުން އަވަހަށް ނިކުމެގެންދަނީ،" އޭނާ ވުންޏެވެ.

ހެދުމާއި މޯބައިލް ފޯނު ވިއްކާ ފިހާރަތަކުގެ އިތުރުން ފޮތި ފިހާރަތަކަށް ވެސް މިހާރު ވިޔަފާރި ވާ ވަރު ވަރަށް ދަށެވެ. މަޖީދީމަގުގެ މައްޗަންގޯޅީގައި ހިންގާ "އޮކޭޝަނަލް ލޭސް" އިން ބުނީ، މިއީ ކޮވިޑަށް ފަހު އެ ފިހާރަ އަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ފަހަރު ކަމަށެވެ.

މަޖީދީ މަގުން ދުއްވާ އުޅަނދުތައް ދަތުރު ކުރަނީ. އެމަގުގައ މިހާރު ޕާކު ނުކުރެވޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މަޖީދީ މަގުން ދުއްވާ އުޅަނދުތައް ދަތުރު ކުރަނީ. އެމަގުގައ މިހާރު ޕާކު ނުކުރެވޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ވިޔަފާރި ގާތްގަނޑަކަށް 30 ވަރަކަށް ޕަސެންޓު ދަށަށް ހިނގައްޖެ،" އެ ފިހާރައިގެ ކޭޝިއަރު ބުންޏެވެ.

އެކްޓިވް ވެޔާ ވިއްކާ އޮބިއޮން ފިހާރައިން ވެސް ވަނީ މިދިޔަ ދެ ހަފްތާއެއްގައި އެ ފިހާރައިގެ އާމްދަނީ ވެސް ދަށަށް ގޮސްފައިވާ ކަމަށެވެ.

"އެކަމަކު ހީވަނީ ދުވަސްކޮޅަކުން މިގެނައި ބަދަލަށް އެޖެސްޓްވާނެ ކަމަށް. ވިޔަފާރި ކުރަން ބޭނުންވާ މީހާ މިހާރު ވެސް އެބަ އާދޭ. އެކަމަކު ކުރިން ގޮތަށް އެއް ފިހާރައިން އަނެއް ފިހާރައިން ވަންނަ މީހުންގެ އަދަދު މަދުވުން ވިޔަފާރިއަށް އެކަން އެނގުން ވެއްޖެ،" އެ ފިހާރައިގެ ސުޕަވައިޒަރު ބުންޏެވެ.

ހައްލަކީ ކޮބާ؟

ބަހުގެ ހިދުމަތަކީ، ފިހާރަތަކުން ވެސް ގަބޫލުކުރާ ގޮތުގައި ދޭން ޖެހޭ ހިދުމަތެކެވެ. އެކަމަކު، ބައެއް ފިހާރަތަކުން ބުނަނީ މާލޭގައި ޕާކިން ޒޯންތައް އިތުރު ކުރަން ޖެހޭ ކަމަށެވެ.

"މި ފިހާރަ އަށް ވަންނަ މީހާ އަށް ކުރިން ހަމަ ސީދާ ފިހާރައިގެ ކުރިމަތީގައި ޕާކު ކުރެވޭ. ޕާކިން ޒޯނެއް އޮތް. އެކަމަކު މިހާރު މި ފިހާރަ އަށް ވަންނަން ބޭނުންވާ މީހާ ޕާކްކޮށްފައި މި އަންނަން ޖެހެނީ 100 ވަރަކަށް ފޫޓު ދުރުން. މިތަނާ ކައިރީގައި ޕާކިން ޒޯނެއް ނެތް،" މަޖީދީމަގުގެ ފިހާރައަކުން ބުންޏެވެ.

ގިނަ ފިހާރަތަކުން ގަބޫލުކުރަނީ، ޒަމާނުއްސުރެ އޮތް އާދައެއް ކުއްލިއަކަށް ބަދަލުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެކަމަކު އާންމުން ހިނގާފައި ނުކުމެ ދިގު ވިޔަފާރިއަކަށް ހޭނެންދެން ބޮޑެތި ކުލިތައް ދައްކައިގެން ތިބޭނެ ގޮތެއް، އެއީ ވިޔަފާރިވެރިންނަށް އޮތް ބޮޑު ކަންބޮޑުވުމެވެ.

"މިގޮތަށް ގެއްލުމުގައި ހިފެހެއްޓޭނީ ކިހާ ދުވަހަކުތޯ، އެއީ އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ،" އޭނާ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް، މަޖީދީމަގުގައި ޕާކިން ޒޯނެއް ހެދުމަކީ ދެން ވުން ވަރަށް ދުރު ކަމެކެވެ. މަޖީދީމަގާ ގުޅިފައި ހުރި ގޯޅިތައް ވެސް ބޮޑެއް ނުކުރެވޭނެ އެވެ. ދެން އޮތް ހައްލަކީ، ދުރުގައި ސައިކަލް/ ކާރު ބާއްވައިގެން ގޮސް ވިޔަފާރި ކުރުމެވެ.