Roadha Mihaaru
ރަށްތައް ދޭ ގޮތުން ކަންބޮޑުވުން ހުށަހެޅިން: ހެއްކެއް

ޔާމީން މައްސަލަ: ހެކިވެރިޔަކު ބުނީ ރަށްތައް ދޫކުރާ ގޮތާ މެދު ކަންބޮޑުވުން ހުށަހެޅި ކަމަށް

30 ޖޫން 2022

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، އިތުރު ހެކިވެރިއެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، އިތުރު ހެކިވެރިއެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނު ރިޝްވަތު ދެއްވި ކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ ޓޫރިޒަމް މިނިސްޓްރީގައި އޭރު މަސައްކަތްކުރި ލީގަލް މުވައްޒަފެކެވެ. އޭނާ ހާޒިރުކުރީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމުގައި އަމަލު ކުރަމުންދިޔަ އުސޫލާ ބެހޭގޮތުން ކަންކަން ސާބިތު ކުރުމަށެވެ.

ހެކިބަސް ދެމުން އޭނާ ބުނި ގޮތުގައި ރަށްތައް ދޫކުރަން އޮފާ ލެޓާ ދޭން ނިންމަނީ އެއިރެއްގެ ޓޫރިޒަމް މިނިސްޓަރު ކަމަށާއި އަދި އަގު ވެސް ކަނޑައަޅަނީ މިނިސްޓަރު އަމިއްލަފުޅަށް ކަމަށެވެ. އަދި އޭރު ރަށް ދޫކުރާނެ އަގުތައް ކަނޑައެޅުމުގައި ތަފާތުކުރުން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އިންނާނެ ޓޫރިޒަމް މިނިސްޓަރަށް ދެތިން ފަހަރު ދަންނަވާފައި. އަދި އަޅުގަނޑަށް އެނގިގެން ޓޫރިޒަމް މިނިސްޓްރީގެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ކޮންސާން މިނިސްޓަރަށް ދަންނަވާފައިވަނީ."

އޭނާ ބުނި ގޮތުގައި ކުއްޔަށް ދޫކުރި ރަށްތަކުގެ ތެރޭގައި އާރަށް ހިމެނުނަސް އެ ރަށް 2015 ވަނަ އަހަރު ކުއްޔަށް ދޫކުރިއިރު އޭނާ ޗުއްޓީގައި ހުރުމުން އެކަމާ ބެހޭ މައުލޫމާތެއް ނޭނގެ އެވެ. އަދި ރަށްތަކުގެ ފައިސާއާ ހަވާލުވަނީ އެމްއެމްޕީއާރުސީން ކަމަށްވާތީ އެރަށުގެ ފައިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އާންމު އުސޫލަކީ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެތަނަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަނެއް ކަން ރައީސް އޮފީހުން ކަނޑައެޅުމެވެ. އެކަމަކު އެ އުސޫލާ ޚިލާފަށް، ބައެއް ރަށްތައް ރައީސް އޮފީހުން ކަނޑަނާޅަނީސް، ކުއްޔަށް ދޫކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް ނެގީ ތިން މީހެއްގެ ހެކިބަހެވެ. އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ އޮގަސްޓް މަހު އެވެ.