04 ޖުލައި 2022
ހިލޭ ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް އޮތް އާސަންދަ ސްކީމުން އެތައް ސަތޭކަ މިލިއަނެއް ހޭދަކުރާއިރު ވެސް އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ގޮސް ޑޮކްޓަރަށް ދައްކަން އެ ނަގާ ފީ ނުވަތަ ކޯ-ޕޭމަންޓަކީ ވެސް މިހާރު އާއްމުންނަށް ބޮޑު ބުރައެކެވެ.
ހިލޭ ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް އޮތް އާސަންދަ ސްކީމުން އެތައް ސަތޭކަ މިލިއަނެއް ހޭދަކުރާއިރު ވެސް އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ގޮސް ޑޮކްޓަރަށް ދައްކަން އެ ނަގާ ފީ ނުވަތަ ކޯ-ޕޭމަންޓަކީ ވެސް މިހާރު އާއްމުންނަށް ބޮޑު ބުރައެކެވެ.
އާސަންދަ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަލި މީހުންގެ އަތުން މި ގޮތަށް ބޮޑު ފީއެއް ނެގުމަކީ އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުނި ވަރަށް ކަންބޮޑުވާ ކަމެކެވެ.
ފަރުވާގެ ހުރިހާ ކަމަކަށް އަހަރެއްގެ މައްޗަށް އާސަންދައިން 2-3 ބިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އޭގެ ބޮޑު ބައެއް މި ވަންނަނީ އަމިއްލަ ތަންތަނަށެވެ. މިދިޔަ އޭޕްރީލް މަހު އެކަނި ވެސް ފަރުވާއަށް އާސަންދައިން 165،850،124ރ. ހަރަދުކުރި އެވެ. އޭގެ 60 ޕަސެންޓް ހަރަދުކޮށްފައިވަނީ ރާއްޖެ އާއި ބޭރުގެ ކްލިނިކާއި ހޮސްޕިޓަލްތަކަށެވެ.
އެ މުއްދަތުގެ ތެރޭގައި އަމިއްލަ ތަންތަނަށް 101،115،455ރ. ހަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ހިސާބުތަކުން ދައްކަ އެވެ.
ދައުލަތުން ކުރާ ހޭދައިގެ އިތުރުން ކޯ-ޕޭމަންޓާއެކު ފަރުވާއަށް އެކަނި ވެސް ރާއްޖޭގައި ޖުމްލަ 6-7 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އެއީ ބައި ލައްކަ މީހުންގެ އާބާދީއަކާ އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ގިނަ ބަލިތަކަށް ފަރުވާ ހޯދާ ވަރަށް ރާއްޖޭގެ ސިއްހީ ދާއިރާ އަދި ދޮންވެ ފައްކާނުވާތީ ކިތައްމެ ބޮޑު ހަރަދެއް ހިނގި ނަމަވެސް މި ވަގުތަށް އޮތް ހައްލަކީ ވެރި ރަށުގައި ތިބުމެވެ. ސަރުކާރުގެ އިންޝުއަރެންސް ނިޒާމްގެ ފުލް ކަވަރޭޖް ލިބެނީ ހަމައެކަނި އައިޖީއެމްއެޗް/ހުޅުމާލެ ހޮސްޕިޓަލް ކަމަަށް ވިޔަސް އެ ތަނުގެ ކިއު ދިގުވުމުން އެއީ ރަނގަޅު އޮޕްޝަނެއް ކަމަށް ބެލެވޭކަށް ވެސް ނެތެވެ. އެހެންވެ، އާއްމު މީހާއަށް މި ޖެހެނީ ކިތައްމެ ބޮޑު ހަރަދެއް ހިނގި ނަމަވެސް އަމިއްލަ ކްލިނިކް ނުވަތަ ހޮސްޕިޓަލަށް ދައްކައިގެން ފަރުވާ ހޯދާށެވެ.
އެ ކަންބޮޑުވުންތަކާއި ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ދެކޮޅު ހަމަޖައްސާލައިގެން އުޅޭ އާއްމު މީހަކަށް ސިއްހީ ކުއްލި ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ދާއިމީ ފަރުވާއެއް ހޯދަން ޖެހޭ ހާލަތަކަށް ހިނގައްޖެނަމަ ޖީބު ހުސްވާ ހިސާބަށް ދާތީ ސަރުކާރުން މިހާރު ވަނީ ސިއްހީ ފަރުވާގެ އަގު ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ފަށައިފަ އެވެ.
އެއީ ދިވެހިން އާއްމުކޮށް ފަރުވާ ހޯދާ އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެވެ.
އަމިއްލަ ހޮސްޕިޓަލާއި ކްލިނިކްތަކަކީ އެ ބައެއްގެ އަމިއްލަ ވިޔަފާރިއަކަށް ވިޔަސް، ސިއްހީ ފަރުވާއަކީ އަސާސީ ހައްގަކަށް ވާތީ އެ ތަންތަނުގައި ވެސް އަގުތައް ކަނޑައަޅާއިރު އަމަލުކުރަން ޖެހޭ ގޮތްތަކެއް ހުރެ އެވެ. ރާއްޖޭގައި ވެސް އަމިއްލަ ސްކޫލްތަކުގެ ފީ ކަނޑައެޅުން އެޑިއުކޭޝަން މިނިސްޓްރީން ރެގިއުލޭޓްކުރެ އެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ގޮތްތައް ބެލުން ފިޔަވައި މިނިސްޓްރީން ކުރާ ކަމެއް ނެތެވެ. ސިސްޓަމް ބައްޓަންކޮށްފައި އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތަށް، ބޭނުން އަގެއް ނެގޭ ގޮތަށެވެ.
އާސަންދައިން ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ އެ ސްކީމް ފެށިއިރު، ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ގިނަ ވެގެން ނެގޭނީ ޖުމްލަ 500ރ. ކަމަށް އަމިއްލަ ތަންތަނަށް އެންގި ކަމަށެވެ. އޭރު ގިނަ ކްލިނިކްތަކުން އެއަށް އަމަލު ވެސް ކުރި އެވެ. ނަމަވެސް މެޑިކަލް އިންޑަސްޓްރީއަށް އަންނަމުންދިޔަ ބަދަލުތަކާއެކު، ކޯ-ޕޭމަންޓްގެ އަގު ބޮޑުވެ، އަމިއްލަ ޖީބުން ކުރާ ހަރަދު ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު އާސަންދައިން ކަވަރު ކޮށްދޭ އަގަކަށް ބަދަލެއް ނުގެނެ އެވެ. އެހެންވެ، އިންޝުއަރެންސް އެއް ލިބުނަސް ބަލި މީހުންގެ އަތުން ކުރާ ހޭދަ ދިޔައީ އިތުރުވަމުންނެވެ.
އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް އާސަންދައިން ކަނޑައަޅާފައިވަނީ 100ރ. އެވެ. ސްޕެޝަލިސްޓަކަށް 200ރ. އެވެ. އެކަމަކު، އަމިއްލަ ކްލިނިކްތަކުން ކޯ-ޕޭމަންޓު އެތައް ގުނައެއް ބޮޑުކޮށް، އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް އިތުރު 200ރ. އަދި ސްޕެޝަލިސްޓަކަށް ދައްކަން 400ރ. ހަރަދުކުރަންޖެހެ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވެސް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިދިޔަ ހަފުތާގައި ވިދާޅުވީ ފަރުވާގެ ކަންކަމަށް ޕްރައިވެޓް ސެކްޓާއިން ކިޔާ އަގު މާ ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަގުތައް ކޮންޓްރޯލްކުރުމަށް ޓްރީޓޮޕާއި އޭޑީކޭއާއެކު 2019 ވަނަ އަހަރުން ފެށިގެން ޕެކޭޖު އަގުތަކެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އުސޫލުން މިހާރު ވެސް 90 ވަރަކަށް ޕެކޭޖު ހަދައި އެ ދެ ތަނަށް ތައާރަފްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/cy2S2cWvOk
— People's Majlis (@mvpeoplesmajlis) June 22, 2022
އެކަމަކު ބޮޑެތި ސާޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް އެކި ފަހަރު ހުންނަނީ އެކި އަގުތަކުގައި ކަމަށްވާތީ، އާސަންދައަށް ކުރާ ބިލްތައް ވެސް އެކި ފަހަރު ހުންނަނީ އެކި ވަރަށެވެ.
ބައެއް ހޮސްޕިޓަލްތަކުގައި ބޭރުން މީހުން ގެނެސްގެން އޮޕަރޭޝަންތައް ކުރާ ކަމަށާއި އެކަމަކު އެ ހާލަތްތަކުގައި ވެސް ބަލި މީހާ ބޭރަށް ފޮނުވައިގެން ފަރުވާ ދިނުން ވެސް މާ އަގުހެޔޮ ކަމަށް މަރިޔަމް ވިދާޅުވި އެވެ.
"މިސާލަކަށް ނިއުރޯ ސާޖަރީއެއް، 400،000ރ. އަށް ހަދާ ސާޖަރީއެއް މާލޭގައި ތަނެއްގައި ހަދަންޏާ އެބަ އަރާ 800،000ރ. އާ ހަމައަށް. އެ ކަހަލަ ބައިވަރު ކަންތައްތައް އެބަހުރި އަގުތަކުގައި ވެސް. ރާއްޖޭގައި ނެތް ސިސްޓަމެއް މިސާލަކަށް ހެލްތު ސާވިސްގެ އަގުތަކަކީ މި ވެނީ ވަރެކޭ، އެވެނި ވަރެކޭ ބުނާ ވަރުގެ އުސޫލެއް، ގަވައިދެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ކްލިނިކްތަކުން ވެސް ހޮސްޕިޓަލްތަކުން ވެސް އަގު ހެދުމުގައި ވެސް އެއްވެސް ކަހަލަ އުސޫލެއް ނޯވޭ. ބޭނުން އަގެއް ބޮޑު ކޮށްލަނީ."
އަމިއްލަ ފަރާތްތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފަރުވާގެ އަގު ކޮންޓްރޯލްކުރެވޭތޯ އެވެ. އެކަމަކު، މި މައްސަލައާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން މަހަކަށް ވުރެ ގިނަ ދުވަސްވަންދެން މަސައްކަތްކޮށްގެން ވެސް އެކަމެއް ކާމިޔާބީއެއް ނުވެ އެވެ. އެހެންވެ، އެކަމުގެ ޕޮލިސީ ކަނޑައެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ.
ނަމަވެސް މި ރިޕޯޓަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ އަގު ކޮންޓްރޯލް ކޮށްފިނަމަ ނުކުންނާނެ ނަތީޖާ މާ ގޯސް ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ފަރުވާތަކަށް އެ ހޮސްޕިޓަލްގައި ނަގާ އަގު ބޮޑުވާން ދިމާވަނީ ބައިވަރު އެހެން ސަބަބުތަކާ ވެސް ހެދި ކަމަށެވެ.
ފުރަތަމަ ކަމެއްގެގޮތުގައި އޭނާ ފާހަގަކުރެއްވީ ފަރުވާ ދިނުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ވަރަށް ބޮޑު ކަމެވެ. އެކަމަކު، ރާއްޖޭގައި ސިއްހީ ފަރުވާ ބޭނުންވާ އެ ވަރުގެ ގިނަ ބަޔަކު ނެތް ކަމަށް ވާތީ، ފަރުވާއަށް ކުރާ ބޮޑު އިންވެސްޓްމަންޓްގެ ރިކަވަރީއަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމަށް އަފްއާލް ވިދާޅުވި އެވެ.
ފަރުވާ ދިނުމަށާއި ހޮސްޕިޓަލް ހިންގަން ބޭނުންވާ މެޝިނާއި އެހެން ހުރިހާ އާލާތެއް ވެސް ޖެހެނީ ރާއްޖެ އެތެރެކުރަން ކަމަށާއި އެ ހުރިހާ ކަމަކަށް ބޮޑު ހަރަދެއް ހިނގާ ކަމަށް އަފްއާލް ވިދާޅުވި އެވެ.
"އެ ގޮތަށް ހަދާއިރު، ރާއްޖޭގައި މި އޮންނަ ކުޑަ އިކޮނޮމީ އަށް ވާ ވަރަށް އެ ހުރިހާ ހަރަދުތަކެއް ކުރާނަމަ އޭގައި ހުންނަ އަގުތަކަކީ ވާދަވެރި އަގުތަކެއް. އަވަށްޓެރި ގައުމުތަކަށް ވުރެ ހެޔޮ އަގުތަކެއް ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓާއިން ކިޔާ އަގުތައް ބޮޑު ކަމަށް ބުނެ، ރާއްޖެއިން ލިބޭ ބައެއް ފަރުވާތަކަށް ބޭރުގެ ހޮސްޕިޓަލަށް ފޮނުވިޔަސް ފަރުވާއާ ގުޅިފައި ހުރި އެހެން ހުރިހާ ކަމެއް ހިމަނައިގެން އަޅާކިޔާނަމަ އަގުގައި މާ ބޮޑު ތަފާތެއް ނެތް ކްމްށް އޭޑީކޭއިން ބުނެ އެވެ.
ބޭރަށް ފަރުވާއަށް ދާ ބަލި މީހާ އަދި އޭނާގެ އެހީތެރިޔާގެ ޓިކެޓަށް އާސަންދައިގެ އެހީ ލިބުނަސް، ބޭރުގައި ތިބުމާއި ކެއުމުގެ ހަރަދަށް އަމިއްލަ އަތުން ހަރަދުކުރަންޖެހެ އެވެ.
އޭޑީކޭގައި މީގެ ކުރިން ބޭއްވި ހަފުލާއެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް އަދި އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު
"މިދިޔަ 50 އަހަރަށް ވިސްނާލައިފި ކަމަށްވަންޏާ ކައިރި ގައުމުތަކުގައި ދިވެހިންނަށް ހާއްސަކޮށް ވޯޑު ހަދާފައި އެބަހުރި. ދިވެހިންނަށް ހާއްސަކޮށް ކައުންޓަރު ހަދާފައި ދިވެހި ބަހުން ލިޔެފައި ހުރޭ. ދިވެހިންނަށް ވަޒީފާ އެބަ ދޭ. މާނައަކީ ދިވެހި ރާއްޖޭގެ މީހުންގެ ޓެކްސް ފައިސާއިން ވަރަށް ބޮޑު އާމްދަނީއެއް، ވަރަށް ބޮޑު ކުރިއެރުމެއް އެބަ ހޯދައޭ ކައިރި ގައުމުތަކުގެ ހެލްތު ސިސްޓަމުން. އެ ސިސްޓަމްތައް ތަރައްގީވެއްޖެ ދިވެހީންގެ ލާރީގައި. އެ މީހުން އިމާރާތް ވެސް އަޅައިފި. އިކުއިޕްމަންޓް ވެސް ގަނެފި. މީހުން ތަމްރީން ވެސް ކޮށްފި. މި ހުރިހާ ކަމެއް އެބަ ކުރޭ ހަމަ ދިވެހިންގެ ޓެކްސް ފައިސާގައި،" އަފްއާލް ވިދާޅުވި އެވެ.
ސިއްހީ ހިދުމަތަކީ ޖީއެސްޓީ ނެގޭ އެއްޗަކަށް ނުވިޔަސް އެ ސިއްހީ ހިދުމަތްދޭން ގަންނަ ހުރިހާ އެއްޗަކަށް ހަ ޕަސެންޓްގެ ޖީއެސްޓީއެއް ދައްކަން ޖެހޭ ކަމަށް އަފްއާލް ވިދާޅުވި އެވެ.
ފަރުވާގެ އަގު ބޮޑުވެގެން ދަނީ އެ ހުރިހާ ސަބަބުތަކާ ހެދިކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ފަރުވާ ދޭ އަގުގެ ވާހަކަ އެކަނި ނުދައްކައި މުޅި އިގުތިސޯދީ ނަޒަރަކުން ބަލާއިރު އެ ހިދުމަތްތަކުގެ އަގު އަސްލު ބޮޑު ނޫން ކަމަށެވެ. އެކަމަކު، އެކަން ވިސްނައިގެން މުޅި އާސަންދައިގެ ނިޒާމް ބައްޓަންކުރެވިއްޖެ ނަމަ ބޭރަށް ދާ މީހުން މަދުވާނެ ކަމަށާއި ރާއްޖެއިން ހިދުމަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ކޮންމެހެން ދޭން ނުޖެހޭ ކަންކަމަށް އާސަންދަ ދިނުން ހުއްޓާލައިގެން އޭގެ ކަވަރޭޖަށް ބަދަލު ގެނެވިދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ޕެނެޑޯލާއި ހިތާނު ކުރަން އާސަންދަ ދިނުމެވެ. އޭގެ ބަދަލުގައި ހާޓް އެޓޭކް ޖެހިގެން ފަރުވާ ހޯދަން ބޭނުންވާ މީހާގެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާއިރު އަމިއްލަ ދިރިއުޅުން ހަލާކުވާ ވަރަށް ލޯނެއް ނަގަން ނުޖެހި ނުވަތަ އާއިލާ ބަނގުރޫޓް ނުވާނެ ގޮތަށް އާސަންދަ ބައްޓަން ކުރެވޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
"އެހެންވެއްޖިއްޔާ ރާއްޖޭގެ އެހެން އެއްވެސް ހޮސްޕިޓަލަކުން ލިބެން ނެތް ހިދުމަތެއް ޓްރީޓޮޕް ހޮސްޕިޓަލުން ލިބެނީ މިސާލަކަށް. އެ ހިދުމަތް ކީއްވެގެން ހެއްޔޭ އެހެން ވިއްޔާ ފުލްކޮށް ކަވަ ނުކޮށްދޭންވީ ނޫނީ އޭޑީކޭއިން އެކަނި ލިބެނީ. އެ ހިދުމަތްތައް ކީއްވެ ރެފާ ނުކުރަންވީ. ބޭރަށް ދަންޏާ އެކަމަކު ލިބޭ،"
"އެ ހުރިހާ ގޮތަކަށް ބަލަންޏާ، އަގު ބޮޑޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ހަގީގަތުގައި."
ރާއްޖޭގައި ކާޑިއެކް ސާޖަރީގެ ހިދުމަތް ލިބެނީ ހަމައެކަނި އޭޑީކޭގައި ވިޔަސް އެކަމަށް އާސަންދައިގެ ފުލް ކަވަރޭޖެއް ނުލިބޭ ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭގެ އިތުރުން ނާރުގެ ބައެއް އޮޕަރޭޝަންތަކަކީ ވެސް އެ ހޮސްޕިޓަލުން އެކަނި ދޭ ފަރުވާތައް ވިޔަސް، ބޭރުން ފަރުވާ ހޯދާނަމަ އާސަންދައިގެ ފުލް ކަވަރޭޖް ދެ އެވެ.
އާސަންދަ ސިސްޓަމް ރަނގަޅުކުރަން ވަރަށް ގިނަ ވާހަކަ ދެއްކިއަސް އެކަންކަން ރަނގަޅު ނުވަނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް އަފްއާލް ވިދާޅުވި އެވެ. ރަނގަޅު ނިޒާމަކަށް ދަންޏާ އެ ނުފޫޒުތަކުން އެއްކިބާވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ޑައިލިސިސް ސެޝަނަށް އާސަންދައިން ކަނޑައަޅާފައިވާ 400ރ. އަށް، އެންމެ ސެޝަނެއްގެ ޑައިލިސްގެ ހަރަދު ވެސް ނުލިބޭ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: އަމިއްލަ ހޮސްޕިޓަލްތަކުގެ ފަރުވާގެ އަގު ބޮޑު ކަމުގެ ޝަކުވާ ކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑައިލިސިސް ޝެޝަނެއްގެ ކޯ-ޕޭމަންޓަށް ބަލި މީހުންގެ އަތުން އޭޑީކޭއިން ނަގަނީ 1،085ރ. އެވެ. ގިނަ މީހުން ހަފުތާއަކު ތިން ދުވަހު ޑައިލިސިސް ހަދަންޖެހެ އެވެ. އެ ރޭޓުން ބަލާނަމަ އެއީ މީހެއްގެ އަތުން މަހެއްގެ މައްޗަށް 13،020ރ. އެވެ. ޓްރީޓޮޕްގައި ޑައިލިސިސް ހަދައިދެނީ ސެޝަނެއް 1،000ރ. އަށެވެ.
"އެއްވެސް ޕަބްލިކް ހޮސްޕިޓަލަކީ އާސަންދައިން ލާރި ދައްކައިގެން ހިންގާ ތަންތަނެއް ނޫން. އެތަންތަން ހިންގަނީ ކޮންމެ އަހަރަކު ދައުލަތުން ކަނޑައަޅާ ބަޖެޓަކުން. އާސަންދައިން ޕަބްލިކް އެއްވެސް ހޮސްޕިޓަލެއްގެ ބިލަކަށް ފައިސާއެއް ނުދައްކާނެ. އެންމެ ލާރިއެއް ވެސް ނުދައްކާނެ،" އަފްއާލް ވިދާޅުވި އެވެ.
ނަމަވެސް ރީޖަނަލް ހޮސްޕިޓަލަކުން ވާހަކަދެއްކެވި ބޭފުޅަކު އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް ހިންގަން ކަނޑައަޅާފައިވާ ބަޖެޓުގެ އިތުރުން ފަރުވާއާ ގުޅޭ ހުރިހާ ކަމަކަށް އާސަންދައިން ބަރާބަރަށް ފައިސާ ދައްކަ އެވެ.
ހޮސްޕިޓަލާއި ކްލިނިކްތަކުން ނަގާ އަގު ކޮންޓްރޯލްކޮށްފިނަމަ ހުރިހާ ތަނެއް ބަނގުރޫޓްވާނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ހިދުމަތެއް ނުލިބޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ. އެއަށްވުރެ، އާސަންދައިގެ ކަވަރޭޖަށް ބަދަލުތައް ގެނައުން މާ މުހިއްމު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ވީހާ ބޮޑަށް މަސައްކަތް ކުރަނީ އަގަށް ބަދަލެއް ނުގެނެސް، އެއް ވަރެއްގައި ހިދުމަތް ދިނުމަށް ކަމަށެވެ. އެކަމަކު އަފްއާލް ވިދާޅުވީ އެކަން ނުކޮށް ހިދުމަތްތައް ހުއްޓާލާ ހިސާބަށް ދިއުމުން އަގުތަކަށް ބަދަލު ގެންނަ ކަމަށެވެ.
އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އޭޑީކޭގެ ފަރުވާތަކަށް އަގުތައް ކަނޑައަޅާއިރު ރިއާޔަތްކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ.
"އަގުތައް ކަނޑައަޅާއިރު ކޮންސިޑާ ފެކްޓާއެއް ރައްޔިތުންގެ ފުދުންތެރިކަމާއި އެ މީހުންނަށް، އަހަރެމެން މި ކަނޑައަޅާ އަގުގައި އެ ހިދުމަތް ނެގޭނެތޯ، އެހެން ބަލާފައި ބައެއް ހިދުމަތްތައް ތައާރަފްކުރަން ދަތިވެފައި ތިބެން ޖެހޭ. މިސާލަކަށް އެންޑޯ ވެސްކިއުލާ. އެ ފަރުވާގެ އަގު ވަރަށް ބޮޑުކޮށް މި އަންނަނީ. އަހަރެމެންނަށް ވަރަށް އުނދަގޫވޭ، މީހުންނަށް އެފޯޑްކުރަން ފަސޭހަ އަގެއް ނޫން އެއީ. އެހެން ވެއްޖިއްޔާ އެ ހިދުމަތް ނުގެނެސް ތިބެންވީތަ؟ އެ ހިދުމަތެއް ނެތް ރާއްޖޭގައި އެފޯޑަބަލްކޮށް ދެވޭކަށް،" ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ފާހަގަކުރެއްވި ގޮތުގައި ޑޮކްޓަރަށް ދެއްކުމަށް އެހެން ހޮސްޕިޓަލް/ކްލިނިތަކުން ނަގާ އަގަށްވުރެ ކުޑަ އަގެއް ނަގައިގެން އޭޑީކޭއިން ހިފަހައްޓާލަނީ އެވެ.
ހެލްތު ކެއާގެ ޕްރައިވެޓް ސެކްޓާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ އަގުބޮޑުވުމުގެ އެއް ސަބަބަކީ މެޝިނަރީސް ފަދަ ތަކެތި އަގުބޮޑުވުމެވެ. އެ ތަކެތި ގަންނަން، އެ މެޝިން އުފައްދާ އަސްލު ކުންފުނީގައި އެދުނު ނަމަވެސް އެ އެއްޗެހި ގެންނަން ޖެހެނީ ރާއްޖޭގައި ހުންނަ ނުވަތަ ރާއްޖެއަށް ހަމަޖައްސާފައިވާ އެޖެންޓުން މެދުވެރިކޮށް ކަމަށާއި އެގޮތަށް ގަންނައިރު ވަރަށް ބޮޑު ފައިދާއެއް ލާ ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި ހަފުލާއެއްގައި ހެލްތު މިނިސްޓަރު ނަސީމް (ކ-2) އަދި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
"މި ޕްރޮޑަކްޓް 4-5 ގުނަ ލައިފިއްޔާ އަހަރެމެން އެ އަގުގައި ގަންނަ ކަމުގައި ވަންޏާމު އެ ކޮސްޓް ޕާސް ކުރާނެ ޕޭޝަންޓަށް. ހަގީގަތުގައި ރާއްޖޭގައި މި ހުންނަ އެޖެންޓުން ވިއްކީމަ ލާން ޖެހެނީ އޭގެ ކޮސްޓިން ތެރެއަށޭ. އޭގެ ބަދަލުގައި އާސަންދައިން ނުވަތަ ސަރުކާރުން ވެސް ކޮންޓްރޯލްކުރަން ޖެހޭ ޑިސްޓްރިބިއުޓާގައި ހުންނަ އެއްޗެހީގައި ރީސަނަބަލް އަގެއް. މިއީއޭ މެކްސިމަމް އެއްޗަކަށް ލާންޖެހޭ އަގަކީ. އެހެން ނޫނިއްޔާ މީގަ ކޮންޓްރޯލެއް ނެތެއްނު. އޭރަށް އެ އެއްޗެހީގައި ހަރަދުބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު މައްސަލައެއް. އަހަރެމެން މި ބަލަނީ އަގު ކޮންޓްރޯލްކުރަން ޑައިރެކްޓްރީ ކިހިނެއްތޯ ލިބޭނީ."
އެކި ކަންކަމަށް ހަދާ ޓެސްޓުތަކަށް ބޭނުންވާ މެޝިނަރީޒްއާ ކެމިކަލް ފަދަ އެއްޗެހި ގަންނަން ޖެހެނީ 50-60 ޕަސެންޓުގެ ބޮޑު އަގުގައި ކަމަށްވާތީ އެ ކްލިނިކްތަކުން ވެސް އެއަށް މާޖިން ލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ ފަރުވާގެ ކޮލިޓީ ދަމަހައްޓަން ޖެހޭތީ ފަރުވާއަށް ކޮންމެ ކަހަލަ މެޝިނެއް ބޭނުމެއް ނުކުރެވެ އެވެ. އެކަމަކު، މެޝިނަރީޒްގެ އަގަށް ކޮންމެ ވެސް ގޮތަކަށް ކޮންޓްރޯލެއް ގެނެސްގެން ނޫނީ ފަރުވާގެ އަގަށް ބަދަލެއް ނާންނާނެ އެވެ.
ތަޖުރިބާކާރު ވިދާޅުވީ ވިއްކާ ޕްރޮޑަކްގެ އަގު ކޮންޓްރޯލް ނުކުރަނީސް ފަރުވާގެ އަގަށް ބަދަލެއް ނުގަނެވޭނެ ކަމަށެވެ. އަދި އެ ގޮތަށް ޕްރޮޑަކްޓްތަކުގެ އަގު ކޮންޓްރޯލް ނުކޮށްފިނަމަ ފަރުވާ ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލަށް އެކަނި އަގު ކޮންޓްރޯލް ނުކުރެވޭ ހާލަތަށް އަތުވެދާނެ. ފަރުވާތަކަށް ލާ މާޖިންގެ އަގުތައް ވެސް އާސަންދައަށް އިނގޭނެ. އެ ހުރިހާ އެއްޗެއް އާސަންދައަށް ފޮނުވާނެ."
އެއް ބައެއްގެ އަނެއް ކަންބޮޑުވުމަކީ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކަން އެކަނި ވެސް ބޮޑު ހަރަދެއް ކުރަން ޖެހުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރަށް ދައްކާ އަގު ކަނޑައަޅަނީ އެ ތަނެއްގެ މެނޭޖްމަންޓާއި އެ ޑޮކްޓަރަކު އަމިއްލައަށް މަޝްވަރާކުރުމަށްފަހުގަ އެވެ. އަދި އެގޮތަށް ނަގާ ކޯ-ޕޭމަންޓުގެ ވަކި ވަރެއް ދަނީ ކްލިނިކްތަކަށެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކޮށްގެން ޑޮކްޓަރުންނަށް މަހެއްގެ މައްޗަށް 200،000 އާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓްސް ވިއްކަނީ އޭޑީކޭއާ އެސްޓީއޯ އަދި މެޑްޓެކުންނެވެ.
މެޑްޓެކްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފަރުވާއަށް އަދި ވެސް އާސަންދަ ލިބެނީ ވަރަށް ކުރީގެ އަގުތަކަކަށް ކަމަށެވެ. އެއީ، އެ ކުންފުނިން ވިއްކާ ސާމާނާ ގާތްކުރާ އަގުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނިން ގެންނަ ލެބް ކެމިސްޓްރީގެ ބްރޭންޑްގެ ތަކެތީގެ ސަބަބުން ދައުލަތުގެ ބަޖެޓުން 20 މިލިއަން ރުފިޔާ ސަލާމަތްވާކަން އައިޖީއެމްއެޗްގެ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އާސަންދައިގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް މެޑްޓެކުން ބުންޏެވެ.
"އެހެން ބުނުމުގެ ޖާގައެއް ނޯންނާނެ [މެޝިނަރީޒް] އަގުބޮޑު ކަމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީދާ މެޑިކަލް އިކުއިޕްމަންޓް އުފައްދާ ކުންފުނިން އެ ތަކެތި ގަނެގެން ރާއްޖެއަށް އެތެރެކުރަން ފެށުމުން އެ ފަދަ ސާމާނުތަކަށް ރާއްޖެއިން ކުރާ ހޭދަ ކުޑަވެގެން ގޮސްފައިވާ ކަމަށެވެ.
"ކުރީގައި ވިއްޔާ މުޅިން ސިލޯނު، އިންޑިއާ ތަންތަނުން ތާޑް ޕާޓީން އެއްޗެހި ގެނެސްގެން އަގުބޮޑުކޮށް ވިއްކާފައި ހުންނާނީ ރާއްޖެއަށް. މިހާރު ސީދާ މެނުފެކްޗަރާސް އަތުން ގެންނާތީ އިންތިހާއަށް އަގުހެޔޮވާނެ އެއްޗެހި. ވަރަށް ހެޔޮވާނެ އެއްޗެހި. އެކަމަކު މިހެން ދެންނެވިއަސް މެޑިކަލް ކޮންސިއުމަބްލްސް މި އެއްޗިއްސަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އަގުބޮޑު އެއްޗެހި. އަޅުގަނޑުމެން މި ގެންނަނީ ވަރަށް ހައި ކޮލިޓީގެ ވަރަށް ރަނގަޅު އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ސިއްހީ ފަރުވާ ހޯދުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ސާފު، ސީދާ ދިވެހި ބަހުން ގާނޫނު އަސާސީގައި ބުންޏަސް، އެ ފަރުވާ ހޯދުމުގައި އަދި ވެސް އެތައް ހުރަސްތަކެއް އެބަހުއްޓެވެ. ސޯޝަލް މީޑިއާގައި ފަރުވާ ހޯދަން ސަލާންޖަހާ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ފެންނަމުން ދިއުމަކީ އޭގެ އެއް ހެއްކެވެ. މީހާ ދަރަނިވެރިނުވެ ފަރުވާ ހޯދޭނެ ގޮތްތައް ހޯދަންޖެހެ އެވެ. އެކަން ކުރެވޭނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކުގައި ފަރުވާތައް ރަނގަޅުކޮށް، ސަރުކާރުގެ މައި ހޮސްޕިޓަލަށް އޮންނަ ކިއު ސަލާމަތްކޮށްގެންނެވެ.
އެހެން ނޫން ނަމަ، މީހާ މަރުވުމުގެ ކުރިން ފަރުވާ ހޯދަން ބޭނުންވާ ނަމަ ޖެހެނީ ބޮޑު ހަރަދެއް ކޮށްގެން އަމިއްލަ ހޮސްޕިޓަލަށް ދާށެވެ.
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
އޭޑީކޭ ހޮސްޕިޓަލް އަގުތައް ބޮޑުކުރީ 15-20 ޕަސެންޓު
ބޭހަށް ހަތް މަސް ދުވަހުން 400 މިލިއަނެއްހާ ރުފިޔާ
ފަރުވާގެ އަގު ކޮންޓްރޯލްކުރަން އެބަޖެހޭ: އާސަންދަ
އާސަންދައިން ފަރުވާކޮށްދޭން ބޭރުގެ ދެ ހޮސްޕިޓަލަކަށް
އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް