Roadha Mihaaru
އޭޑީކޭ ހޮސްޕިޓަލް އަގުތައް ބޮޑުކުރީ 15-20 ޕަސެންޓު

އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތުގެ އަގުތައް ބޮޑުކުރީ 15-20 ޕަސެންޓަށް

14 ޑިސެމްބަރ 2022

އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވެފައިވާތީ، ހިދުމަތްތަކުގެ އަގުތައް ބޮޑުކުރީ 15-20 ޕަސެންޓަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވެފައިވާތީ، ހިދުމަތްތަކުގެ އަގުތައް ބޮޑުކުރީ 15-20 ޕަސެންޓަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ ފަރުވާގެ އަގުތައް ބޮޑުކުރަން ނިންމާފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

"ކުއްލި ގޮތަކަށް އާންމުންނަށް ދަތި ނުވާ ގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެން ބޮޑުކުރީ. އަޅުގަނޑުމެން ވެސް ވަރަށް މަސައްކަތް ކޮށްފިން ހިދުމަތުގެ އަގު ބޮޑުނުކޮށް ވޭތޯ. އެކަމަކު ކޮންސިއުމަބްލް ފަދަ ތަކެތީގެ އަގު ދަނީ ބޮޑުވަމުން،" އޭނާ ވިދާޅުވި އެވެ.

"ދެހާސް އަށާރަ، ނަވާރަ ހިސާބުގައި ކޮންޓެއިރަކަށް 2،000 ޑޮލަރު ޖެހޭއިރު މިހާރު 6،000 ޑޮލަރު ހިސާބުގައި އަގު އުޅެނީ."

ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވެފައިވާތީ ކަމަށް ބުނެ، އޭޑީކޭ ހޮސްޕިޓަލްގެ އަގުތައް މާދަމާއިން ފެށިގެން ވަނީ ބޮޑުކުރަން ނިންމައިފަ އެވެ.

އާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް މިހާތަނަށް ނަގަމުން އައީ 150ރ. ކަމަށް ވިޔަސް މިހާރު އެ އަދަދު ވަނީ 200ރ. އަށް ބޮޑުކޮށްފަ އެވެ. އެކަމަކު، އާސަންދަ ކަވަރޭޖަށް ބަދަލެއް ނާންނާތީ އަތުން ހަރަދުވާ ވަރު ބޮޑުވާނެ އެވެ.

އަގުތަކަށް ގެނައި ބައެއް ބަދަލުތައް

- ޖެނެރަލް ޑޮކްޓަރަކަށް ދެއްކުމަށް: 150ރ. އިން 200ރ. އަށް.

- ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމަށް: 300ރ. އިން 500ރ. އަށް

- ސުޕަ-ސްޕެޝަލިސްޓަށް ދެއްކުމަށް: 500ރ. އިން 700ރ. އަށް

- ޑެންޓަލް: 300ރ. އިން 350ރ. އަށް

ނަމަވެސް، ދައުލަތުގެ ބިމެއްގައި ހިންގަމުން އަންނަ އޭޑީކޭ ހޮސްޕިޓަލްގެ އަގުތައް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެ ބިމުގެ ކުލި ކުޑަ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް ކުލި ހާމައެއް ނުކުރެ އެވެ.

އެ ހޮސްޕިޓަލް ހިންގަން ސަރުކާރާއި އޭޑީކޭއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ އޮގަސްޓް މަހު ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން ވެސް ކުއްޔާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

މިނިސްޓްރީން ބުނީ 1995 ވަނަ އަހަރު އޭޑީކޭ ހިންގަން، ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ހުރި ބިން ކުއްޔަށް ދިނީ ކޮން އުސޫލަކުންކަން މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނާކަށް ނެތް ކަމަށެވެ. ނަމަވެސް، ފަހުން އެ ކުންފުންޏަށް ދީފައިވަނީ ރައީސް އޮފީހުގެ ދަށުން އޭރު ހިންގަމުން ދިޔަ ނޭޝަނަލް ޕްލޭނިން ކައުންސިލަށް އޭޑީކޭއިން ހުށަހެޅި ޕްރޮޕޯޒަލް އެ ކައުންސިލުން ފާސްކޮށްގެން ކަމަށް ހެލްތުން ބުންޏެވެ.