Roadha Mihaaru
ބޭހަށް ހަތް މަސް ދުވަހުން 400 މިލިއަނެއްހާ ރުފިޔާ

ބޭހަށް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 400 މިލިއަނެއްހާ ރުފިޔާ

30 ނޮވެމްބަރ 2021

ބޭހަށް އެކަނިވެސް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 400 މިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭހަށް އެކަނިވެސް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 400 މިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފި އެވެ.

އާސަންދަ ކުންފުނިން "މިހާރު" އަށް އިއްޔެ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިިދިޔަ ޖުލައި މަހުގެ ނިޔަލަށް ބޭސް ފިހާރަތަކަށް 393،969،371ރ. ހަރަދުކޮށްފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް އަދި ހެލްތު ސެންޓަރުތަކަށް ހަރަދުކޮށްފައި ވަނީ 516،527،997ރ. އެވެ.

ބޭރުގެ ހޮސްޕިޓަލްތަކަށް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 87،241،451ރ. ހޭދަކޮށްފައިވެ އެވެ.

ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް 38 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ލޮލުގެ ފަރުވާއާ މަސްނޫއީ އާލަތްތައް ގަތުމަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާސަންދައިން ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ.

ބޭހަށް ބޮޑު ހަރަދެއް

ބޭސް ވިއްކުމަށް އާސަންދައިން އާއްމު އަގުތަކެއް ހަމަޖައްސާފައިވެ އެވެ. އެކަމަކު އޭގެ ބައެއް އަގުތައް ބޮޑުވުމުން ސިސްޓަމެއްގެ ތެރެއިން އެކަން ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާސަންދައިގެ ބަޖެޓުގެ ތެރެއިން ޑޮކްޓަރީ ބޭހަށް ވަރަށް ބޮޑު ހަރަދެއް ކުރެ އެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭސް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅައި، އޭގެ ފުރަތަމަ ފިޔަވައްސަށް އަމަލުކުރަން ފެށުމުން ވެސް ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތްކުރެވޭނެކަމަށް، މި މަހުގެ 16 ވަނަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މަރިޔަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން 2014 ވަނަ އަހަރު ބޭހަށް ހަރަދުކުރީ 251 މިލިއަން ރުފިޔާ އެވެ. އެ އަދަދު މިދިޔަ އަހަރު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ބޭހަށް ކުރި ހަރަދު ހުރީ 58.4 ޕަސެންޓުގަ އެވެ.

އެ ހޭދަތައް ކުޑަކުރުމަށް ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ބޭސް ސިޓީގައި ލިއުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ. އޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަސާސީ ބޭސްތައް ވިއްކާ އަގަށް އަމަލުކުރުމެވެ. އެއީ 357 ބޭހެކެވެ. ބާކީ ހުރި ބޭސްތަކުގެ ބައި ތަންފީޒުކުރާނީ ޖުލައި 1، 2022 އިން ފެށިގެންނެވެ.

މަރިޔަމް ވިދާޅުވީ ބަލި މީހާއަށް ދޫކުރަންޖެހޭ ބޭސް ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން އާއްމުންގެ ޝަކުވާތައް ލިބޭ ކަމަށެވެ. އެކަހަލަ ކަންތައް ދިމާވުމުން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިން ވަނީ ބަލި މީހުންނަށް ދައުލަތުން ކުރާ ހަރަދުތައް އެ މީހަކަށް ފެންނާނެ ކަސްޓަމާ ޕޯޓަލެއް ވެސް ތައާރަފުކޮށްފަ އެވެ.

"ޕޯޓަލް ބޭނުންކޮށްގެން ބައެއް މީހުން ބުނެފައި ހުންނާނެ ތިމަންނައަށް މި ބޭހެއް ނޫނޭ ދިނީ. ކޮންމެ މީހެއްގެ އަމިއްލަ ޒިންމާއެއް ވެސް އެބައޮތް މީގައި. ބޭސް ދިނީމަ ކޮތަޅު ބަލާ ނުލައި ވެސް ނުދާށޭ. ފާމަސީގައި ތިން މަހަށް ބޭސް ދިން ކަމަށް ހަދާފައި ދެ މަހަށް އެބަ ދޭ. އެ މީހާ އަނެއްކާ މި ޖެހެނީ ބޭސް ސިޓީ ހޯދަން،" މަރިޔަމް ވިދާޅުވި އެވެ.

ބޭސްފިހާރައެއްގައި ބިދޭސީއަކު މަސައްކަތްކުރަނީ: އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭސް ވިއްކޭ އެންމެ ބޮޑު އަގު ކޮންޓްރޯލްކުރާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބޭސްފިހާރައެއްގައި ބިދޭސީއަކު މަސައްކަތްކުރަނީ: އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭސް ވިއްކޭ އެންމެ ބޮޑު އަގު ކޮންޓްރޯލްކުރާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެފަދަ ޝަކުވާތަކަކާ ގުޅިގެން މި އަހަރު 6-7 ފާމަސީއެއް ސަސްޕެންޑުކޮށް އެ މައްސަލަތައް ބެލި އެވެ. ނަމަވެސް ވާހަކަދެއްކުމަށްފަހު މައްސަލަ ހައްލުކޮށް އެ ތަންތަނުގެ ސަސްޕެންޝަން އުވާލާފައިވެ އެވެ.

"ޕްރައިވެޓް ސެކްޓާއަށް ބޭސް ދޫކުރާއިރު ޕެކޭޖު ޕްރައިސިންއަށް މި ގެންދަނީ. މި ޕެކޭޖު މި ދެނީ. ރާއްޖެ ބޭރު ހޮސްޕިޓަލްތައް ވެސް ޕެކޭޖު ޕްރައިސިންއަށް ގޮސްފައި މި ހުންނަނީ ހަރަދުތައް ބައްޓަންކުރަންވެގެން. ބަލާ ބެލުންތައް އިތުރުވެފައި މި ވަނީ، އެއާ ހެދި އަންނަ ޝަކުވާ ވަރަށް ގިނަ، މާ ސްޓްރިކްޓު ވަނީއޭ ކިޔާފައި. އަޅުގަނޑުމެންގެ ވެސް ޒިންމާއެއް އެބައޮތް މީގައި ލިބިފައިވާ ބަޖެޓުން ކުރުމަށް."

ބޭރަށް ހޭދަކުރަނީ ބަޖެޓުގެ ހަ ޕަސެންޓް

ސިއްހީ ފަރުވާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކަމަކީ ރާއްޖޭގެ ފަރުވާގެ ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި ބޭރަށް ކުރާ ހަރަދުތައް ބޮޑުވުމެވެ.

ނަމަވެސް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މި މަހުގެ 16 ވަނަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކަށް ހޭދަކުރަނީ އެ ކުންފުނީގެ ބަޖެޓުގެ ހަ ޕަސެންޓް ކަމަށެވެ.

ބާކީ ހުރިހާ ހަރަދެއް ކުރަނީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް އަދި ޑޮކްޓަރީ ބޭހަށެވެ.

އެގޮތަށް ބޭރަށް ފޮނުވަން ޖެހެނީ ވެސް ރާއްޖޭގައި ލިބެން ނެތް ފަރުވާތަކަށް ކަމަށާއި، އޭގެ ބަދަލުގައި ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުން މުހިއްމު ކަމަށް ގަބޫލުކުރައްވާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލު: އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީކޭ ހޮސްޕިޓަލު: އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާސަންދައިން މިހާރު ވެސް ވަނީ ދިވެހިންނަށް ބޭސްކޮށްދިނުމަށް ބޭރުގެ 45 ހޮސްޕިޓަލަކާއެކު ސޮއިކޮށްފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ބޭރުގެ ހޮސްޕިޓަލްތަކާ އެކު ސޮއިކުރަނީ ވެސް ވަކި އަގަކަށް އެއްބަސްވެގެންނެވެ. އޭގެ ވެސް އަގު ބޮޑެތި ހޮސްޕިޓަލްތަކުން އެއްބަސްވާ އަގުތަކެއް ވެސް ހުރެ އެވެ. އެހެންވެ، ފަރުވާ ދޭ ކޮންމެ ފަހަރަކު އެ ހޮސްޕިޓަލްތަކުން ހުއްދަ ހޯދަން ޖެހެ އެވެ. އެ ހުއްދަ ދެނީ ވެސް ބަލިމީހާ ބޭނުންވާ ފަރުވާތޯ ބެލުމަށްފަހު ކަމަށާއި އާސަންދައަށް ނޭނގި އޮޕަރޭޝަންތަކެއް ނުކުރާނެ ކަމުގެ ޔަގީންކަން މަރިޔަމް ދެއްވި އެވެ.

"ކޮންމެ ޕޭޝަންޓެއްގެ ކޮންމެ ސާޖަރީއެއް އަޅުގަނޑުމެން އޮތޮރައިޒްކުރާނެ. ވަރަށް ބޮޑަށް ބެލިގެން ދާނީ،" އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ޑޮކްޓަރު ބޭނުންވާ ޓެސްޓުތައް ހަދައިފާނެ. ކުރީގައި ހުރޭ ހޮސްޕިޓަލްތަކުން ބޭނުން ނޫން އިތުރު ކަންކަން ކޮށްފައި. އެކަމަކު އޮޅުވާލުންތައް ނުލާނެ ތަންތަނަށް ފޮނުވޭތޯ ވެސް ބަލާ،"

މަރިޔަމް ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކަށް މިދިޔަ އަހަރު 124 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އެއީ އާސަންދައިގެ ބަޖެޓުގެ ހަ ޕަސެންޓެވެ.

"ބާކީ ހުރިހާ އެއްޗެއް އެއީ ރާއްޖެއަށް. ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ބޮޑު ބައި. ވަރަށް ބޮޑު ބައެއް ދޭ ބޭހަށް ވެސް،" މަރިޔަމް ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ފަރުވާދޭ ތަންތަނަށް ހުންނަނީ އާސަންދައިގެ "ވިނަވި" ޕޯޓަލްގެ އެކްސެސް ދީފަ އެވެ. އެހެންވެ، ފަރުވާއާ ގުޅޭ ގޮތުން އެ ތަންތަން ކުރާ ކަންކަން ބަލަން، ބޭރުގެ ހޮސްޕިޓަލްތަކަށް ވުރެ އުނދަގޫ ކަމަށް އާސަންދައިން ބުނެ އެވެ. ނަމަވެސް ރެންޑަމްކޮށް ބަލާއިރު ފާހަގަވާ ކަންކަން ހައިލައިޓްކޮށް، ރަނގަޅުކުރާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.