27 ޖޫން 2022
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން މޮޅުވެ، އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން މޮޅުވެ، އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މާޒިޔާއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިއާ އެކު މާޒިޔާ އަށް ދެވަނަ ބުރުގެ މެޗުތައް ނިމިފައި ވާއިރު، އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗު ކާމިޔާބުކޮށްގެން ހޯދި 39 ޕޮއިންޓާ އެކު އެވެ.
މާޒިޔާ ލީގުގައި މިހާތަނަށް ބަލިވީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުންނެވެ. ލީގު ދެވަނައިގައި އޮތް އީގަލްސް އަށް މި ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރެވިއްޖެ ނަމަ، މާޒިޔާ އާއި އީގަލްސްގެ ފަރަގު އަލުން ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ. އީގަލްސް ވަނީ 13 މެޗުން 31 ޕޮއިންޓް ހޯދައިފަ އެވެ.
މިރޭގެ މެޗުގެ 16 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި މާޒިޔާ އަށް ލީޑު ނަގައިދިނީ ހަސަން ނާއިޒް (ދާދު) އެވެ. ދާދު މި ލަނޑު ޖެހީ ސްޕެއިން މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް ނަގައިދިން ކޯނަރަކުން ބޮލުންނެވެ. އޭގެ އިރުކޮޅެއް ކުރިން ޓަނާ ޖެހި ބާރު ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑިއަަށް އަމާޒު ވެފަ އެވެ.
ސަސްގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ކައިރިން ނައްޓަން މާޒިޔާގެ ޓަނާ މަސައްކަތް ކުރަނީ.-- ފޮޓޯ: މާޒިޔާ
މާޒިޔާގެ ލީޑް ފުޅާ ކޮށްދިނީ 22 ވަނަ މިނިޓުގައި ޓަނާ އެވެ. ޓަނާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުރިމަތީގައި ފާރަށް އެރުތިގެން ތިބި ސަސްގެ ކުޅުންތެރިއެއް ގައިގައި ޖެހިފަ އެވެ. އެހެން ނަމަވެސް ސަސް އިން ވަނީ ހާފް ނިމުމުގެ ކުރިން ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ސަސްގެ އިން ފަރަގު ކުޑަކުރީ 40 ވަނަ މިނިޓުގައި މާޒިޔާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑު ވަނީ އައިހަމް އަހުމަދު (އައިހު) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްް ބެލެހެއްޓި އިޔާން އަބްދުލް އަލީމް (ޗިކީ) ޕަންޗް ކޮށްލި ވަގުތު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) ގައިގައި ޖެހިފަ އެވެ.
އޭގެ ދެ މިނިޓު ފަހުން ސަސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ ނަސޫހު ރަޝީދު (ޕިލާ) އެވެ. ޕިލާ ވަނީ އެޓީމުގެ އަހުމަދު އައިހަމް، މާޒިޔާ އަށް ކުޅޭ ސާބިއާ ޑިފެންޑަރު ނަމާންޏާ ކާޓާލް ކައިރިން ނައްޓާފައި ހުސްކޮށްލި ބޯޅަ ހަަމަޖެހިލައިގެން ގޯލުތެރަށް ފޮނުވާލައިފަ އެވެ.
ފަހު ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. މީގެ އިތުރުން ޓަނާ އާއި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާތައް ދިފާއު ކުރީ ސަސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.
މާޒިޔާ އިން މެޗު ކާމިޔާބުކުރި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ޓަނާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެން، ޑިފެންޑަރު ކާޓަލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއިން ޖެހި ތިން ލަނޑުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ޓަނާ އެވެ.
މި ނަތީޖާއާ އެކު ސަސް އޮތީ ކުޅުނު 14 މެޗުން ހޯދި 14 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.
މާދަމާ ހަވީރު 4 ޖަހާއިރު ލީގު ދެވަނައިގައި އޮތް އީގަލްސް އާއި ފުލުގައި އޮތް ދަ ގްރާންޑޭ ބައްދަލުކުރާނެ އެވެ. ދެވަނަ ބުރުގެ ފަހު މެޗުގައި މާދަމާރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަސް ބަލިކޮށް މާޒިޔާ އެއްވަނައިގައި ލީޑު ނަގައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
10 ލަނޑު ޖަހައި މާޒިޔާއިން ލީގު ހޯދުމާ ކައިރިއަށް
ވެލެންސިއާ އަތުން މާޒިޔާ އަށް މުހިންމު މޮޅެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!