24 ޖޫން 2022
ފްލޯޓިން ސިޓީގެ ގޮތުގައި ދައްކާ ކުލަ މަންޒަރު ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟
ފްލޯޓިން ސިޓީގެ ގޮތުގައި ދައްކާ ކުލަ މަންޒަރު ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟
މި ސުވާލު އާއްމުން އުފައްދަމުން ދިޔައީ، 2009 ގައި ހިންގަން އުޅުނު ޕްރޮޖެކްޓާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެއްކުން ފިޔަވައި އަމަލީ ގިނަ މަސައްކަތްތަކެއް ހިނގާތަން ނުފެނުމުންނެވެ. މުޅި ދުނިޔޭގެ ވެސް ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި އަޅަން ނިންމައި، މާލެ އަތޮޅުގެ ފަސް ފަޅެއް 2011ގައި ޑަޗް ޑޮކްލޭންޑްސްއާ އޮތީ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުމަށް ތަފާތު އެކި ފަހަރު މަތިން ބަދަލު ގެނެސްފައިވެ އެވެ. ދެ އަހަރުން ނިންމަން 2019 ގައި ވެސް ބަދަލުތަކެއް ގެނަ އެވެ.
ޑަޗް ޑޮކްލޭންޑްސްއަކީ ޒަމާނީ ޓެކްނޮލޮޖީގައި ފްލޯޓިން ގެތައް އެޅުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ. ނެދަލޭންޑްސްގައި އެތައް ހާސް ފްލޯޓިން ގެއެއް އަޅައި ގިނަ ޕްރޮޖެކްޓްސްތައް ހިންގާފައިވުން ރާއްޖޭގެ ޕްރޮޖެކްޓް ކާމިޔާބުވާނެ ކަމުގެ ހެއްކަކަށް ދައްކާއިރު މައްސައަކީ، އެ ކުންފުނިން ދެއްކި މޮޑެލްއަކަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުފެށި ލަސްވުމެވެ. ރިސޯޓެއް ތަރައްގީއެއް ނުކުރެވެ އެވެ. ތިމާވެއްޓާ ރައްޓެހި ގެތަކެއް ނޭޅެ އެވެ. އެތަނުގައި އަޅާ 5،000 ގޭގެ އާބާދީއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމެގެ ކަންކަން ނިމޭނެ ތާރީހުތަކެއް ވެސް ޔަގީން ނުވުމެވެ.
ސަބަބުތަކެއް މެދުވެރިވެ ފްލޯޓިން ސިޓީ ހެދުން ލަސްވެފައި އޮތުމަށް ފަހު އަލުން އަނެއްކާވެސް މި ޕްރޮޖެކްޓް ލޯންޗްކުރީ މިދިޔަ މާޗް މަހެވެ. އޭގެ އަަހަރެއް ފަހުން އިއްޔެ އަނެއްކާވެސް އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ފްލޯޓިން ސިޓީ ހަދާ ގޮތަށް އެގްރީމެންޓް ބަދަލުކޮށް އިއްޔެ ވަނީ އެ ކުންފުންޏާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފަ އެވެ.
ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓެއް ކަމުން، ބޭރު ދުނިޔޭގެ ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ މި މަޝްރޫއާ ގުޅޭ ގޮތުން ޑަޗް ޑޮކްލޭންޑްސް އިން އޭރު ވެސް އަދި މިހާރު ވެސް ދެމުން އަންނަ ޔަގީންކަމަކީ އިންގިލާބީ ބަދަލެއް ގެނުވާނެ، ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ.
އެކަމަކު މި ޔަގީންކަން، "ފަނޑުކޮށްލީ" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވަރުގަދަ ތުހުމަތެވެ.
މާލެ އަތޮޅުން ދޫކުރި ފަޅުތައް ހިއްކައި ފްލޯޓިން ސިޓީ އޮންނާނެ ގޮތް.
މިނިސްޓަރު ވިދާޅުވީ ފްލޯޓިން ސިޓީގެ ގޮތުގައި ދައްކާ ކުލަ މަންޒަރުގެ ފަހަތުގައި އޮތީ ބޮޑު "އޮޅުވާލުމެއް" ކަމަށެވެ. އެ ތުހުމަތަށް ބާރު ދެއްވީ އެ ކުންފުންޏަށް ދޫކުރި ތިން ފަޅެއް، މިލިއަނުން ފައިދާވާ ގޮތަށް ވިއްކާލާފައި އޮތް ކަމަށް ވިދާޅުވެ އެވެ. އޭގެ ފަހުން އެއްބަސްވުމަށް ބަދަލު ގެންނަން ބޭނުންވީ ވެސް ރިސޯޓެއްގެ މެދުގައި ސޯޝަލް ހައުސިން އަޅައި ބޮޑު އަގުގައި ވިއްކޭނެ ގޮތެއް ހޯދަން ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.
މިއީ ޓޫރިޒަމަށް ދޫކޮށްފައި އޮތް ފަޅެއްގައި އެ ކުންފުންޏާއެކު މިހާރު އެއްބަސްވެފައި އޮތް ގޮތުން ކުރަން ގާނޫނު ވެސް ތަންދޭ ކަމެއް ނޫނެވެ. މުޅި މި މަޝްރޫއާ މެދު ސަރުކާރަށް އިތުބާރު ގެއްލިފައި އޮތް ކަން ހާމަވީ، ގާނޫނީ ގޮތުން ކުރެވެން ނެތް މިކަމުގައި މައްސަލަ ބޮޑުވުމުންނެވެ. ޑަޗް ޑޮކްލޭންޑްސް އިން އެދުނު ގޮތަށް އިކޮނޮމިކް ކައުންސިލުން ހުއްދައެއް ނުދިނެވެ.
އިންޓަގްރޭޓެޑް މޮޑެލްއަށް މި ބަދަލުކުރީ، އެ ހުއްދަ ނުދިނުމުން ދެން އެ ކުންފުނިން ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާތީ އެވެ.
ޑަޗް ޑޮކްލޭންޑްސް އިން ވަނީ މިނިސްޓަރު ފައްޔާޒްގެ ތުހުމަތު ދޮގު ކުރައްވައި އެ ކުންފުނީގެ އެއް ބިލިއަން ޑޮލަރުގެ މި މަޝްރޫއު ދިފާއުކޮށްފަ އެވެ.
އެ ކުންފުނީގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ތުހުމަތު ކުރެއްވި ގޮތަށް ފަޅުތަކެއް ވިއްކާލާފައި ނުވާނެ ކަމަށެވެ. އެ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވި އެވެ.
⬤ ލެގޫން 7 : N 73°28’47.93”E”9.88’4°14
⬤ ލެގޫން 9 : 4°15’6.27”N 73°26’30.91”E
⬤ ލެގޫން 17 : 4°18’30.98”N 73°30’13.65”E
⬤ ލެގޫން 19 : 4°16’36.46”N 73°27’35.98”E
⬤ ލެގޫން 37 : 4°22’1.70”N 73°24’56.43”E
އިކުއިޒިޝަން ކޮސްޓަކާ ނުލައި ސަރުކާރުން ދޫކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅު ނުވިއްކާ ކަމަށް ޑަޗް ޑޮލްކޭންޑްސް އިން ބުންޏަސް "މިހާރު"ން ހޯދި މި މަޝްރޫއުއާ ގުޅުން ހުރި ކަމާބެހޭ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކުން ވެސް އެނގޭ ގޮތުގައި އެ ކުންފުންޏަށް ދޫކުރީ ލެގޫން 17 އާއި 19 އޮތީ ވިއްކާލައިފަ އެވެ.
ޑަޗް ޑޮކްލެންޑްސް އިން ލެގޫން، 17، އޮގަސްޓް 2016 ގައި ވިއްކާލާފައި އެކުއަ ބްލޫ އިންވެސްޓްމަންޓަށެވެ. އެއީ 300،000 ޑޮލަރަށެވެ.
އޭގެ ފަހުން، ލެގޫން 19 ވަނީ މާރަށް ޕްރައިވެޓް ލިމިޓެޑަށް 16.5 މިލިއަން ޔޫރޯއަށް ވިއްކާލައިފަ އެވެ.
ރާއްޖޭގައި ހަދާ ފްލޯޓިން ސިޓީގެ ކުރެހުމެއް.
ރިޔާޒް ވިދާޅުވި ގޮތުގައި މާރަށް ޕްރައިވެޓް ލިމިޓެޑަށް ފަޅު ބަދަލުކުރުމުގައި ހިންގީ ވިޔަފާރި މުއާމަލާތެއްގެ ގޮތުގައި ފެނުނަސް އެއީ ވިޔަފާރި މުއާމަލާތެއް ނޫނެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެތަން ބަދަލުކުރީ ޑަޗް ޑޮކްލޭންޑްސްގެ ސަބްސިޑަރީ ކުންފުންޏަކަށް ކަމަށް ވިދާޅުވި އެވެ.
އެއީ ޑަޗް ޑޮކްލޭންޑްސް އިން ހިއްކައިގެން ރިސޯޓެއް ހަދަން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު ފަޅެއް ވިއްކާލާފައެއް ނޯންނާނެ އެވެ. ލެގޫން 17 ބަދަލުކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސަރުކާރުން ހިންގި މުއާމަލާތެއް ކަމުގެ ތުހުމަތު ރިޔާޒް އެޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މާލެ އަތޮޅުން ލިބުނު ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ އަތުން ވަނީ އަތުލައިފަ އެވެ. އެއީ ލެގޫން 17 އާއި 37 ކަމަށާއި އެހެން ބަޔަކަށް އެ ދެތަން ވިއްކާލީ އެ ވެރިކަމުގައި ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
މި މައްސަލަ ކޯޓަކަށް ޑަޗް ޑޮކްލޭންޑްސް އިން ހުށައެއް ނާޅަ އެވެ. ކޯޓު މަރުހަލާއަށް ދާން ތައްޔާރުވި ނަމަވެސް ފަހުން އެކަން ކުރިއަށް ނުގެންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ފްލޯޓިން ސިޓީ އަލުން ކުރިއަށް ގެންދަން އެދުމުން އެ ދެ ފަޅުގެ ބަދަލުގައި ހަމަޖައްސައިދިނީ އެންމެ ފަޅެކެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ޑަޗް ޑޮކްލޭންޑްސްގެ އަތުގައި މިހާރު އޮތީ ހަތަރު ފަޅެވެ.
އޭގެތެރެއިން ލެގޫން 19 ގައި ރިސޯޓެއް ތަރައްގީކުރުމަށް ފަހު 7 އަދި 9 ގައި އަޅަން ނިންމީ ގެތައް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަޅެއް ވިއްކާލައި ކަމެއް ކޮށްފައެއް ނޯންނާނެ. ފަސް ފަޅެއް ވެސް ނެތް މިހާރަކު އަޅުގަނޑުމެންގެ އަތަކު، އެ ވިދާޅުވާ ގޮތަށް ފަސް ފަޅު އޮތިއްޔާ ދައްކަންވީ، އިތުރުވެފައި އޮތް ނަމަ ކިތަންމެހާ ވެސް ރަނގަޅު،" ރިޔާޒް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ފަހަތުގައި ފޮރުވިފައި އޮތީ ސަރުކާރުން ހިލޭ ދޫކުރި ފަޅުތައް ހިއްކުމަށް ފަހު ވިއްކާލައިގެން ފައިދާ ހޯދުން ކަަމަށް ކުރަމުންދާ ތުހުމަތު ވެސް އޭނާ ދޮގުކުރެއްވި އެވެ.
"އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަނީ، އެއްވެސް ބަޔަކަށް އެއްވެސް ފަޅެއް ވިއްކާކަށް އަޅުގަނޑުމެން ނޫޅެން،" ރިޔާޒް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓްގެ އިތުބާރާ މެދު އިކޮނޮމިކް ކައުންސިލުން ސުވާލު އުފެއްދި އެއް ކަމަކީ، ފަޅުގެ މެދުގައި ފްލޯޓިން ސިޓީ (ސޯޝަލް ހައުސިންއަށް ގެތައް) އެޅުމުގެ ހުއްދައަށް އެދުމެވެ. އެގޮތަށް އެދުނީ ރިޔާޒް ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ފަޅު ދޫކޮށް، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ގެތައް އެޅިއަސް ހުޅުމާލޭގައި މި ވިއްކާ އުސޫލުން ގެ މޯގޭޖްކޮށްފައި އާއްމުންނަށް ވިއްކޭނެ ގޮތެއް ނެތުމެވެ.
ޑަޗް ޑޮކްލޭންޑްސް އިން އެދުނީ ރިސޯޓުގައި ހައުސިން އަޅާ ސަރަހައްދު ޓޫރިޒަމްގެ ގާނޫނުން އުނިކޮށް، ރިއަލް އެސްޓޭޓް ގާނޫނު ހިނގާ ގޮތަށް ބަދަލުކޮށް ދިނުމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގައި މި އެދުނީ ފްލޯޓިންއަށް އެލޮކޭޓްކޮށްފައި އޮތް ޒޯން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަވާ ގޮތަށް ބަދަލުކޮށްދެއްވާށޭ. އެހެންވީމަ މިވާ ގޮތަކީ ރިއަލްއެސްޓޭޓް ގާނޫނުގެ ދަށުން އެހެން ތަންތަނުގައި ވެސް ގެ އަޅައި ވިއްކުމާއި އިމާރާތްކުރުމުގެ ހުރިހާ ކަމަކަށް ފެތިގެން ގެ މޯގޭޖްކޮށްފައި އާއްމުންނަށް ވިއްކުމަށް ފަހިވާނެ،" އޭނާ ވިދާޅުވި އެވެ.
"ނޫނިއްޔާ މޯގޭޖްކޮށްގެން ނުއެއް ވިއްކޭނެތާ. ކުއްޔަށް ދޫކުރަން ޖެހޭނީ."
ޓޫރިޒަމަށް ދޫކޮށްފައި އޮތް ފަޅަކުން ވަކި ސަރަހައްދަކަށް އެ ގާނޫނު ނުހިނގާ ގޮތަށް ހެދުމަކީ ގާނޫނީ ގޮތުން ފަހިވެފައި އޮތް ކަމެއް ނޫނެވެ.
ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ ކުރެހުމެއް.
އެހެންވެ ސަރުކާރުން ހުށަހެޅީ އޭނާ ވިދާޅުވި ގޮތުގައި ޕްރޮޖެކްޓް އިޓަގްރޭޓެޑް ޓޫރިޒަމަށް ބަދަލުކުރުމަށެވެ. އެއީ، ޓޫރިޒަމަށް ދޫކުރާ ފަޅެއް ނުވަތަ ރަށެއްގައި ވަކިވަކި ވިޔަފާރި ކުރެވޭ ގޮތަށް ހުއްދަ ދޭ މޮޑެލް އެވެ. އޭރުން ރިސޯޓްތަކުގައި ގެސްޓްހައުސްއެއް ނުވަތަ ވިލާއެއް ހަދާފައި ވެސް ވިއްކާލެވެ އެވެ.
"އާއްމުންނަށް އަގު ހެޔޮކޮށް ގެތައް ވިއްކަން ހުއްދައަށް އެދި އިކޮނޮމިކް ކައުންސިލަށް ލައިގެން އަހަރެއް ދިޔަ ފަހުން މި ނިންމަވަނީ އިންޓަގްރޭޓެޑް މޮޑެލް އެބައޮތެއް ނޫންހޭ އެއަށް ދާށޭ. ކީއްކުރަންހޭ އެތާ ހައުސިން އަޅަން ތި އުޅެނީ," ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޓަގްރޭޓެޑް މޮޑެލްއަށް ދިއުމަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އެހެންވިޔަސް މިހާރުގެ ވިސްނުމަކީ ޓޫރިޒަމް މިނިސްޓްރީއާ އެކު އެގޮތަށް މަޝްވަރާކުރެވި ޕްރޮޖެކްޓް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
ރިސޯޓުގައި ހަދާ ސޯޝަލް ހައުސިން ވިއްކަން އެ ކުންފުނިން ވިސްނާފައި އޮތް އެންމެ މަތީ އަގަކީ ރިޔާޒް ވިދާޅުވި ގޮތުގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އެވެ.
"ރިސޯޓުގެ އެއްކޮޅުގައި ހައުސިން ހަދާފައި ޔޮޓް މެރީނާއެއް ހަދާފައި ޕިކްނިކް އައިލެންޑް ހަދާފައި ކޮމާޝަލް މޮޑެލްއަކަށް ހަދަން މިދަނީ," އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ރިސޯޓް ނުހެދި ލަސްވާ ސަބަބަކަށް ޑަޗް ޑޮކްލޭންޑްސް އިން ދެއްކި ސަބަބަކީ ފަސޭހަ އިން ހިއްކޭ ގޮތަށް ހުރި ތަންތަނަށް ނުވުމެވެ. ރިސޯޓް ނުހަދައި ހުރީ އެހެންވެ ކަމަށް ރިޔާޒް ވިދާޅުވި އެެވެ.
ފްލޯޓިން ސިޓީގެ ފަޅު ތެރޭގައި ގަސްތަކާއި ދެ ފަރާތުގެ މަގުތަކާ އެކު ގެއެއް އިންނާނެ ގޮތް, އާއްމުންނަށް ދައްކާލަން ފުރަތަމަ ދިން ތާރީހަކީ މިދިޔަ އެޕްރީލް މަހެވެ.
އެ މުއްދަތަށް ނުނިމި ލަސްވި ސަބަބެއް ކަމަށް ޑަޗް ޑޮކްލޭންޑްސް އިން ދައްކަނީ ކަމާބެހޭ އިދާރާކުން ހުއްދަ ނުލިބުމެވެ. އެއީ ޕްރޮޖެކްޓް ހުއްދަ އާއި އީއައިއޭގެ ހުއްދަ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް އެ ކުންފުނިން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މޮކަޕް ހަދާނީ ފަޅު ތެރޭގަ އެވެ. އެކަމަކު ރިޔާޒް ވިދާޅުވި ގޮތުގައި އެ ގެ ހެދީ ފްލޯޓިން ބާޖެއްގަ އެވެ.
"މޮކަޕް ހަދާ ނިމިފައި އިނީ އިނގޭތޯ. އެކަމަކު މޮކަޕް ކިހިނެއްތޯ ލެގޫނަށް ގެންދާނީ އެގްރީމަންޓް ނުނިމެންޏާ. އެގްރީމަންޓް ނިމުނީމަ ދެއްތޯ އަޅުގަނޑުމެންނަށް އީއައިއޭއަކަށް ވެސް ލެވޭނީ," އޭނާ ވިދާޅުވި އެވެ.
އީއައިއޭ ހުށަނާޅައި މޮކަޕް ގެންގޮސް އެތާ ބާއްވާނެ ގޮތެއް ވެސް ނޯންނެ ކަމަށް ވިދާޅުވި އެވެ. ފަޅު ތެރޭގައި އެ ގެ ނުހެދީ ކީއްވެތޯ އެހުމުން ރިޔާޒް ވިދާޅުވީ އެއީ އެންމެ ގެއެއް ދައްކާލަން ވެގެން ކުރި ކަމަކަށް ވާތީ އެވެ.
އޭނާ ވިދާޅުވީ ރަށެއް ނިންމަން އެ ކުންފުނިން ސަރުކާރަށް ހުށަހަޅާފައި ވާނީ 3-5 އަހަރާ ދޭތެރޭގަ އެވެ. އެހެން ތަނެއްގައި ހަދާފައި ގެނެސް ގުޅުވާލާތީ ކޮންސްޓަރްޝަން ހިނގާ ތަނެއް ނުފެންނާނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި ފްލޯޓިން ސިޓީ ފެންނާނެ ކަމަށް ވިދާޅުވި އެވެ.
"ބައިބައިތައް ވަކިން ގުޅުވާލައި ދެ އަހަރުވާ އިރު މީހުންނަށް ދިރިއުޅެން ފެށޭވަރުވާނެ," އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ލެގޫން 19ގައި ރިސޯޓް ހެދުމުގެ ހުއްދަ ސަރުކާރުން އޮތީ ދީފަ އެވެ. އެތަން 18 މަސް ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ދިމާވެގެން އުޅޭ މައްސަލައަކީ މި ޕްރޮޖެކްޓް ހަގީގަތަކަށް ވެދާނެ ކަމަކަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ވެސް ގަބޫލު ނުކުރެއްވުމެވެ. އެ ކުންފުނިން މިކަމުގެ ޕްރެޒެންޓޭޝަން ދެއްކި ވަޒީރުންގެ ތެރޭގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވާނެ ކަމަށާއި މިއީ ވާނެ ކަމެއް ކަން އެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ބައެއް ވަޒީރުންނަށް ގަބޫލުނުކުރެއްވެނީ، ރިޔާޒް ވިދާޅުވި ގޮތުގައި، މިއީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެސްފާނެ އަދި ތިމާވެއްޓާ ރައްޓެހިކޮށް ކުރިއަށް ގެންދެވިދާނެ ޕްރޮޖެކްޓެއް ކަމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ސަމާލުކަން އެ ޕްރޮޖެކްޓަށް ލިބިފައިވާ އެއް ސަބަބަކީ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހިންގަން އުޅުމެވެ.
"ހަމަ ހަގީގަތުގައި ވެސް ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ މި ޕްރޮޖެކްޓުން ރިވޮލިއުޝަނެއް ގެންނާނެ ކަން، ނޫން ނަމަ ދެކޮޅެއް ނުހަދާނެ،" އޭނާ ވިދާޅުވި އެވެ.
ފްލޯޓިން ސިޓީގެ ކުރެހުމެއް: މޮކަޕް ގެ ލަސްވަނީ ހުއްދަތައް ނުލިބިގެން ކަމަށް ރިޔާޒް ވިދާޅުވި.
ފްލޯޓިން ސިޓީއެއްގެ ގޮތުގައި ދެއްކި ކުރެހުންތަކާ އެއްގޮތަށް އެތަން ފެންނާނީ ކިހާ ދުވަހަކުންތޯ "މިހާރު"ން ސުވާލުކުރުމުން ރިޔާޒް ވިދާޅުވީ 3-5 އަހަރާ ދޭތެރޭގައި އެ ކުލަތައް ހަގީގަތަކަށް ވެފައިވާ ތަން ފެންނާނެ ކަމަށެވެ. އޭގެ ކުރިން ވެސް ވަކި ވަކި ރަށްތައް ނިމެމުން އަންނަތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަގްރޭޓެޑް މޮޑެލްއަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވެން ޑީ ކޭޕް ވެސް ވިދާޅުވީ، އެ ކުންފުނިން މީގެ ކުރިން ވެސް އެތައް ހާސް ފްލޯޓިން ގެތައް އަޅައި މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް ނެދަލޭންޑްސްގައި ހިންގާފައިވާ ކަމަށެވެ. އެކުންފުނިން މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގައި، އޮންނަ ތާރީހުތަކަށް މަސައްކަތް ނިންމަން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް މި ޕްރޮޖެކްޓް ކާމިޔާބު ކަމާ އެކު ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ މި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ބައެއް. ވަރަށް އަވަހަށް މި މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
މިހެން ވިދާޅުވިޔަސް ޕްރޮޖެކްޓް އަލުން ލޯންޗްކުރިތާ އަހަރެއްހާ ދުވަސް ވި އިރު ވެސް އާއްމުންނަށް ފެންނަނީ، ބަދަލު ގެނެސް ފްލޯޓިން ސިޓީ ފަށައިގަންނަން ކުރާ މަސައްކަތެވެ.
ފްލޯޓިން ސިޓީ ހަގީގަތަކަށް ވާ މަންޒަރު އަދި އޮތީ ލޮލަށް ފެންނަވަރަށް ވުރެން މާ ދުރުގަ އެވެ.
ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް: ފައްޔާޒް
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
އަމީނަށް ހެދި ގޮތް ދިފާއުކުރުން ނުރައްކާތެރި: ޕީއެންސީ
ފައްޔާޒު ހިތްވަރުދިނީ ޓެރަރިޒަމަށް: އަބްދުއްރަހީމް
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް
"އަމީނަށް ހެދި ގޮތް" ދިފާއުކުރުމުން ރައްދު ދީފި
އެމްޑީޕީއަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން: ފައްޔާޒް
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ