Roadha Mihaaru
ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް: ފައްޔާޒް

ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް: ފައްޔާޒް

22 ޖޫން 2022

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހަދަން ނިންމައި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހަދަން ނިންމައި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީ ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕްގައި ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެ ޕްރޮޖެކްޓް ހިންގިޔަ ނުދޭން ހުރަސްއަޅަނީ އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އެކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް އެ ގްރޫޕްގައި ނަޝީދު ތުހުމަތު ކުރެއްވި އެވެ. ޕްރޮޖެކްޓަށް ހުރަސްއަޅަން އުޅޭ ކަމުގެ ތުހުމަތު ޝައުނާ ވަނީ ދޮގުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކަން ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ޑޮކްލޭންޑްސްއަށް ލަފާ އަރުވަން އެމަނިކުފާނު ގެންދަވަނީ ވިސްނަވަމުންނެވެ.

މި ވާހަކައަށް ރައްދު ދެއްވަމުން ފައްޔާޒް ވަނީ ޖެނުއަރީ، 2011 ގައި އެންމެ ފުރަތަމަ ސޮއިކުރި އެ ޕްރޮޖެކްޓާ ގުޅޭ ބައެއް ތަފްސީލްތައް އެ ގްރޫޕްގައި އާއްމުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފްލޯޓިން ސިޓީ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ރިސޯޓެއް އަދި ގެތައް ވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ފަހުން އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމުގެ ތުހުމަތު ކުރައްވައި އެދުނު ގޮތަށް އެކަން ކުރަން މެދުވެރިވީ ގާނޫނީ ހުރަސްތަކެއް ކަަމަށް ފައްޔާޒް ވިދާޅުވި އެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއް ފްލޯޓިން ސިޓީގެ ގޮތުގައި ތަރައްގީކުރަން ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ޖޮއިންޓް ވެންޗާއެއްގެ ދަށުން ސޮއިކުރީ، މީހުން ދިރިއުޅުމަށާއި ރިސޯޓް ތަރައްގީ ކުރުމަށެވެ. އެ ފަޅު ހިއްކައިގެން ހަދާ ރަށްތަކުގައި އަޅަން ޕްލޭންކޮށްފައި އޮތީ 5،000 ގެ އެވެ.

ފައްޔާޒް ވިދާޅުވީ ތިން ފަޅު ވިއްކާލާފައިވާ ކަމަށް

ނަޝީދުގެ ތުހުމަތަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވާލުން ހިމެނޭތީ ކަމަށާއި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް: ތިން ފަޅެއް ވިއްކާލައި ޑަޗް ޑޮކްލެންޑްސް އިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވިދާޅުވި.

މިނިސްޓަރު ފައްޔާޒް: ތިން ފަޅެއް ވިއްކާލައި ޑަޗް ޑޮކްލެންޑްސް އިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވިދާޅުވި.

ފައްޔާޒް ތުުހުމަތު ކުރެއްވި ގޮތުގައި އެ ފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ މީހުން މަސައްކަތް ކުރަމުން ދަނީ ވިއްކާލުމަށެވެ. އެ ކުންފުންޏަށް ދޫކުރި ފަޅުގައި ރިސޯޓް ތަަރައްގީކޮށް، ނުވަތަ އާއްމުކޮށްފައިވާ ކޮންސެޕްޓާ އެއްގޮތަށް ގެތައް ނިންމަފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ޑަޗް ޑޮކްލޭންޑްސް އިން މި ފަހުން އިކޮނޮމިކް ކައުންސިލަށް ހުށަހެޅީ ރިސޯޓެއްގެ ފަޅު ތެރޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދައަށެވެ. އެ ކުންފުނިން ބޭނުން ވަނީ ރިސޯޓުގެ ފަޅުން ވަކި ބައެއްގައި ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު، އެ ސަރަހައްދު ޓޫރިޒަމް ގާނޫނުގެ ދަށުން ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން އުނިކޮށްދިނުމަށެެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެގޮތަށް އެކަމެއް ނުކުރެވޭނެ އެވެ.

"ރިސޯޓެއްގެ ފަޅުތެރޭގައި ވަކި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް. އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން،" ފައްޔާޒް ވިދާޅުވި އެވެ.

އެ ނޫން ގޮތަކަށް ގާނޫނުގެ ތެރެއަށް ފައްތައި އެކަން މިހާރު ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޑަޗްޑޮކްލޭންޑުން މަސައްކަތްކުރަނީ މި ޕްރޮޖެކްޓުގައި ނަޝީދުގެ ނަން ބޭނުންކޮށްގެން ފައިދާ ހޯދާށެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅި ޕްރޮޖެކްޓުގައި ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ގެތަކުގެ އަގު ވެސް އުޅެނީ ހަ މިލިއަން ރުފިޔާގަ އެވެ. އިކޮނޮމިކް ކައުންސިލުން ނިންމީ ހުއްދަ ނުދިނުމަށެވެ.

އެ ކުންފުނިން ހުށަހަޅަނީ ހައުސިން ޕްރޮޖެކްޓް ހިންގުމަށް ފްރީ ހޯލްޑް އުސޫލުން 150 އަހަރަށް އެ ސަރަހައްދު ދޫކޮށްދިނުމަށް ކަން އެނގިފައިވެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް 99 އަހަރަށް ވުރެން އިތުރަކަށް ކުއްޔަކަށް ނުދެވޭނެ އެވެ.

އެއްބަސްވުމުގެ ބައެއް ތަފްސީލްތައް

⬤ ޓޫރިޒަމް މިނިސްޓްރީ އާއި ޑަޗް ޑޮކްލެންޑްސްއާ އެކު ޖެނުއަރީ، 27، 2011 ގައި ސޮއިކުރީ ފަސް ފަޅެއް ކުއްޔަށް ދޫކުރަން.

⬤ އެއީ، ކ. އަތޮޅުން ލެގޫން 7، 9، 19، 17 އަދި 37

⬤ މި ފަޅުތަކުގެ ތެރެއިން 17 ފިޔަވައި އެހެން އެއްވެސް ފަޅަކަށް ލީސް އެކުއިޒިޝަން ކޮސްޓް ދައްކާފައިނުވާ ކަން ރަސްމީ ލިޔެކިޔުންތަކުގައިވޭ.

⬤ މި ފަޅު، ޑަޗް ޑޮކްލެންޑްސް އިން 9 އޮގަސްޓް 2016 ގައި ވަނީ އެކުއަ ބްލޫ އިންވެސްޓްމަންޓަށް ބަަދަލުކޮށްފައި. މި ފަޅު ބަދަލުކުރީ 300،000 ޑޮލަރަށް.

⬤ ލެގޫން 19 އާ ގުޅިގެން ޑަޗް ޑޮކްލެންޑްސްއަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ބަދަލުކޮށްފައި ވަނީ މާރަށް ޕްރައިވެޓް ލިމިޓެޑަށް. މި ފަޅު ބަދަލުކުރީ 16.5 މިލިއަން ޔޫރޯއަށް.

ފްލޯޓިން ސިޓީ އަޅަން ޑަޗް ޑޮކްލެންޑްސް އިން މިހާތަނަށް ބުނަމުން އައީ އެތަން ހަގީގަތަކަށް ވާނެ ކަމަށެވެ. ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ ދައްކާލަން ދިން ތާރީހަކީ މިދިޔަ ރޯދަ މަހެވެ. އެކަމަކު އެ މުއްދަތަށް އެތަން ނުނިމުނެވެ. އެންމެ ފަހުން ބުނެފައި ވަނީ ކުރިއަށް އޮތް އީދު ތެރޭގައި އާއްމުންނަށް ދައްކާލާނެ ކަމަށެވެ.