Roadha Mihaaru
ޝައްކު އުފެދޭ ތަންތަނަށް ވަދެ ފިޔަވަޅު އަޅާނެ

ޝައްކު އުފެދޭ ތަންތަނަށް ވަދެ ފިޔަވަޅު އަޅާނެ: ފައްޔާޒު

07 ޑިސެމްބަރ 2021

ގާނޫނަށް ބަދަލުގެނަޔަސް ބިދޭސީން އޮޅުވާލައިގެން ކުރާ ވިޔަފާރިތައް ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގާނޫނަށް ބަދަލުގެނަޔަސް ބިދޭސީން އޮޅުވާލައިގެން ކުރާ ވިޔަފާރިތައް ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ގާނޫނީ ބާރު ލިބުމުން އެކަމާ ގުޅޭ ގަވައިދުތައް އެކުލަވާލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ މައްސަލަތަކަކީ ލޮލުން ފެނުނަސް ސާބިތު ކުރަން އުނދަގޫ މައްސަލަތައް ކަމަށެވެ.

"ގާނޫނަށް ބަދަލު ގެނަޔަސް މިއީ ކުރަން ފަސޭހަ ކަމެއް ނޫން. މިކަން ޖެހޭނީ ސާބިތުކުރަން. އެކަން ކުރުމަށް ގަވައިދެއް ފޯމިއުލޭޓް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ގާނޫނުގައިވާ ގޮތަށް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި ގަވައިދުތައް ހަދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޝައްކު އުފެދޭ ވިޔަފާރިތައް ކުރަ ތަންތަނަށް ވަދެ އެތަންތަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިޔަފާރިތައް މިހާރަށް ވުރެ ރަނގަޅަށް މޮނިޓާ ކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލްް ހަކީމް ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރުމުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އާއްމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެނެސްފައި ވަނީ މައިގަނޑު ދެެ ބަދަލެކެވެ. އެއީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމު ކުރުމާއި ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގަބޫލު ކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ހެދުމެވެ.