Roadha Mihaaru

ޔާމީންގެ ރައްދު ފައްޔާޒަށް: ގެއްލުންވާ ނަމަ އާ ޓާމިނަލްގެ މަސައްކަތް ހުއްޓާނުލެއްވީ ކީއްވެ؟

ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހަދަން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ވަރުގަދަ ފާޑުކިޔުންތަކަށް ހަމަ އެހާ ވަރުގެ ރައްދެއް ޔާމީން ރޭ ދެއްވައިފި އެވެ.

ޔާމީންގެ ރައްދު ފައްޔާޒަށް: ޓާމިނަލްގެ މަސައްކަތް ހުއްޓާނުލެއްވީ ކީއްވެ؟

ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހަދަން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ވަރުގަދަ ފާޑުކިޔުންތަކަށް ހަމަ އެހާ ވަރުގެ ރައްދެއް ޔާމީން ރޭ ދެއްވައިފި އެވެ.

ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި ފައްޔާޒަށް ސީދާ އަމާޒު ކުރައްވައި ޔާމީން ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ކުރާ ކަމަކީ ގައުމުގެ ހަރުމުދާ ވިއްކުން ކަމަށެވެ. އެ މަނިކުފާނު އެހެން ވިދާޅުވި މައިގަނޑު ސަބަބަކީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވީއައިއޭ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބުނު ގެއްލުންތަކަށް ބިނާކޮށެވެ.

ރޭގެ ޖަލްސާގައި ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޅި އެ ފިޔަވަޅާ އެކު ދައުލަތަށް ލިބުނު ގެއްލުން ހިސާބު އަކުރުން އަލުން ހާމަކޮށްދެއްވައިފަ އެވެ.

މި ކަހަލަ ވާހަކަ އަޅުގަނޑުމެން ދައްކާތީ މިކަމާ ރުޅި އައިސްގެން މިހާ ބޮލުރޮދި ކެނޑިގެން މި މީހުން މި ވާހަކަ ދައްކަނީ. އެކަމަކު މިހިރަ ފިގާސް ކިހިނެއްތޯ ދޮގު ހަދާނީ؟--- ޔާމީން

ޔާމީން ވިދާޅުވިގޮތުގައި ޖީއެމްއާރަށް އެއާޕޯޓު ދޫކުރުމުގެ ކުރިން އެމްއޭސީއެލްއަކީ އަހަރަކު 300 މިލިއަން ރުފިޔާގެ ފައިދާ ހޯދި ކުންފުންޏެކެވެ. އެކަމަކު، 2010 ގައި އެމްޑީޕީގެ ސަރުކާރުން 25 އަހަރަށް ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި އެއާޕޯޓު ކުއްޔަށް ދޫކުރުމާ އެކު، ފުރަތަމަ އަހަރު އެ ކުންފުނިން ދައުލަތަށް ދެއްކީ އެންމެ 15 މިލިއަން ރުފިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އެ އޮތީ ރަނގަޅު ވިޔަފާރިއެއްތާ ކުރުވާފައި. ތިންސަތޭކަ މިލިއަނުން 15 މިލިއަނަށް. އަދި އެއާ އެކީގައި ޖީއެމްއާރުން ދެން ކުރި މަސައްކަތަކީ، އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ މުހައްމަދު ޝިހާބު. އެ މީހުންގެ ބޭނުންތައް އޮވެގެން ޖެޓް ފިއުލް ނޫނިއްޔާ މަތިންދާބޯޓަށް އަޅާ ފިއުލްގެ އަގު ހެޔޮ ކުރަން ކުރި މަސައްކަތް. ވަރަށް ގިނަ ކޮންސެންޝަންތައް ހޯދަން އެ މީހުން މަސައްކަތް ކުރި،" ޖީއެމްއާރަށް އެއާޕޯޓު ދޫކުރުމާ އަބަދުވެސް ދެކޮޅު ހެއްދެވި ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ އެކު ދައުލަތުން އެ ކުންފުންޏަށް ދިން 78 މިލިއަން ޑޮލަރުގެ ތެރެއިން 12-15 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ. ޔާމީން ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އެ ދުވަސްވަރު އިސްވެ އެ ހިސާބުތައް ގެނެސްގެން ބެލިއިރު އެ އަދަދު ހަރަދު ކުރި ކަމަށް ވަނީ ޖީއެމްއާރުގެ އެކްސްޕާޓުން ރާއްޖޭގައި ތިބުމުގެ ކަންކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ޖޫން 29، 2010 ގައި ރައީސް އޮފީހުގައި  ސޮއިކުރައްވަނީ.

ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ޖޫން 29، 2010 ގައި ރައީސް އޮފީހުގައި ސޮއިކުރައްވަނީ.

"އެކަމަކު، އެއީ ހަމަ ޕަކަޅާ ކޮށްލާފައި ހުރި ލާރި. މި 320 މިލިއަން ޑޮލަރަކީ [ޖީއެމްއާރުގެ އެއްބަސްވުން އުވައިލުމުން ދޭން ޖެހުނު ބަދަލު] ފައިސާ ދެއްކި ގޮތް އެހެރީ ފެންނަން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން އެމްއޭސީއެލްގެ ރެވެނިއު އެއް ބިލިއަން ރުފިޔާ ލިބުނެވެ. އަދި އެ މަނިކުފާނުގެ ވެރިކަން 2018 ވަނަ އަހަރު ނިމުނުއިރު އެމްއޭސީއެލްގެ ފައިދާއަކީ 1.3 ބިލިއަން ރުފިޔާ ކަމަށް ޔާމީން ފަހުރުވެރިކަމާ އެކު ވިދާޅުވި އެވެ. އެކަމަކު މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާއަކީ 1.1 ބިލިއަން ރުފިޔާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އެމްޑީޕީގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދޫކުރި ކުރުން ޔާމީން ރޭ ސިފަކުރެއްވީ "ކިރު ފެލަން ގެންގުޅުނު ގޮތަށް" އުޅުނު ކަމެއްގެ ގޮތުގަ އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް އެ މީހުން އެއްވެސް ވަރެއްގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ޔާމީން ވިދާޅުވި ގޮތުގައި އެއީ ހިލޭ ޖީއެމްއާރަށް ދޫކޮށްލި ދިވެހި ދައުލަތުގެ މުދަލެކެވެ.

އެކަމަކު، އެއީ ހަމަ ޕަކަޅާ ކޮށްލާފައި ހުރި ލާރި. މި 320 މިލިއަން ޑޮލަރަކީ [ޖީއެމްއާރުގެ އެއްބަސްވުން އުވައިލުމުން ދޭން ޖެހުނު ބަދަލު] ފައިސާ ދެއްކި ގޮތް އެހެރީ ފެންނަން،"--- ޔާމީން

ލޯނު ނަގައިގެން ވީއައިއޭގެ އާ ޓާމިނަލް ހެދުމަކީ ބޮޑު ގެއްލުމެއް ނަމަ ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި މިދިޔަ ސަރުކާރުގެ ފަސް އަހަރު އެ މަސައްކަތް ހުއްޓާ ނުލެއްވީ ކީއްވެތޯ ޔާމީން ސުވާލު ކުރެއްވި އެވެ. އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހުރީ ހަމައެކަނި އާ ޓާމިނަލްގެ ބިންގާ ކަަމަށާއި ބޭނުން ނަމަ އެކަން ފައްޔާޒަށް ހުއްޓުވާލެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ފައްޔާޒުގެ ބާރު އޮތް ދުވަސްވަރު ވެސް އެ މަސައްކަތް "ގެންދިޔައީ ބާރަށް" ކަމަށް ޔާމީން ވިދާޅުވެ، ހަޖޫ ޖެއްސެވި އެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން އާ ޓާމިނަލަށް ހަރަދުވާނެ ކަމަށް ލަފާކުރީ 357 މިލިއަން ޑޮލަރު ކަމަށް ވިޔަސް އެމްޑީގެ ސަރުކާރުގައި އެ އަދަދު 600 މިލިއަން ޑޮލަރަށް އިތުރުކުރި ކަމަށެވެ.

"ޓާމިނަލަށް އެހެން ބަދަލެއް ނާދޭ. މި ތަފާތު މިއީ އެ މީހުން ކާލާފައި ހުރި ލާރި. ތިންސަތޭކަ ފަންސާސް ހަތް މިލިއަން ޑޮލަރަށް ނިންމެން އޮތް ޓާމިނަލެއް އެހާ ދުވަސް ނަގާފައި 600 މިލިއަން ޑޮލަރަށް ހަދާފައި، މިއީ ރައްޔިތުންގެ ފައިސާއެއް ނޫންތޯ؟ ވަރަށް ކޯފާވެ ވަޑައިގެން ހުންނަވައި ޔާމީން ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވައި ޔާމީން ވިދާޅުވީީ، އާ ޓާމިނަލަށް ހަރަދު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒުގެ ޖީބުން ނޫން ކަަމށެވެ.

"މި ކަހަލަ ވާހަކަ އަޅުގަނޑުމެން ދައްކާތީ މިކަމާ ރުޅި އައިސްގެން މިހާ ބޮލުރޮދި ކެނޑިގެން މި މީހުން މި ވާހަކަ ދައްކަނީ. އެކަމަކު މިހިރަ ފިގާސް ކިހިނެއްތޯ ދޮގު ހަދާނީ؟،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ޖީއެމްއާރަށް ދޫކޮށްފައި އޮތް ދުވަސްވަރު ޖީއެމްއާރުގެ ބޭނުންތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ވެސް ނަޝީދުގެ ސަރުކާރުން ދިނެވެ. އޭގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ އެކި ކަހަލަ ފީތައް މާފުކުރުމާއި ލުއިކުރުން ހިމެނެ އެވެ.

ފައްޔާޒު ވިދާޅުވީ ކީކޭ؟

ވީއައިއޭގެ އާ ޓާމިނަލްގެ ކްރެޑިޓް ނެގުން ފޯރިއާ އެކު ކުރިއަށް ދާ މި ދުވަސްވަރުގައި ފައްޔާޒު މި ހަފުތާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވީއައިއޭ ތަރައްގީ ކުރުމަށާއި ދައުލަތުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެއާޕޯޓު ހިންގަން ޖީއެމްއާރުއާ ހަވާލުކޮށްފައި އޮއްވައި، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ޔާމީން ކުރެއްވި ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.

އެ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޔާމީންގެ ސަރުކާރުން ޖީއެމްއާރަށް ދައްކައި ހަލާސްކުރި އެވެ. އޭގެ ތެރޭގައި ޖީއެމްއާރުގެ ދުވަސްވަރު އާ ޓާމިނަލް ހަދަން ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އިންޑިއާގެ ބޭންކަކުން ނެގި 160 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

"މިއީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ،" ޔާމީންގެ ނަން ނުގެންނަވާ އެ މަނިކުފާނަށް ފާޑުވިދާޅުވެ ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް.-- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް.-- ފޮޓޯ: މިހާރު

ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު، އާ ޓާމިނަލް ހަދަން ދަރަނި ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހުންނާނީ ހަތަރު މިލިއަންގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ނުވަތަ އާބާދީގެ ނިސްބަތުން ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ،" ޔާމީނަށް އަމާޒު ކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.

"މި ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް'ގެ އިގްތިސާދީ ވިސްނުން."

ސިޔާސީ ގޮތުން މި ފަހުން އަނެއްކާވެސް އެއްގަލަކަށް އަރުއްވައިގެން މިހާރު ތިއްބެވި ފައްޔާޒާއި ނަޝީދު ވެސް ގެންދަވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ލޯނު ނެގުމާ ސީދާ ދެކޮޅު ހައްދަވަމުންނެވެ.