Roadha Mihaaru

ޖީއެމްއާރު ބޭރުކުރަން ވަހީދާއި އިއްތިހާދުގެ ގިނަ ބޭފުޅުން ބޭނުންނުވި: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި، މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް "ވިއްކާލި އެއްބަސްވުން" އުވާލަން ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރު އުފެއްދި އިއްތިހާދުގެ ގިނަ ލީޑަރުން ފަހުން ދެކޮޅު ހެއްދެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރު ބޭރުކުރަން އިއްތިހާދުގެ ބޭފުޅުން ބޭނުންނުވި
އިފްރާޒް އަލީ
އިފްރާޒް އަލީ

21 ޖުލައި 2025

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި، މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް "ވިއްކާލި އެއްބަސްވުން" އުވާލަން ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރު އުފެއްދި އިއްތިހާދުގެ ގިނަ ލީޑަރުން ފަހުން ދެކޮޅު ހެއްދެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި ޕާޓީގެ އާންމު މެމްބަރަކު ބުނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން، ޔާމީން ޖަލުން މިނިވަންކުރުމުގެ ކަންކަން އަވަސްކުރުމަށް އޭނާ އާއި އިތުރު ބަޔަކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރި ކަމަށެވެ.

ނަމަވެސް، އެ މަޝްވަރާކުރަން ދިއުމުން ވަހީދު ވިދާޅުވީ "ޔާމީނު އަބަދުވެސް އޮންނަން ޖެހޭނީ ޖަލުގައި" ކަމަށް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ވަހީދު އެގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަހީދަށް ޕީޕީއެމްގެ ޓިކެޓް ދެއްވާނެ ކަމަށް ޔާމީން ވިދާޅުވެ އެގޮތަށް ކަންތައް ނުކުރެއްވުމުން ކަމަށް ވަހީދު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ވަހީދު ވިދާޅުވި ކަމަށް ބުނާ އެ ވާހަކައިގެ ހަގީގަތާއި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގައި ވަހީދުގެ ދައުރަކީ ކޮބައިތޯ އޭނާ ވަނީ ޔާމީނާ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ ވަހީދަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކަމަށް ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަކަށް މިހާރު ހުންނަވާ ވަހީދުއާ އެފަދަ މަޝްވަރާއެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޖީއެމްއާރު ބޭރުކުރީ ޕީޕީއެމްގެ ވެރިކަމުގައި!

ޖީއެމްއާރުގެ އެއްބަސްވުމުގެ ކަންކަމުގައި ނަޝީދަށް ވެސް ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ރާއްޖޭގެ ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ލިބުނީ ނަޝީދު ވެރިކަމުގައި. އެކަމަކު، ނަޝީދު ނޫން އެހެން މީހުން އެކަން ކުރަން ނުވަތަ އަމިއްލަ ހިޔާލު ފާޅުކުރަަން ފެށުމުން ނަޝީދަށް އެ ކަމެއް ހަޖަމެއް ނުވި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ އިޝާރާތް ކުރެއްވީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު އިއްތިހާދުން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކަށް ނަޝީދުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހުރަސްއެޅި މައްސަލައަށެވެ. ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅުގެ ވަރަށް ގިނަ ލީޑަރުން އޭރު ހައްޔަރުކުރި އެވެ.

ވެލާނާ އެއާޕޯޓު ހިންގުން ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގައި ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބު ވެސް މެ އެވެ.

ޔާމީން ވިދާޅުވީ، ނަޝީދު ވެރިކަން ވެއްޓުމުން އުފެދުނު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ވަހީދު ކުރި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. ޖީއެމްއާރުގެ އެއްބަސްވުން ބާތިލުކޮށް ހުރިހާ ކަމެއް ހިނގީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ހިއްސާއެއް ނޯންނާނެ. މީގައި [ހިއްސާ އޮތީ] އެމްޑީޕީ ނޫން އެހެން ހުރިހާ އެންމެންގެ: ޔާމީން

އާބިޓްރޭޝަނާއި ނެގޯސިއޭޝަންގެ ހުރިހާ ކަމެއްގައި އިސް ބޭފުޅަކަށް ހުންނެވީ އެ މަނިކުފާނުގެ ވެރިކަމުގައި ބަންޑާރަނައިބަކަށް ހުންނެވި މުހައްމަދު އަނިލް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޖީއެމްއާރަށް 320 މިލިއަން ޑޮލަރު ދީފައި މި ގަތް ޓްރާންސެކްޝަނަކީ ބުކް ކޮށްފައި އޮތް ޓްރާންސެކްޝަނެއް. ތާރީހު އޮންނާނެ، ނެގޯސިއޭޝަނާއި އާބިޓްރޭޝަނުގައި ތަމްސީލުކުރަން ވަޑައިގަތީ އަނިލް ކިޔާ ބޭފުޅެއް،" ޔާމީން ވިދާޅުވި އެވެ.

"ރައީސް ވަހީދުގެ ހިއްސާއެއް ނޯންނާނެ. މީގައި [ހިއްސާ އޮތީ] އެމްޑީޕީ ނޫން އެހެން ހުރިހާ އެންމެންގެ."

ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އޭރުގެ އިދިކޮޅުގެ ލީޑަރުންގެ ތެރެއިން އިސްކޮށް އުޅުއްވީ ޑީއާރުޕީގެ ފަރާތުން ތަސްމީނު އަލީ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ފަރާތުން ޑރ. ހަސަން ސައީދު އަދި ޕީއޭގެ ފަރާތުން އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެ ތެދުވީ އެއާޕޯޓް ހޯދަން، ހުރިހާ ދިވެހިން ނުކުތީ އެއާޕޯޓް ލިބެންޖެހޭނެ އެއްޗެއް ކަމަށް ކިޔާފައި. އޭރަކު ވަހީދު އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާ،" ޔާމީން ވިދާޅުވި އެވެ.

"ރައީސް ވަހީދު ވެރިކަމަށް އައިސްފައި ވެސް އެކަމަކާ ނޫޅުއްވާ."

ޔަމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށް ވަހީދުގެ ވެރިކަމުގައި ޕީޕީއެމްގެ ކައުންސިލުން ދެ ފަހަރެއްގެ މަތިން ފާސްކޮށްގެން ދެ ސިޓީއެއް ރައީސް އޮފީހަށް ފޮނުވި ކަމަށެވެ. އޭގެ ފަހުން، ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުއްވި ހުރިހާ ލީޑަރުން ރައީސް އޮފީހަށް ބައްދަލުވުމަކަށް ގެންދެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ވަހީދު ބޭނުންފުޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން: ޔާމީން

ޖީއެމްއާރުއާ އެކު ހަދާފައި އޮތް އެއްބަސްވުމުން ސަރުކާރަށް ގެއްލުންވާ ކަމަށް އެ ބައްދަލުވުމުގައި ވަހީދު ވިދާޅުވި ނަމަވެސް، އެމަނިކުފާނު ހުށަހެޅުއްވީ އެއްބަސްވުން ބާތިލުނުކޮށް، ސަރުކާރަށް ގެއްލުންވާ ކަންތައްތައް އުނިކޮށްފައި ސަރުކާރަށް ފަހިވާގޮތަށް އެއްބަސްވުމަށް ބަދަލު ގެނައުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވަހީދު ބޭނުންފުޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، އެކަމާ ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ. ވަހީދުގެ އެ ހުށަހެޅުއްވުމަށް ދެކޮޅު ހެއްދެވީ އެމަނިކުފާނާއި ހަސަން ސައީދު އެކަނި ކަމަށް ޔަމީން ވިދާޅުވި އެވެ.

"އިމްރާން އަބްދުﷲ ވަޑައިގަތީ މި ހުރިހާ ކަމެއް ނިމިގެން 15 މިނެޓު ފަހުން. އޭގައި އޭނާ ބައިވެރި ނުވީ ގޮތެއް ބުނަން ޖެހިދާނެތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ހޯދައިދިނުމުގެ ހަރަކާތް ހިނގާދިޔަ ގޮތް ވަހީދާއި ގާސިމާއި އުމަރު ނަސީރާއި މުހައްމަދު މޫސާ (އުއްޗު) ފަދަ ބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ދުވަސްވަރު ބޭއްވި ޕްރެސް ކޮންފަރެންސްތަކާއި ޕިކަޕް ބުރުތަކާއި މުޒާހަރާތަކާއި ކަނޑުމަތީގެ ހަރަކާތްތައް ބެލުމުން އެ ހަރަކާތް ހިންގެވި އަދި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ދިވެހި ރައްޔިތުން ފެނިވަޑައިގަންނަވާނެ،" ޔާމީންގެ ވާހަކަފުޅު ސީދާ ދޮގު ނުކުރައްވައި އިމްރާން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ވަހީދަށް ފެނިވަޑައިގަންނަވާ ގޮތެއް ހައްދަވާށެވެ. ތަސްމީނު ވިދާޅުވީ ފޮރިން އިންވެސްޓްމަންޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ އެކަން ނުކުރައްވާށެވެ.

"މިކަމާ ހަމައެކަނި ދެކޮޅު ހެދި ދެ މީހުންނަކީ ގައުމީ ޕާޓީން ހަސަން ސައީދާއި ޕީޕީއެމުން އަޅުގަނޑު،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ނަމަވެސް، އޭގެ ފަހުން ވަހީދަށް މަޝްވަރާ ދެއްވި ބޭފުޅުންގެ ލަފާގެ މަތިން އެ އެއްބަސްވުން ބާތިލުކުރަން ޖެހޭ ކަމަށް ފަހު ވަގުތު ވަހީދު ގަބޫލުފުޅު ކުރެއްވި ކަމަށެވެ. ވަހީދު އެކަން ގަބޫލުފުޅު ކުރެއްވުމުން އުފާފުޅު ކުރައްވާ ކަމަށް ވެސް ޔަމީން ވިދާޅުވި އެވެ.

ޖީއެމްއާރުއާ އެކު ހެދި އެއްބަސްވުން ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޖީއެމްއާރަށް ދައްކައި ހަލާސްކުރީ ޔާމީންގެ ވެރިކަމުގަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ޔަމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.