Roadha Mihaaru
ޖީއެމްއާރާއެކު އެއްވެސް ވާހަކައެއް ނުދައްކަން: ފަައްޔާޒު

ޖީއެމްއާރާ އެކު އެއްވެސް ވާހަކައެއް ނުދައްކަން: ފަައްޔާޒު

18 ފެބުރުއަރީ 2019

ޖީއެމްއާރާ އެކު އާ ސަަރުކާރުން މަޝްވަރާތަކެއް ކުރާ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ދޮގުކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖީއެމްއާރާ އެކު އާ ސަަރުކާރުން މަޝްވަރާތަކެއް ކުރާ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ދޮގުކުރައްވައިފި އެވެ.

އެކަމަކު ފައްޔާޒު ވިދާޅުވީ ބޭރުގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ޖީއެމްއާރަށް ވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޖީއެމްއާރުގެ އިސް ވެރިންތަކެއް ރާއްޖެ އައިސް ސަރުކާރުގެ ބައެއް އޮފިޝަލުންނާ އެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ބައެއް މީހުން ވާހަކަ ދެއްކިޔަސް، ފައްޔާޒު ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ޖީއެމްއާރާ އެކު ކޮށްފައި ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގުން 25 އަހަރަށް ޖީއެމްއާރަށް ދިނުމުން ސިޔާސީ ވަރަށް ބޮޑު ހަމަނުޖެހުމެއް ރާއްޖޭގައި ހިނގި އެވެ. އަދި ނަޝީދުގެ ވެރިކަން ބަދަވުމާ އެކު ވެރިކަމާ ހަވާލުވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލައި، ޖީއެމްއާރު އަތުން އެއާޕޯޓް ނަގައިފަ އެވެ.

އޭގެ ބަދަލެއްގެ ގޮތުން 217 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ދޭން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމުން، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގުތުން އެ ފައިސާ ދެއްކި އެވެ.

ފައްޔާޒު ވިދާޅުވީ ޖީއެމްއާރުގެ ސަބަބުން ރާއްޖެއަށް ބޮޑު ގެއްލުމަކާ ކުރިމަތިވީ އޭރުގެ ސަރުކާރުން އަމަލު ކުރި ގޮތުން ކަމަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ފަހު، ސަރުކާރު ކުންފުނި އެމްއޭސީއެލް އިން އަލުން އެއާޕޯޓާ ހަވާލުވެ، މިހާރު ގެންދަނީ ވަރަށް ބޮޑެތި ތަރައްގީތައް ގެންނަމުންނެވެ. އަދި އެމްއޭސީއެލް އަށް ޗައިނާ އާއި މެދުއިރުމަތީގެ ބޭންކްތަކުން ބޮޑެތި ލޯނުތައް ދީފައިވެ އެވެ. އެ ލޯނުތައް ދައްކަމުން ވެސް އެމްއޭސީއެލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް، އެމްއޭސީއެލުން ބުނެ އެވެ.

ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރި އިރު އޭރު 45 އަހަރު ވީ ރަންވޭގެ ބަދަލުގައި އާ ރަންވޭއެއް ހަދާކަށް އެއްބަސްވުމަކު ނެތެވެ. އެކަމަކު އަޅަން ޖެހޭ އާ ޓާމިނަލްގެ މަސައްކަތް 2012 ގައި، އެގްރިމެންޓް ބާތިލްކުރި އިރު އޮތީ ފަށައިފަ އެވެ. އަދި އެގްރިމެންޓް ކެންސަލްކުރަން އުޅުނު ދުވަސްވަރު، 150 މިލިއަން ޑޮލަރު ހޭދަކޮށްގެން އާ ރަންވޭއެއް ވެސް ހަދައިދޭނެ ކަމަށް ޖީއެމްއާރުން އިއުލާންކުރި އެވެ.

ޔާމީންގެ ސަރުކާރުން މިހާރު ވަނީ އާ ރަންވޭއެއް ހަދައި ނިންމައިފަ އެވެ. އެއާޕޯޓްގެ ތަރައްގީއަށް އެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރަ އެވެ.