Roadha Mihaaru
ޕްރައިވެޓް ސެކްޓަރުން ކިޔާ އަގުތައް މާ ބޮޑު: އާސަންދަ

ޕްރައިވެޓް ސެކްޓަރުން ކިޔާ އަގުތައް މާ ބޮޑު: އާސަންދަ

22 ޖޫން 2022

ޕްރައިވެޓް ސެކްޓަރުން އާސަންދަ ހިދުމަތްތަކަށް ކިޔަނީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށާއި އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕްރައިވެޓް ސެކްޓަރުން އާސަންދަ ހިދުމަތްތަކަށް ކިޔަނީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށާއި އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވެއްޖެ އެވެ.

އިޖްތިމާއީ ކޮމިޓީގައި މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަރިޔަމް މިއަދު ވިދާޅުވީ، އާސަންދައާ ޖެހުމުން އަމިއްލަ ވިޔަފާރިތަކުން ކިޔާ އަގު ވަރަށް ބޮޑަށް އިތުރު ކަމަށެވެ. މަރިޔަމް ވިދާޅުވީ، އިމަޖެންސީ އިވަކުއޭޝަން ހާލަތްތަކުގައި ރަށްރަށުން ލޯންޗުފަހަރު ހޯދާއިރު އެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

"500ރ. އަށް ކުރާ ދަތުރު ވެސް އާސަންދަ މެދުވެރިކޮށް ވިއްޔާ 3،000ރ. އަށް އަރާ ހާލަތްތައް ވަރަށް ގިނައިން މެދުވެރިވޭ،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ، އެހާ ބޮޑު އަގު ކިޔުމުން ވެސް، ލޯންޗު ކުއްޔަށް ނުނަގާ އެހެން ގޮތެއް ނޯންނަ ކަމަށެވެ. އެހެންވެ، އެކަން ހައްލުކުރަން، ކޮންމެ އަތޮޅެއްގެ ޕްރައިވެޓް ލޯންޗު ދުއްވާ ބަޔަކާ އެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އދ. އަތޮޅުގައި ލޯންޗުތައް އެގްރީމެންޓެއް ހަދައިގެން، ވަކި އަގަކަށް ދަތުރުތައް ވާނީ މިދިޔަ އަހަރު ހަމަޖައްސާފައި. މި އަހަރު، ދެ ފަހަރަކަށް، އިތުރު ތިން އަތޮޅެއްގައި ލޯންޗު ކުއްޔަށް ނަގާފައި ބަހައްޓަން އެބަ މަސައްކަތް ކުރަން. އެކަމަކު އަދި އެ ތަންތަނަކުން އެހާ ބޮޑު ތަރުހީބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ، މިކަން އަވަސް ކުރަން ކައުންސިލްތަކާ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި ވެސް އާސަންދަ ރަޖިސްޓާޑް ޕްރައިވެޓް ލޯންޗެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް އާސަންދަ އާއި އެންސްޕާގެ އިސްވެރިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުން -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް އާސަންދަ އާއި އެންސްޕާގެ އިސްވެރިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުން -- ފޮޓޯ: މަޖިލީސް

މަރިޔަމް ވިދާޅުވީ، ބޭރުގެ ހޮސްޕިޓަލްތަކުން ވެސް އަގު ބޮޑުކޮށް އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭތީ 2019 ވަނަ އަހަރުން ފެށިގެން އެކަން ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގްރީމެންޓްތަކެއްގެ ދަށުން އެކި ފަރުވާތަކަށް ވަކި އަގުތަކެއް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ.

"އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުގައި އެތަނުގެ ރައްޔިތުންނަށް ދޭ އަގުގައި ހިދުމަތް ލިބެން ހުރި ތަންތަން ވެސް މިހާރު ހުންނާނެ. އެކަމަކު ޕްރައިވެޓް ބޮޑެތި ހޮސްޕިޓަލްތަކަށް ތަންކޮޅެއް ބޮޑެތި އަގުގައި ހިދުމަތް ހޯދަން ލިބެނީ،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އަގުތައް ވެސް ކޮންޓްރޯލް ނުވާ އިރު، ބޭރު ހޮސްޕިޓަލްތަކުގައި އެކަން ކުރަން އަދި މާ އުނދަގޫ ކަމަށެވެ. އަދި އަގު ބޮޑުވި ނަމަވެސް ބައެއް ސާޖަރީތައް ހަދަން ބައެއް ހޮސްޕިޓަލްތަކަށް ފޮނުވަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ކިޑްނީ ޓްރާންސްޕްލާންޓް، ލިވާ ޓްރާންސްޕްލާންޓް ފަދަ ބޮޑެތި ކަންކަމަށް ފޮނުވަނީ އަގު ބޮޑެތި ތަންތަނަށް،" އޭނާ ވިދާޅުވި އެވެ.

އާސަންދަ މެދުވެރިކޮށް ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ސިއްހީ ހިދުމަތްތަކަށް ހޭދަކުރާ އިރު ބޭރުގެ ހޮސްޕިޓަލްތަކަށް ހޭދަކުރަނީ އޭގެ އަށް ޕަސެންޓުވަރެވެ.