Roadha Mihaaru
ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ގަރާރު ފާސްކޮށްފި

ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ހުށަހެޅި ގަރާރު ފާސްކޮށްފި

18 އޮކްޓޯބަރ 2023

ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައި ،ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައި ،ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރުގައިވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ހަނި ކަމަށް ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.

ގަރާރުގައި ވަނީ ދަރިމަރިވުމުގެ މައްސަލަތަކާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި، ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ.

އިޖުތިމާއީ ކޮމިޓީއިން ގަރާރު ދިރާސާ ކުރިއިރު، ހެލްތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އާސަންދަ އާއި އެންސްޕާގެ އިތުރުން 311 މެމްބަރުން ހިމެނޭ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ބޭފުޅުންނާ ބައްދަލުކޮށް ލަފަޔާއި އިރުޝާދު ވަނީ ހޯދައިފަ އެވެ.

ކޮމިޓީގައި ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދަރިމައިވާ ރޭޓު 2017 ވަނަ އަހަރު 2.1 ޕަސެންޓަށް ދަށްވެފައިވާތީ އާބާދީގެ ނިސްބަތް އެއް ޖީލުން އަނެއް ޖީލަށް އިތުރުނުވެ އެއް ވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

ގަރާރާ ގުޅިގެން ކޮމިޓީއިން ވަނީ ތިން ކަމެއް ހުށަހަޅައިފަ އެވެ. އެއީ:

- ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާ ގުޅޭ ވުޒާރާތަކުން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރުން.

- އާސަންދަ ސްކީމަށް ބަދަލު ގެނެސް، ދަރިމައިނުވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމެނުން.

- ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތަކުން ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުން.

މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.