30 ސެޕްޓެމްބަރ 2021
އުމުރު ދެބައިވެގެން ދިޔައިރު އައިމިނަތު އިބްރާހިމަށް (އަސްލު ނަމެއް ނޫން) ލިބުނު ހުރިހާ ފައިސާއެއް ހަރަދުކުރީ އަމިއްލަ ދަރިއެއް އުފަންކުރުމުގެ ނަސީބު ލިބޭތޯ އެވެ. އަލަތު ކައިވެންޏަށް މިވީ 24 އަހަރުގެ ތެރޭގައި މި ސަރަހައްދުގެ އެކި ގައުމުތަކުން އެ ދެމަފިރިން ފަރުވާ ހޯދައި، ހަތް ފަހަރު ބަނޑުބޮޑުވި އެވެ.
އުމުރު ދެބައިވެގެން ދިޔައިރު އައިމިނަތު އިބްރާހިމަށް (އަސްލު ނަމެއް ނޫން) ލިބުނު ހުރިހާ ފައިސާއެއް ހަރަދުކުރީ އަމިއްލަ ދަރިއެއް އުފަންކުރުމުގެ ނަސީބު ލިބޭތޯ އެވެ. އަލަތު ކައިވެންޏަށް މިވީ 24 އަހަރުގެ ތެރޭގައި މި ސަރަހައްދުގެ އެކި ގައުމުތަކުން އެ ދެމަފިރިން ފަރުވާ ހޯދައި، ހަތް ފަހަރު ބަނޑުބޮޑުވި އެވެ.
އެއިން ކޮންމެ ފަހަރަކު ވެސް އެތައް ހުވަފެންތަކެކެވެ. އުއްމީދުތަކެކެވެ. އެކަމަކު މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެ އެވެ. ވަކި ހިސާބަކުން ބައިގެންދަނީ އެވެ. މި ވޭނާއި ހިތްދަތިކަން އައިމިނަތަށް ސިފަކޮށްދޭކަށް ފަސޭހައެއް ނޫނެވެ.
"އެންމެ ފުރަތަމަ ބަނޑުބޮޑުވީ ވެސް ކުޑަ ސާޖަރީއެއް ހަދައިގެން، ހަމަ ނޯމަލްކޮށް. އެކަމަކު ބަނޑަށް ހަ ހަފުތާ ވި ތަނާ މިސްކެރިޖު ވެއްޖެ. ފައިސާ އެއްކޮށްގެން އައިވީއެފް ޓްރީޓްމަންޓަށް އެންމެ ފުރަތަމަ ދިޔައީ 2005 ވަނަ އަހަރު. ޖެހިގެން އައި ދެ އަހަރު ވެސް ދިޔައިން އައިވީއެފަށް. އެ ކޮންމެ ފަހަރަކު ވެސް ބަނޑުބޮޑުވޭ،" އައިންތު ބުންޏެވެ.
އޭނާ ބުނިގޮތުގައި 2007 ވަނަ އަހަރު އައިވީއެފް އިން ބަނޑުބޮޑުވެ، ރާއްޖެ އައިސް ސްކޭން ހަދައިގެން ދަރިފުޅުގެ ހިތުގައި ވިންދު ޖަހާ އަޑު ވެސް އިވުނެވެ. އެކަމަކު ބެޑް ރެސްޓުގައި އޮވެ، ދެން ސްކޭން ހަދަން ދިޔައިރު ޑޮކްޓަރު ބުނި ވާހަކައިން ދިޔައީ ހިތް ފަޅައިގެންނެވެ. ފޮނި އުއްމީދުތައް ކުރަމުން ދަނިކޮށް ބަނޑަށް 11 ހަފުތާގައި އަނެއްކާ ވެސް ބައިގެން ދިޔައީ އެވެ.
"އޮށޯވެގެން އޮވެ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރީ. ނޭނގެ ބޭބީ މިސްކެރިޖު ވީ އިރެއް ވެސް. ޑޮކްޓަރު ބުނީ ސްކޭން ހަދާފައި ނެތޭ ބޭބީއެއް. މީހާއަށް ވާނުވާ ނޭނގިފައި ހުރީ. ގެއަށް އާދެވުނު އިރު ވެސް ނޭނގުނު. އެއީ އެންމެ ދެރަވި އެއް ދުވަހަކީ،" އައިންތު ބުންޏެވެ.
ދަރިއަކަށްޓަކައި ހިތުގައިވާ ލޯތްބާއި ކުލުނަށްޓަކައި ފަރުވާއަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ. އަދިވެސް މުޅިން ދިރިއުޅުން އެކަމަށް ހުސްކުރަން ދެމަފިރިން ތައްޔާރެވެ. އުމުރުން ދުވަސްވަމުންދާތީއާ އެކު ބޭސްކޮށްގެން ކުއްޖެއް ހޯދަން މިހާރު ބޭނުން ނުވިއަސް އަމިއްލަ ދަރިއެއް ހޯދުމުގެ އުއްމީދު އައިންތުގެ ދެމަފިރިން ގެއްލުވައެއް ނުލަ އެވެ.
ދަރިން ނުލިބުމުގެ މައްސަލައަށް އިންޑިއާގެ ފާޓިލިޓީ ދެ ސެންޓަރަކުން ފަރުވާ ހޯދި ހަސަން އަލީ (އަސްލު ނަމެއް ނޫން) ގެ ތަޖުރިބާއަކީ ވެސް މި އެވެ. އޭނާ ބުނާ ގޮތުން، އިންޑިއާގެ ދެ ސަރަހައްދެއްގައި ހުންނަ ސެންޓަރަކަށް ދެ ބުރެއްގެ މަތިން ދިޔައިރު އޭނާއަށް އިހްސާސްވީ އޭނާގެ ކެކުޅުން އެތައް ދިވެހިންނެއް އުފުލާ ކަމެވެ.
"މުޅި ތަން ފުރިފައި އޮތީ ދިވެހިން. އެ ދުވަހު ގަބޫލުކުރެވިއްޖެ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ ވަރަށް ގިނަކަން. އެކަމަކު ކީއްކުރާނީ ދޯ. ރާއްޖެއިން ނެތް ފަރުވާއެއް ހޯދޭކަށް،" ހަސަންގެ ކަންބޮޑުވުންތައް އޮއްސާލި އެވެ.
ތެދެކެވެ؛ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ސަރުކާރުން މިލިއަނުން ހަރަދުކުރާއިރު ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވާހަކަދައްކާ އަޑެއް ނުވަތަ ހާލަތާ ގުޅޭގޮތުން ފާޅުކުރި ކަންބޮޑުވުމެއް ނީވެ އެވެ. އެކަމަކު، ކަމާގުޅުންހުރި ފަރާތްތަކުގެ ވާހަކައިން ގަބޫލުކުރެވެނީ މި މައްސަލަ ވެސް ރާއްޖޭގައި ބޮޑުވަމުންދާ ކަމެވެ.
އައިންތު އާއި ހަސަންގެ ވެސް މައިގަނޑު ޝަކުވާއަކީ އެ މީހުންގެ ތަކުލީފުތަކަށް ސަރުކާރުން އެހީގެ އަތެއް ދިއްކޮށްނުލުމެވެ. އައިވީއެފް ހަދާ ހިސާބުން ވިހަންދެން ބައެއް މީހުން ރާއްޖެއިން ބޭރުގައި ތިބެން ޖެހެ އެވެ. އައިވީއެފް ހަދާ ކޮންމެ ފަހަރަކު ލައްކައެއްހާ ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މިއީ ކޮންމެ ފަހަރަށް ބަލާއިރު ވަރަށް ބޮޑު ހޭދައެކެވެ. އެކަމަކު ދަރިމައިވުމާ ގުޅޭ އެއްވެސް ހަރަދެއް އާސަންދައިގެ ތެރޭގައި ނުހިމެނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނަމުގައި އާސަންދަ ދޭން ފަށައި މި ވީ މުއްދަތުގެ ތެރޭގައި އެ ސްކީމަށް ވެސް ބަދަލުތައް ގެނަ އެވެ. ނަމަވެސް އާސަންދަ ނުލިބޭ ހިދުމަތްތަކުގެ ތެރޭގައި އިންފާޓިލިޓީ ހިމެނޭތީ، އެކަމާ ގުޅޭ އެއްވެސް ފަރުވާއަކަށް އާސަންދަ އެހީއެއް ނުދެ އެވެ.
އޭގެ އެއް ސަބަބަކީ، އާސަންދައަކީ ސޯޝަލް ސްކީމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެފައި، އައިވީއެފް އަދި އައިޔޫއައި އަކީ އެޑްވާންސް ފަރުވާއަކަށް ވުމެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ނުލިބޭތީ އާއްމުންގެ ޝަކުވާ ކޮންމެ ވެސް ވަރަަކަށް ލިބެ އެވެ. އެ ކަންކަމާ ގުޅިގެން އާސަންދައިގެ އެކި ލެވެލްގައި އެތައް މަޝްވަރާއެއް ކުރިއަސް އެއްވެސް ކަމެއް އަދި ބަދަލެއް ނުވެ އެވެ.
ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި އެ ޖަމިއްޔާގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ
އޭނާ ވެސް ވިދާޅުވީ އެ ފަރުވާތަކަށް ބޮޑު ހަރަދެއް ހިނގާކަން އާސަންދައިން ގަބޫލުކުރާ ކަމަށެވެ.
"މަޝްވަރާކުރަން އޭގެއިން ކޮންމެ ވެސް ބައެއް ނަމަވެސް، ހެދޭ ޓެސްޓުތައް ނަމަވެސް ކޮންމެ ވެސް ބައެއް އާސަންދަ ތެރެއިން ކަވަ ކުރެވިދާނެތޯ ބަލަން. އެކަމަކު، މި ބުނާހެން އެ ގަވައިދު އިސްލާހުކޮށްގެން އެކަމެއް ކުރެވޭނީ. އެނގޭ ވަރަށް ގިނަ މީހުންގެ ހުންނަ މައްސަލައެއް ރާއްޖޭގައި،" ޒީނިޔާ ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް ގިނަ މީހުން އެބަ އުޅޭ އޭގެތެރޭގައި. އެޓްލީސްޓް އޭގެ ތެރެއިން ކޮންމެ ވެސް ބައެއް ކަވާކޮށްދޭން ރަނގަޅުކަން އަޅުގަނޑުމެން ފާހަގަކުރަން."
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދަ ހިދުމަތް ފެށީ އިންޝުއަރެންސް ސްކީމުގެ ނަމުގައި ވިޔަސް ސްކީމް ހިނގަނީ އެ އުސޫލަކުން ނޫނެވެ. ފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުންނެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ހޯދާ ފަރުވާއަށް އާސަންދަ ނުލިބުނަސް ބޭރަށް ދިއުމާއި ހުރުމަށް އެންސްޕާއިން ކޮންމެ ވެސް ވަރެއްގެ އެހީއެއް ދެ އެވެ.
އެ އެޖެންސީން ބުނީ މި ވަގުތު ކުރިއަށްގެންދާ ޕްރޮގްރާމްތައް އަމާޒުކޮށްފައި ވަނީ ފުރާނަ އަށް ނުރައްކާތެރިކަމެއް ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމަކަށް ހުށަހެޅޭ ހާލަތްތަކުގައި ބަލިމީހާ ސަލާމަތްކުރުމަށެވެ.
ނަމަވެސް ދަރިމައިވުމުގެ މައްސަލަތަކަށް ފުރަތަމަ ފަހަރަށް ފަރުވާ ހޯދުމަށް އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދާ މީހުންނާއި އެ މީހުން ލަފާކުރި ވަރަށް ވުރެ ގިނަ ދުވަހު ފަރުވާ އަށް ބޭރުގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންގެ ހުރުމާއި ކެއުމަށް ކޮންމެ ވެސް ވަރެއްގެ އެހީއެއް ދެ އެވެ. އަދި އެކަމަށް ހުށަހަޅާ މީހުންނަށް އަހަރަކު އެއްފަހަރު ދެ މީހުންގެ ޓިކެޓް ހަމަޖައްސައިދޭ ކަމަށް އެންސްޕާއިން ބުންޏެވެ.
"މި އެޖެންސީން ދެކޭގޮތުގައި މި ފަދަ ކަންކަމަށް ގައުމީ ފެންވަރުގައި ޕްރިވެންޝަން އަދި އިންޓަވެންޝަން ޕްރޮގްރާމެއް އިފްތިތާހު ކުރެވި ކޮންމެ އަހަރަކު ވެސް ކަނޑައެޅޭ އަދަދަކަށް، މިކަމަށް ބޭނުންވާ އާއިލާތަކަށް އެހީ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. މި ކަމަކީ ދިގު މުއްދަތަކަށް ފަރުވާގައި ހޭދަކުރަންޖެހޭ ކަމަކަށް ވާތީވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުން މި ފަދަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ހޯދުމަށް ދަތިވާނެ އެވެ،" ލިޔުމުން "މިހާރު"އަށް ފޮނުވި ޖަވާބުގައި އެ އެޖެންސީން ބުންޏެވެ.
ރާއްޖޭގައި ދަރިން ނުލިބުމުގެ މައްސަލަ އޮތް މިންވަރު، މީގެ ހަ އަހަރު ކުރިން "ފަޒީސް ހިޖާމާ"ގެ ނަމުގައި ތަނެއް ހުޅުވައި ހިޖާމާ ޖަހައިދޭން ފެށި ފަޒީލާ އުސްމާނުގެ ވާހަކަތަކުން ސާފެވެ.
އޭނާ ބުނާ ގޮތުން ދަރިމައިވުމުގެ މައްސަލަތަކަށް ކޮވިޑުގެ ކުރިން ކޮންމެ ދުވަހަކު ވެސް 10-12 މީހުން ފަރުވާ ހޯދި އެވެ. އޭގެ ތެރޭގައި ގިނައީ ޕީސީއޯއެސް އަށް ފަރުވާ ހޯދާ މީހުންނަށް ވިޔަސް، މިހާރު ފަރުވާ ހޯދަން ދާ ފިރިހެނުން ވެސް ގިނަ ކަމަށް އޭނާ ބުންޏެވެ.
ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް އެ ތަނުން ފަރުވާ ހޯދި މީހުންގެ އެވްރެޖު އުމުރު އުޅެނީ 20-35 ދެމެދުގަ އެވެ.
"މިހާތަނަށް 22،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެވިއްޖެ. އޭގެ ބޮޑު ބައެއް އުޅޭނީ ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް ފަރުވާ ހޯދި މީހުން،" ފަޒީލާ ބުންޏެވެ.
އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަސީލް ޖަލީލް ވިދާޅުވި ގޮތުގައި ދަރިމައިވުމުގެ މައްސަލަތައް ދުނިޔޭގެ އާބާދީގެ 10 ޕަސެންޓަށް ދިމާވެ އެވެ. އެ އުސޫލުން ރާއްޖެ އަށް ވެސް އެ މައްސަލަތައް ދިމާވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ބޮޑަށް ހީވެފައި އޮންނަނީ ދަރިމައިވުމުގެ މައްސަލަތައް ދިމާވަނީ އަންހެނުންނަށް ކަމެވެ. އެކަމަކު ޑރ. އަސީލް ވެސް ވިދާޅުވީ މިއީ ހަމައެކަނި އަންހެނުންނަށް ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. މީގައި އެންމެ މުހިއްމު ކަމަކީ ދެމަފިރިން ވެސް ޓެސްޓްކުރުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަސީލް ވިދާޅުވި ގޮތުގައި ދަރިމައިވުމުގައި މައްސަލަ ދިމާވާ ކަމަށް ބަލަނީ، ނޯމަލްކޮށް ދަރިން ހޯދަން މަސައްކަތްކޮށް، އެއް އަހަރުގެ ތެރޭގައި ވެސް ކާމިޔާބު ނުލިބުމުންނެވެ.
ރާއްޖޭގައި ކައިވެނި ކުރާ އުމުރު އަވަސްވުމުން، ދަރިން ނުލިބިގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ޒުވާން އަންހެނުން ވެސް ހިމެނޭ ކަމަށާއި ކިޔެވުން އަދި އެހެން ކަންތައްތަކުގެ ސަބަބުން ކުދިން ހޯދުން ފަސްކޮށްލުމަށް ފަހު ކުދިން ހޯދަން އުޅެ، އެކަން ކާމިޔާބު ނުވެގެން ވެސް ފަރުވާ ހޯދާ ކަމަށް، އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ގައިނެކޮލޮޖީ، ޑރ. އަސީލް ވިދާޅުވި އެވެ.
"ތިއަރިޓިކަލީ ދަންނަވާ ނަމަ އުމުރުން 35 އަހަރާއި 40 އަހަރުން މަތިވީމަ މި ވަނީ. މިސާލަކަށް ފިރިހެނުން ވީމަ 40 އަހަރުން މަތިވުން، އަންހެނުން ނަމަ 35 އަހަރުން މަތިވުން މި އުޅެނީ،" އަންހެނުންގެ ބަލިތަކަށް ހާއްސަވެ، ހިދުމަތް ދޭތާ 18 އަހަރުވެފައިވާ އަސީލް ވިދާޅުވި އެވެ.
އަންހެނަކު، ދެ ދަރިން ގޮވައިގެން ރަސްފަންނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންހެނުންނަށް ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ބަރުވުމާއި، އާދަޔާ ހިލާފަށް ލުއިވުމާއި ޖިންސީ ބަލިތަކާއި ހަކުރު ބަލި ހުރުން ހިމެނެ އެވެ. އޭގައި ހާލަތު ގޯސްވާ މީހުންގެ ތެރޭގައި ޕީސީއޯއެސް ހުންނަ މީހުންނާއި ތައިރޮއިޑާއި ހޯމޯން މައްސަލަ އަދި ކިޑްނީ ބަލި ހުންނަ އަންހެނުން ހިމެނެ އެވެ.
ފިރިހެނުންނަށް ދަރިމައިވުމުގެ މައްސަލަ ދިމާވާ ކަންކަމުގެ ތެރޭގައި ޖެނެޓިކް މައްސަލަ ހުންނަ މީހުންނާއި އާދަޔާ ހިލާފަށް ބާރު އެއްޗެހި ލުން ނުވަތަ ހޫނުކޮށް އުޅުމަކީ ވެސް ދަރިން ލިބުމުގެ މައްސަލަތައް ކުރިމަތިވާން ދިމާވާ ސަބަބެއް ކަމަށް ޑރ. އަސީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިން ނުލިބިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ފާއިތުވި އަހަރުތަކުގައި ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށެވެ. އަދި އެ މައްސަލަތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންނަށް ވުރެ ކްލިނިކްތަކުން ފަރުވާ ހޯދާ މީހުން ގިނަކަން ޑރ. އަސީލް ވެސް ފާހަގަކުރެއްވި އެވެ.
އެ މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ރާއްޖޭގައި ފަރުވާ ދެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ފީސިބިލިޓީއާ ކަންކަމަށް ބެލުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިއްމު އެއް ކަމަކީ ރަނގަޅަށް އިންވެސްޓިގޭޓުކޮށް ސަބަބު ދެނެގަތުން. ސަބަބު ދެނެގަންނަ ހިސާބުން ވަރަށް ބޮޑު އަދަދެއްގެ ބަޔަކީ ރާއްޖޭގައި ފަރުވާ ކުރެވޭނެ ކަމެއް. އެކަމަކު އޭގެ ސިވިއާ ކޭސަސްގައި އެބަ ބޭނުންވޭ ރާއްޖޭގައި މިހާރު ނުހުންނަ ފެސިލިޓީތައް ހޯދަން. އޭގެ ތެރެއިން ވެސް ބައެއް ފެސިލިޓީތަކަކީ ބުރަ ނޫން ގޮތަކަށް އެސްޓަބްލިޝް ކުރެވިދާނެ ސާވިސްއެއް،" ޑރ. އަސީލް ވިދާޅުވި އެވެ.
ދެން ހުރި ކަންކަމަކީ އިތުރު ސާމާނު ބޭނުންވާ، ބޮޑު ހަރަދެއް ހިނގާ އެސްޓަބްލިޝްމަންޓަކަށް ވާނެ ކަމަށެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ދެވޭ އާދައިގެ ފަރުވާގެ ތެރޭގައި ފިރިހެނުންގެ ކައުންޓު ރަނގަޅުކުރުމަށް ސާޖަރީ ހެދުމާއި އަންހެނުންނަށް ދިމާވާ ބައެއް ސިސްޓުތަކާ ގުޅޭ ފަރުވާ އަދި ބިސް އުފައްދައިދިނުން ހީނަރުވާތީ ކުރަންޖެހޭ ފަރުވާތައް ލިބެ އެވެ.
އަސީލް ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަން އަންނައިރު ސުވާލުތައް ނޯޓު ކޮށްލައިގެން އައުން ވަރަށް މުހިއްމު ކަމަށެވެ. ކޮންމެ ދެމަފިރިއަކަށް ވެސް، އެ މީހުންގެ މައްސަލައަކީ ކޮބައިކަން އެނގެން ޖެހޭނެ ކަމަށާއި އެއީ ރާއްޖެއިން ފަރުވާ ލިބޭ ކަމެއްތޯ ނޫނީ ނޫންތޯ ބަލަންޖެހޭ ކަމަށެވެ. ރާއްޖޭގައި ފަރުވާ ނުލިބޭ ނަމަ އޭނާ ލަފާ ދެއްވަނީ އިތުރު ހަރަދުނުކޮށް ބޭރުން އެކަންކުރަން ޖެހޭ ތަނަކަށް ދިއުމަށް ފައިސާ އެއްކުރުމަށެވެ.
"އަލުން ބަލުން އިތުރަށް ފައިސާ ބޭކާރުކުރުމުގެ ބަދަލުގައި އެކަމަށް ރައްކާކޮށްގެން އެކަމަށް ސަމާލުކަން ދީގެން. ވަރަށް ފޯކަސްޑް ފަރުވާއަކަށް ދިއުން އަސްލު ހަގީގަތުގައި،" ޑރ. އަސީލް ވިދާޅުވި އެވެ.
އައިޔޫއައި އަދި އައިވީއެފް ފަރުވާއަށް ހާއްސަ ލެބެއް މި ވަގުތު ރާއްޖޭގައި ނެތަސް، އެކަމުގެ މުހިއްމުކަން ގަބޫލުކުރެވި، ފާތިމަތު އާސިޔަތު މީގެ އަހަރެއް ވަރު ކުރިން މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އެމްބްރިއޮލޮޖީންނެވެ.
އޭނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލަ ދުނިޔޭގެ ނިސްބަތުން މަތިކޮށް އުޅޭއިރު ރާއްޖޭގައި ވެސް އެ ހާލަތަށް އެ ވަރަށް އޮތުން އެކަށީގެންވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އެއްވެސް ދިރާސާއެއް ހެދިފައި ނެތުމުން ސީދާ ފަރުވާ ހޯދާ މީހުންގެ އަދަދު ބެލިފައި ނެތް ކަމަށް އާސިޔަތު ވިދާޅުވި އެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ
"އެ ކަހަލަ ކަންތައްތައް އުޅޭނެ، ރާއްޖެ އަށް ވެސް ތްރެޓަކަށް ވާނެ ވަކި ވަރަކަށް. ރާއްޖޭގައި އިންފާޓިލިޓީ ރޭޓް މަތި. އަނެއްހެން މަދެކޭ ނުބުނެވޭނެ،" ބަޔޯ ހެލްތު ސައިންސް އިން މެލޭޝިޔާއިން ޑިގްރީ ހެއްދެވި އާސިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ރާއްޖޭގައި އެފަދަ ލެބެއް ނެތުމުން، އެންމެ ފުރަތަމަ ކުރަން ޖެހޭނީ އޭގެ ތަނެއް ގާއިމްކުރުމެވެ. ނަމަވެސް އެކަމަށް ގިނަ ވަގުތު ނަގާނެކަން އާސިޔަތު ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް މި ހިދުމަތް ބޭނުންވާކަން އެނގިހުރެ، ރާއްޖެއަށް މި ހިދުމަތް ތައާރަފްކުރަން ބޭނުންވާތީވެ އެމްބްރިއޮލޮޖީ ކިޔެވީ،" އޭނާ ވިދާޅުވި އެވެ.
އާސިޔަތުގެ ވެސް ވިދާޅުވީ އެހެން ބަލިތަކަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާއިރު، ދަރިމައިވުމުގެ މައްސަލަތަކަަށް ރާއްޖޭގައި ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަށް ބަލާއިރު މެޓާނަލް ޗައިލްޑް ކެއާ، ހެލްތު ކެއާ މިހާރު ވެސް އޮތީ ރަނގަޅު ދަރަޖައެއްގައި ކަމަށާއި އިންފާޓިލިޓީއަކީ ވެސް ރިޕްރޮޑަކްޓިވް ދާއިރާގައި ހިމެނޭ ކަމެއް ކަމަށް އާސިޔަތު ވިދާޅުވި އެވެ.
އައިވީއެފް ލެބަކީ ހޮސްޕިޓަލާއި ކްލިނިކްތަކުގައި ހަދާފައި ހުންނަ ލެބުތަކާ ތަފާތުކޮށް، ވަކި ފިނި ހޫނުމިނެއްގައި ބަހައްޓައި، ވަކި ކޮންޑިޝަންތަކަކާ އެކު ހަދާފައި ހުންނަ ހައި-އެންޑް ލެބަކަށް ވާންޖެހޭނެ އެވެ.
"ވަރަށް ބޭނުން ރާއްޖޭގައި އައިވީއެފް ލެބެއް ހުންނަން. ވަރަށް، ވަރަށް އުއްމީދާއެކު ކިޔެވީ އައިވީއެފް ލެބެއް ހުރެގެން ރާއްޖޭގައި މި ހިދުމަތް ދެވޭނެކަމަށް. މި ދާއިރާއިން ރާއްޖެއަށް އެހީ ބޭނުންވާކަމާއި އަދި އެ ކަހަލަ ތަނެއް ހުޅުވިފައި ނެތްކަން ވަރަށް ގިނަ މީހުންގެ ފަރާތުން އެނގިފައިވަނީ. ވަރަށް އުއްމީދުކުރަން [ލެބެއް] ހުޅުވޭނެ ދުވަހަކަށް،" އާސިޔަތު ވިދާޅުވި އެވެ.
ޒާތީ ވާހަކައަކަށް ވުމުން ގިނަ ފަހަރަށް ދަރިމައިވުމުގެ މައްސަލަތަކުގައި ދިމާވާ ކަންތައްތަކުގެ ވާހަކަ ދައްކަން މީހުން ލަދުގަނެ، ފަސްޖެހެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވެސް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގްރޫޕެވެ.
ސަޕޯޓު ގްރޫޕުގެ ގޮތުގައި ޑިސެމްބަރު، 2019 ގައި މަސައްކަތް ފަށައި، މިދިޔަ ޖެނުއަރީގައި ރަޖިސްޓްރީކުރި ޖަމިއްޔާގެ ކޯ-ފައުންޑަރު ހައްވާ އިހުސާނާ ބުނިގޮތުގައި ދަރިމައިވުމަށް މަސައްކަތް ކުރާ 150 މެމްބަރުން މި ވަގުތު ވެސް އެ ޖަމިއްޔާގެ ސަޕޯޓު ގްރޫޕުގައި އެބަތިބި ކަމަށެވެ.
"މާލީ ދަތިކަމުގެ ސަބަބުން ފަރުވާ ލަސްވެފައި ތިބި ކުދިން މިއީ. އެންމެ ބޮޑު ދައްޗަކީ ރާއްޖޭގައި އިންފާޓިލިޓީއަށް ފަރުވާ ދޭނެ ހާއްސަ ތަނެއް ނެތުން. އެހެންވެ، އަސްލު މައްސަލަ ދެނެގަންނަން ވަރަށް ވަގުތު ނަގާ،" އިހުސާނާ ބުންޏެވެ.
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ފުދުންތެރިކަމަށް ބަލައި އާސަންދަ ދޭން ދިރާސާކުރަން ލަފާ