11 މާޗް 2020
ކޮވިޑް-19 ރާއްޖެއަށް ފެތުރެން މެދުވެރިވި ގޮތުގެ ޖިނާއީ ތަހުގީގު ހިންގާ އިރު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވެރިން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.
ކޮވިޑް-19 ރާއްޖެއަށް ފެތުރެން މެދުވެރިވި ގޮތުގެ ޖިނާއީ ތަހުގީގު ހިންގާ އިރު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވެރިން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ކުރެއްވި ބަހުސްގައި މީކާއިލް ވިދާޅުވީ ރާއްްޖޭގެ ޖިނާއީ އަަދުލުގެ ނިޒާމުގައި ކަންތައްތައް ބައްޓަން ވެފައި އޮތީ ވަރަށް ބޭއިންސާފު ގޮތަކަށް ކަމަށެވެެ. އެގޮތުން ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ތަހުގީގަށް ބަންދުކޮށްފައި ހުންނަ އިރު، ބޮޑު ބައްްޔެއް ރާއްޖޭގައި ފަތުރިދާނެކަން އެނގި ހުރެ ދޫކޮށްލި މީހާގެ ތަހުގީގު ހިނގާ އިރު އޭނާ ހުންނަނީ މިނިވަންކޮށް ކަމަށް ވިދާޅުުވި އެވެ.
"މިއީ ކޮން ފަދަ އިންސާފެއްތޯ؟ ހެއްކަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އެކަށީގެންްވަނީ، ނޫނިއްޔާ އެފަދަ ރިސޯސްތަކެއް އެންމެ ބޮޑަށް ލިބިގެން ވަނީ އެ މަހުޖަނު މީހާއަށް ނޫންތޯ އަޅުގަނޑުގެ ހިތުގައި މިއަދު ސުވާލު އުފެދޭ،" މީކާއިލް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލުކުރަނީ ކޮރޯނާ ވައިރަސް ދިވެހިރާއްޖޭގައި ފަތުރަން އެނގި ހުރެ އެ ފުރުސަތު ދިން މަހުޖަނު މީހާގެ ތަހުގީގު ހިނގަމުން ދާއިރު އޭނާ ހުންނަން ޖެހޭނީ ކުޑަގޮޅީގައި ހައްޔަރުކޮށްފައި."
ކުރެއްދޫ އައިލެންޑް ރިސޯޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ތަނެކެވެ. އެކަމަކު ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިޓަލީއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ، ހުން އައިސް ހުއްޓާ ރާއްޖެ އިން ފުރުވާލީ، ރިސޯޓްގެ މެނޭޖްމަންޓުން ހަމަ ގަސްދުގައި ކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ކުރެއްދޫގައި އޭނާ ބަލިވެ އުޅުނު އިރު ފަރުވާ ދޭން އެހީތެރިވި ޑޮކްޓަރުގެ ފިރިމީހާ ކަމަށްވެ އެވެ. އެކަމަކު އޭގެ ފަހުން އެ ފަތުރުވެރިޔާއާ ގުޅުމެއް ނެތް ބަތަލާ ރިސޯޓުން ވެސް ވަނީ ބިދޭސީންތަކެއް އެ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.
މީކާއިލް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ކަންހިނގާ އުސޫލަކީ ރިސޯޓްތަކުގެ ވެރިން ފަދަ މުއްސަނދިންނާ ގުޅޭ ޖިނާއީ ތަހުގީގުތަކުގައި ވަކި ގޮތްތަކެއް ހަދައިދިނުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރުނު މައްސަލަ ތަހުގީގުކުރަން ޖެހޭނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ކަަމަށް.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިންސާނިއްޔަތަަށް ބޮޑު ގެއްލުމެއް ލިބޭ ފަަދަ އިހުމާލްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ ވަރަށް ބޮޑު ކުށަކަށް ހަދާފައި ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ރާއްޖެއަށް ފެތުރުނު މައްސަލަ ބަލަން ޖެހޭނީ އެމޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މުޅި އިންސާނިއްޔަތަށް އެކަމުގެ އަސަރުކޮށްފައިވާ ކަމެއް. އޭގައި ޖިނާއީ ކުށެއް އެކުލެވިގެން ވަންޏާ އެއީ ވަރަށް ބޮޑު ކުށެއް،" ހަސަން ވިދާޅުވި އެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަށް ބަލި ޖެހިފައި ހުރެ، އޭނާ ފުރައިގެން ދިޔަ އިރު ނޭނގުނު މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ ކަން ތަހުގީގުކުރަން އަމުރު ކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމެވެ.
ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ގަރާރު ފާސްކޮށްފި
މެމްބަރުންގެ ތައުލީމީ ޝަރުތު ހިމަނަން ގޮވާލައިފި
ސިޔާސީ މަގާމްތަކާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ހެލްތުގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތިކުރަނީ
"ކޮވިޑުގެ މަރުތައް ތަހުގީގުކޮށް ހައްގު ހޯދައިދޭންޖެހޭ"
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
ތިން މަސް ތެރޭ ގޯތިތައް ހަވާލުކުރާ ބިލު ބޭރުކޮށްލައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
3 މަސް ތެރޭ ގޯތިތައް ދޫކުރަންޖެހޭ އިސްލާހު ފާސްކޮށްފި
ލިސްޓު ހާމަކުރާތާ 6 މަސް ތެރޭ ގޯތި ދޭން ލާޒިމުކުރަނީ