Roadha Mihaaru
ލިސްޓު ހާމަކުރާތާ 6 މަސް ތެރޭ ގޯތި ދޭން ލާޒިމުކުރަނީ

ލިސްޓު ހާމަކުރާތާ 6 މަސް ތެރޭ ގޯތި ހަވާލުކުރުން ލާޒިމުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

07 ފެބުރުއަރީ 2024

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ހަވާލުކުރުން ސަރުކާރަށް ލާޒިމުކޮށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ހަވާލުކުރުން ސަރުކާރަށް ލާޒިމުކޮށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އަދި މި އިސްލާހަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލުކޮށް ނުކޮށް ހުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މީކާއިލް ވިދާޅުވީ، މި އިސްލާހު ބިމާ ބެހޭ ގާނޫނަށް ހުށަހެޅުއްވީ ކުރީގެ ސަރުކާރުން މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ހަވާލުކުރުން ލަސްކުރަމުންދާތީ، އެކަން ގާނޫނުން ލާޒިމް ކުރަން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ.

މި ސަރުކާރުން ވެސް އަންނަނީ އެ ބިންތަކުގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގޯތީގެ ލިއުން ދޫކުރުމާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު އެންމެންގެ ގޯތިތަކުގެ ރަޖިސްޓަރީ ހެދުމާއި ދޫކުރުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އޭގެ ތެރޭގައި ނުހިއްކާ ހުރި ތަންތަނަށް ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން ނުހިއްކާ އޮތް ސަރަހައްދުތަކަށް ދޫކޮށްފައިވާ އޮންނަ ވަގުތީ ލިޔުން، ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިއްކުނީމާ. ނަމަވެސް ވަގުތީ ރަޖިސްޓްރީއެއް، ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދިނުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ގޯތި ލިބުނު އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމަށާއި ލިޔުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.