Roadha Mihaaru
ބާރު ގަދަ ބިންހެލުމެއްގައި އަފްގާނުން 280 މަރު

ބާރު ގަދަ ބިންހެލުމެއްގައި އަފްގާނުން 280 މީހުން މަރުވެއްޖެ

22 ޖޫން 2022

ރޭ ދަންވަރު އަފްގާނިސްތާނަށް އައި ބާރު ގަދަ ބިންހެލުމެއްގައި، މަދުވެގެން 280 މީހަކު މަރުވެ އިތުރު އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

ރޭ ދަންވަރު އަފްގާނިސްތާނަށް އައި ބާރު ގަދަ ބިންހެލުމެއްގައި، މަދުވެގެން 280 މީހަކު މަރުވެ އިތުރު އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމުގެ އިރުދެކުނުން ޕާކިސްތާނުގެ އިމާ ގާތުގައި އޮންނަ ޕަކްތިކާ ޕްރޮވިންސަށެވެ. ބިންހެލުންތަކާ ބެހޭ ދިރާސާތައް ކުރާ އެމެރިކާގެ އިދާރާ އިން ބުނި ގޮތުގައި ރޭ ދަންވަރު ބާރުގަދަ ބިންހެލުމެއް އުފެދުނީ، އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޚޯސްތު ސަހަރުގެ ހުޅަނގުދެކުނުން 46 ކިލޯމީޓަރު ދުރުން، ބިންގަނޑުގެ 10 ކިލޯމީޓަރު ފުނުންނެވެ.

އަފްގާނިސްތާނު ގަޑިން ރޭ ދަންވަރު 1:54 ގައި އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގަ އެވެ. އަދި އޭގެ އެއް ގަޑިއިރު ފަހުން ވެސް، 4.5ގެ ބާރުމިނުގައި ދެ ވަނަ ބިންހެލުމެއް ވެސް އައެވެ.

އަފްގާނިސްތާނު ސަރުކާރުން ބުނާ ގޮތުގައި ބިންހެލުމުގެ މަރުކަޒު ހުރި ހިސާބުން ފެށިގެން 500 ކިލޯމީޓަރު ދުރު ސަރަހައްދަށް ވެސް، މި ބިންހެލުމުގެ ލޮޅުންތައް އެރި އެވެ. އޭގެ އިތުރުން ޕާކިސްތާނާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް، މި ބިންހެލުމުގެ އަސަރު ފޯރި ކަމަށް އެ ދެ ގައުމުން ބުނެ އެވެ.

ރޭ ދަންވަރު އައި ބިންހެލުމުގެ ޕަކްތިކާ ޕްރޮވިންސްގެ ބައެއް އިމާރާތްތައް ވެއްޓުނެވެ. އަދި ބައެއް އިމާރާތްތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ބައެއް ސަރަހައްދުތަކުން ބިންގަނޑު ވެސް ކަނޑައިގެން ގޮސްފައިވެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް، އަފްގާނިސްތާނުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

ބިންހެލުން އައި ވަގުތަކީ އެންމެން ކަހަލަ ގޮތަކަށް ގެތަކުގައި ނިދާފައި ތިބި ވަގުތު ކަމަށްވާތީ، ވެއްޓުނު އިމާރާތްތަކުގެ ދަށުގައިވީ ކިތައް މީހުން ކަމެއް މުޅިން ސާފެއް ނުވެ އެވެ. މި ބިންހެލުމުގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް އަފްގާނިސްތާނު ސަރުކާރުން ވަނީ، ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފަ އެވެ.