Roadha Mihaaru
އަފްޣާނަށް ބިންހެލުމެއް، 2000 އަށްވުރެ ގިނަ މަރު

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 2،000 ވުރެ ގިނަ މީހުން މަރުވެއްޖެ

08 އޮކްޓޯބަރ 2023

ކާބްލް (އޮކްޓޯބަރު 8) - އަފްޣާނިސްތާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 2،000 ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ކާބްލް (އޮކްޓޯބަރު 8) - އަފްޣާނިސްތާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 2،000 ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ހަރަތު ޕްރޮވިންސަށް އައި އެ ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 6.3 ގެ ބާރު މިނުގަ އެވެ.

އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންގެންދާ ތާލިބާނުންގެ ސަރުކާރުގެ ތަރުޖަމާން ސުހޭލް ޝާހީން ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގަތަރުގައި ހުންނަވާ އަލް ޖަޒީރާ އަށް އޭނާ ވިދާޅުވީ ކާރިސާގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގައި ޓެންޓާއި ސިއްހީ ވަސީލަތްތައް އަދި ކާބޯތަކެތީގެ ބާވަތްތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ވިޔަފާރިވެރިންނާއި އެންޖީއޯތަކުން އިސްނަގައިގެން މަސައްކަތްކޮށް ދެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާން އަބްދުލް ވާހިދު ރަޔާން ވިދާޅުވީ ގާތްގަނޑަކަށް ހަ އަވަށެއް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށެވެ. އަދި އާންމުންގެެ އެތައް ސަތޭކަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ވަޅުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީހުން ސަލާމަތް ކުރުމަށް އަވަސް އެހީއަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައިވަނީ އިއްޔެގެ ހެނދުނު 11:30 ހާއިރު ހަރަތު ޕްރޮވިންސްގެ ހުޅަނގު އުތުރުން 40 ކިލޯމީޓަރު (24 މޭލު) ދުރުމިނުގެ ސަރަހަދަކަށް ކަމަށެވެ. އަވަށްޓެރި ބަދްގީންނާއި ފަރާ ޕްރޮވިންސަށް ވެސް އޭގެ ފަހުން އައި ހެލުންތަކުގެ އަސަރު ރެކޯޑް ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަފްޣާނިސްތާނުގައި ހުންނަ ޑަބްލިއުއެޗްއޯގެ ޔުނިޓުން ބުނީ ޒަހަމްވި މީހުން ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް 12 އެމްބިއުލާންސް އެ ސަރަހަށްދަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު އެހީ އަށް އެ ޖަމާއަތުން ވެސް ވަނީ އެދިފަ އެވެ.

މިދިޔަ އަހަރު ޖޫން މަހުގެ އަފްޣާނިސްތާނުގެ އިރުމަތީގެ ފަރުބަދަމަތީ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސް ހިލައާއި އީޓް ގާތަކުން ހަދައިފައިވާ ގެތަށް ފުނޑުފުނޑުވި އެވެ. އެ ބިންހެލުމުގައި 1،000 މީހުން މަރުވެ، ގާތްގަނޑަކަށް 1،500 މީހުން ޒަހަމްވި އެވެ.