Roadha Mihaaru
އަފްގާނަށް އައި ބިންހެލުމެއްގައި 26 މީހަކު މަރުވެއްޖެ

އަފްގާނަށް އައި ބިންހެލުމެއްގައި 26 މީހަކު މަރުވެއްޖެ

18 ޖެނުއަރީ 2022

އަފްގާނިސްތާނުގެ ހުޅަނގު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 26 މީހަކު މަރުވެ، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

އަފްގާނިސްތާނުގެ ހުޅަނގު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 26 މީހަކު މަރުވެ، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

ހުޅަނގުގައި އޮންނަ ބަދްގީސް ޕްރޮވިންސްގެ ގާދިސް އަވަށަށް، ރިކްޓާ މިންގަނޑުން 5.3ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން، 700 އަށް ވުރެ ގިނަ ގެ ހަލާކުވި އެވެ. މި ހާދިސާގައި މީހުން މަރުވެފައި ވަނީ އެ މީހުން ދިރިއުޅޭ ގެތައް ވެއްޓުމުގެ ސަބަބުން އިމާރާތުގެ ދަށުވެގެންނެވެ. މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެ އެވެ.

ފުރަތަމަ ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުން، ރިކްޓާ މިންގަނޑުން 4.9ގެ ބާރުމިނުގެ ބިންހެލުމެއް ހަމަ އެ ސަރަހައްދަށް އައެވެ. ދެ ބިންހެލުން އައީ ބޯކޮށް ވާރޭވެސް ވެހެމުން ދިޔަ ވަގުތަކަށް ވާތީ، އޭރު ގިނަ މީހުން އުޅުނީ ގެތަކުގަ އެވެ.

ތުރުކުމެނިސްތާނާ އިންވެގެން އޮންނަ މި ސަރަހައްދަކީ އަފްގާނިސްތާނުގެ ވެސް އެންމެ ފަގީރު އެއް ސަރަހައްދެވެ. އެހެންކަމުން، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފުސީލުތައް އޮޅުންފިލަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ގާދިސް ޕްރޮވިންސަކީ އަފްގާނިސްތާނަށް މި އަހަރު ކުރިމަތިވި ހަނަފަސްކަމުގެ ތެރޭގައި ވެސް އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދެވެ. ވެރިރަށް ކާބުލްއާ ވަރަށް ދުރުގައި އޮތުމުގެ ސަބަބުން، ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ފޯރުކޮށްދޭ އެހީތެރިކަން ވެސް، މިދިޔަ 20 އަހަރުގެ ތެރޭގައި އެ ޕްރޮވިންސަށް ލިބިފައިވަނީ ވަރަށް މަދުންނެވެ.

އަފްގާނިސްތާނު އޮންނަނީ ބިންހެލުންތައް އުފެދުމުގެ ނުރައްކާ ބޮޑު ސަރަހައްދެއްގަ އެވެ. އެއީ ފަރުބަދަތައް ގިނަ ސަރަހައްދަކަށް ވާތީ ވެސް، ބިންހެލުންތަކުގައި ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. މިހާތަނަށް އައި ގިނަ ބިންހެލުންތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ، ބަލިކަށިކޮށް ހަދާފައި ހުންނަ އިމާރާތްތައް ވެއްޓި އެ ތަންތާނގެ ދަށުވެގެންނެވެ.