Roadha Mihaaru
ޔޯގާގެ ހަމަނުޖެހުން ބަލަން ކެބިނެޓްގެ ސަބް ކޮމިޓީއެއް

ޔޯގާގެ ހަމަނުޖެހުން ބަލައި ފިޔަވަޅު އަޅަން ކެބިނެޓްގެ ސަބް ކޮމިޓީއެއް

21 ޖޫން 2022

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތައް ހުރަސް އަޅައި، އެ ތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތައް ހުރަސް އަޅައި، އެ ތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ، މިއަދު ހެނދުނު 6:30 ގައި ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާ ކޮމިޓީގައި ހިމެނެނީ ހަތް ބޭފުޅެކެވެ. އެއީ:

1- ޑރ. އަހުމަދު ޒާހިރު، އިސްލާމިކް މިނިސްޓަރު

2- ޑރ. އާއިޝަތު އަލީ، އެޑިއުކޭޝަން މިނިސްޓަރު

3- އާއިޝަތު މުހައްމަދު ދީދީ، ޖެންޑާ މިނިސްޓަރު

4- އިބްރާހިމް ރިފްއަތު، ބަންޑާރަ ނާއިބު

5- ޔުމްނާ މައުމޫން، ހެރިޓޭޖް މިނިސްޓަރު

6- މުހައްމަދު އަސްލަމް، ހައުސިން މިނިސްޓަރު

7- އަހުމަދު މަހުލޫފް، ޔޫތު މިނިސްޓަރު

ރައީސް އޮފީހުން ބުނީ، ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ވަޒީރުންގެ މަޖިލީހުން ކުށްވެރި ކޮށްފައިވާ ކަމަށެވެ.

"މިކަން ކުށްވެރިކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ބަޔަކު އަރައިގަނެ، ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލަ ހޫނުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ބަލައި، ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި. އެ ކަމުގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނަން،" ވަރަށް ޔަގީންކަމާއެކު ރައީސް ވިދާޅުވި އެވެ.

ފުލުހުން ބުނާގޮތުގައި ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނީ އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީހުން ގެންދިޔަ އާލާތްތަކެއް ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ ޕާޓީން އެ ކަން ދޮގުކުރެ އެވެ. ނަމަވެސް ދަނޑަށް ވަން މީހުން ގެންގުޅުނު، ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދު ކުލައިގެ ދިދަތައް ޕީޕީއެމްގެ އޮފީހުން ރޭ ފަތިހު ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.