Roadha Mihaaru
ޔޯގާހަމަނުޖެހުން: އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަނީ

ޔޯގާ ހަމަނުޖެހުން: އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ލަފާ ދީފި

30 އޯގަސްޓް 2022

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން، އެކަން ހިނގާދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ލަފާ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން، އެކަން ހިނގާދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ލަފާ ދީފި އެވެ.

ރައީސް އޮފީހުން ބުނީ، ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހު ކަންތައް ހިނގައި ދިޔަގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރި މަސައްކަތްތައް އެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް އެ ރިޕޯޓްގައި ހުށަހަޅާފައިވާ ކަމަށެވެ.

ރިޕޯޓްގައި ފާހަގަކުރި ކަންކަން

• ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތް ނިންމުން.

• ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުން.

• އިވެންޓްތައް ރާވައި އިންތިޒާމުކުރާނެ ގޮތްތައް ނިންމުން.

• އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން.

• ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަށް މަގުފަހިކުރުވާ ކަންކަން ދެނެގަތުން.

• މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތައް އެޅުން.

"ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.