Roadha Mihaaru
ސްރީލަންކަންގެ ބޯޓެއް ވައިގެތެރޭ އެކްސިޑެންޓުނުވީ ކިރިޔާ

ސްރީލަންކަންގެ ބޯޓެއް ވައިގެ ތެރޭ އެހެން ބޯޓެއްގައި ނުޖެހި ސަލާމަތްވީ ކިރިޔާ

15 ޖޫން 2022

ސްރީ ލަންކަން އެއާލައިންސް ބޯޓެއް އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރައިގެން ސްރީ ލަންކާގެ ކޮލަމްބޯއަށް އިއްޔެ ކުރި ދަތުރެއްގައި ބްރިޓިޝް އެއާވޭސްގެ ބޯޓެއްގައި ނުޖެހި ހަނި ގޮތަކުން ސަލާމަތްވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްރީ ލަންކަން އެއާލައިންސް ބޯޓެއް އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރައިގެން ސްރީ ލަންކާގެ ކޮލަމްބޯއަށް އިއްޔެ ކުރި ދަތުރެއްގައި ބްރިޓިޝް އެއާވޭސްގެ ބޯޓެއްގައި ނުޖެހި ހަނި ގޮތަކުން ސަލާމަތްވެއްޖެ އެވެ.

ޑެއިލީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެލް 504 ލަންޑަންގެ ހީތުރޯ އެއާޕޯޓުން 275 ފަސިންޖަރުންނާ އެކު ފުރައި ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލުން ވަނީ 35،000 ފޫޓް މައްޗަށް އަރަން އަންގައިފަ އެވެ. އޭރު ބޯޓު ދުއްވަމުން ދިޔައީ 33،000 ފޫޓް އުހުގަ އެވެ.

އެއާޓްރެފިކް ކޮންޓްރޯލުން މިގޮތަށް އެންގި އިރު ހަމަ އެ ހިސާބުން 35،000 ފޫޓް މަތިން ބްރިޓިޝް އެއާވޭސްގެ ބޯޓެއް ދަތުރުކުރި އެވެ.

ބޯޓު ދަތުރުކުރާ އުސްމިން ބަދަލުކުރަން އެއާޓްރެފިކް ކޮންޓްރޯލުން އެންގި ނަމަވެސް ސްރީ ލަންކަން އެއާލައިންސްގެ ބޯޓު ދުއްވަން އިން ޕައިލެޓަށް ކުރިން އޮތީ އެ ބޯޓާ އެންމެ 15 މޭލު ދުރުން، 35،000 ފޫޓް މަތިން ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ދަތުރުކުރާކަން ފްލައިޓްގެ ރާޑަރުން ފާހަގަވެފަ އެވެ. އެއީ ހީތުރޯ އިން ދުބާއީ އާއި ސިންގަޕޫރަށް ދާން ފުރި ބޯޓެކެވެ.

މިކަން ޔޫއެލްގެ ޕައިލެޓް ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލަށް އަންގައި، މައްޗަށް އަރަން ދިން މައުލޫމާތަކީ ރަނގަޅު މައުލޫމާތެއްގައި އަލުން ބަލައިދޭން އެދުނެވެ. އަލުން ބެލުމަށް ފަހު ވެސް އެންގީ އެ އުސްމިނުގައި އެހެން ފްލައިޓެއް ދަތުރުކުރާކަން ފެންނަން ނެތް ކަމަށާއި މައްޗަށް އެރުމަށެވެ.

އޭޓީސީން ދެ ވަނަ ފަހަރަށް އެންގުމުން ވެސް ޔޫއެލްގެ ފްލައިޓް މައްޗަށް ނާރައި އަނެއްކާވެސް އެދުނީ އަލުން ޗެކްކުރުމަށެވެ. އެހެންވެ އޭގެ ދެތިން މިނެޓް ފަހުން އޭޓީސީން ވަނީ މައްޗަށް ނޭރުމަށާއި އަރަން އެންގި އުސްމިނުން އެހެން ބޯޓެއް ދަތުރުކުރާ ކަމަށް އަންގައިފަ އެވެ.

ޑެއިލީ މިރާ އަށް މައުލޫމާތު ދިން މީހުން ބުނެފައި ވަނީ ދެ ބޯޓް ދަތުރުކުރީ އެއްކޮޅަށް ކަމަށާއި އެކަމަކު ބްރިޓިޝް އެއާވޭސްގެ ބޯޓުގެ ސްޕީޑް ބާރުކަމުން، ސްރީ ލަންކަންގެ ބޯޓު މައްޗަށް އެރި ނަމަ ދެ ބޯޓު އެކްސިޑެންޓުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.