Roadha Mihaaru
ޗައިނާގެ ލޯނުތަކަކީ ދަރަނީގެ "ދަންތުރައެއް" ނޫން

ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫން: އަމީރު

13 ޖޫން 2022

ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ، އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ، އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް "މޯގޭޖުކުރަން" ޖެހޭ ގޮތަށް ނޫން ކަމަށެވެ.

ޝަރީފް އެ ސުވާލުކުރެއްވީ ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ "ދަންތުރައެއް" ކަމަށް ބުނެ އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި، އަންޑަލައިން އެސެޓް މޯގޭޖުކޮށްގެން ލޯނުތައް ނަގައިފައި ހުއްޓަސް، ދިވެހި ސަރުކާރުން މިހާތަނަށް އެގޮތަށް އެއްވެސް ލޯނެއް ނަގައިފައެއް ނުވެ އެވެ. އެންމެ ކުރިން ފެށިގެން ވެސް ދިވެހި ސަރުކާރުން ގެންގުޅެމުން އަންނަނީ އެ އުސޫލު ކަމަށް ވިދާޅުވި އެވެ.

"ޑިފޯލްޓު ވިޔަސް، ބަޔަކު އައިސް މި ގައުމުން ގެންދާނެ އެއްޗެއް ނެތް. އެސެޓެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ވެފައި އެބަހުރި ކަމަށާއި ރާއްޖެ އަށް ވެސް އެ ކަހަލަ ޕްރޮޕޯސަލްތައް ލިބޭ ކަމަށް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް 2018 އިން ފެށިގެން މި ހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދޭ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން، 200 މިލިއަން ޑޮލަރު ދޭނަމޭ ބުނެ. އެކަމަކު އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ގައުމަކުން ވިޔަސް އަޅުގަނޑުމެން ދަރަނި ނެގުމުގައި ބަލަނީ ކޮސްޓް އޮފް ބޮރޯއިން. އެ ވަރިހަމަ ކޮންމެ ތަނަކުން ވިޔަސް، އަޅުގަނޑުމެން ނުބަލަން ވަކި ގައުމަކަށް."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައި ވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ، ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރި، ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް ސިޔާސީ ބޭފުޅުން ވާހަކަދައްކަވާފައިވެ އެވެ.