Roadha Mihaaru
ރައީސް، ނުރަސްމީ ދަތުރެއްގައި ގާސިމާ އެކު މާމިގިލީގައި

ރައީސް، ނުރަސްމީ ދަތުރުފުޅެއްގައި ގާސިމްއާ އެކު މާމިގިލީގައި

10 ޖޫން 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައި، ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައި، ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ގާސިމްގެ އުފަން ރަށް، މާމިގިއްޔަށް މިއަދު ހެނދުނު ވަޑައިގަތުމުން ރައީސަށް މަރުހަބާ ދެންނެވީ ރަތް ދޫލައިންނެވެ. ގާސިމްއާ އެކު ގިނަ ބަޔަކު އެއާޕޯޓު ސަރަހައްދަށް އެއްވެސް އެ މަރުހަބާގައި ބައިވެރިވި އެވެ.

ރައީސް ކުއްލި ދަތުރުފުޅެއްގައި މާމިގިއްޔަށް މި ވަޑައިގަތީ، އެމަނިކުފާނު ރިޔާސީ ދެ ވަނަ ދައުރަކަށް ނުކުންނަވާނެ ކަން މިދިޔަ ބުދަ ދުވަހު އިއުލާންކުރެއްވުމަށް ފަހު އެވެ. އޭގެ ފަހުން، ގާސިމް އިއްޔެ "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވަނީ އަނެއްކާވެސް ކޯލިޝަނާ އެކު 2023 ކާމިޔާބު ކުރެއްވުމަށެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވި ގޮތުގައި ގާސިމްއާ އެކު ނުރަސްމީ މަޝްވަރާތަކެއް ޝެޑިއުލްކޮށްފައި އެބައޮތެވެ. އޭގެ އިތުރުން ކައުންސިލަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމް ހިމެނެ އެވެ. ރައީސް ދެ ވަނަ ދައުރެއް އިއުލާންކުރެއްވި ފަހުން ފުރަތަމަ މި ބައްދަލުކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރާ އެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މިހާތަނަށް ރައީސަށް ދެމުން އަންނަ ޔަގީންކަމަކީ މި ދައުރު ނިމެންދެން އެކުގައި ތިއްބަވާނެ ކަމަށެވެ. އޭގެ ފަހުން ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލްތަކުންނާއި މަޝްވަރާ މަޖިލިސްތަކުން ކަމަށް ލީޑަރުން ވިދާޅުވެފައިވެ އެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ދެން ވެސް އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކު 2023 ގެ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.