Roadha Mihaaru
އެމްއެމްސީގެ ރައީސްގެ މަގާމުން ޝަހުބާން އިސްތިއުފާ ދީފި

އެމްއެމްސީގެ ރައީސްގެ މަގާމުން ޝަހުބާން އިސްތިއުފާ ދެއްވައިފި

07 ޖޫން 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްކަމުގެ މަގާމުން ޝަހުބާން ފަހުމީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްކަމުގެ މަގާމުން ޝަހުބާން ފަހުމީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޝަހުބާން "މިހާރު" އަށް ވިދާޅުވީ އެ މަގާމުން ވަކިވީ ނަފްސުގެ ރައްކާތެރިކަން ގެއްލުމާއި ކައުންސިލް ކުރިއަށްގެންދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އެ ނިންމުމާއި އޭނާއަށް ފުލުހުން ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ޝަހުބާން ވިދާޅުވި އެވެ.

ނޫސްތައް ރެގިއުލޭޓްކުރާ ކައުންސިލްގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާ މަގާމުން ވަކިކުރުމަށް ރޭ ވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި އެވެ. އެކަމަކު، މީގެ ކުރިންނާއި ރޭ ނެގި ވޯޓުން ވެސް ޝަހުބާން ސަލާމަތްވީ އެވެ.

ކައުންސިލުން ވަކިވިޔަސް އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ޝަހުބާން ދެމިހުންނާނެ އެވެ.

"އިސްތިއުފާ ދިނީ ރިޔާސަތަށް ދަހިވެތި ބަޔަކު ތިބުމާއި ކައުންސިލްގެ ޖަލްސާތައް ބޭއްވޭނެ މާހައުލެއް ނެތުމާއި ނޫސްވެރިންގެ އެވޯޑުގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވުމުގެ ބިރު އޮތުމުން. މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުނަސް އެއީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން،" ޝަހުބާން ވިދާޅުވި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޝަހުބާނު ހިމެނެ އެވެ. ދެން ހިމެނެނީ އޭނާގެ ބޭބެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ.