Roadha Mihaaru
ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ގަރާރެއް ނެރެފި

އެމްއެމްސީގެ ރައީސް ޝަހުބާން އިސްތިއުފާ ދިނުމަށް ކޮމިޝަންގެ އަޣުލަބިއްޔަތުން ގަރާރެއް ނެރެފި

01 ޖޫން 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މަގާމުގައި ހުންނަވާތީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވަލައި އެ ކައުންސިލްގެ ނުވަ މެމްބަރެއްގެ ސޮޔާއެކު ގަރާރެއް ނެރެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މަގާމުގައި ހުންނަވާތީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވަލައި އެ ކައުންސިލްގެ ނުވަ މެމްބަރެއްގެ ސޮޔާއެކު ގަރާރެއް ނެރެފި އެވެ.

އެ ގަރާރުގައި ވަނީ ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކަކީ ރާއްޖޭގެ ބޮޑެތި މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ދިވެހި މީޑިއާގެ އަހުލާގީ ހަމަަތައް ކަނޑައަޅައި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކަށް އެ ފަދަ ތުހުމަތުތަކެއް ކުރެވުމުން މުއައްސަސާގެ އަގު ހިފެހެއްޓުމަށް ވެސް ޝަހުބާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ކައުންސިލްގެ އަޣުލަބިއްޔަތުން ގަބޫލުކުރާ ކަމަށް ގަރާރުގައިވެ އެވެ.

ޝަހުބާނާއެކު، ކުރި މަޝްވަރާތަކުގައި މަގާމުން އިސްތިއުފާ ދިނުމާ މެދު ގޮތެއް ނިންމުމަށް ދިން މުއްދަތު މިއަދަށް ހަމަވެފައިވާ ކަމަށް ގަރާރުގައި ބުންޏެވެ. އެހެންވެ ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް އެ ގަރާރުގައި ގޮވައިލި އެވެ.

އެމްއެމްސީގެ މެމްބަރުންތަކެއްގެ ގަރާރެއް ނެރުނުއިރު، އެ މެމްބަރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ޝަހުބާން ބައިވެރިވެވަޑައިގަންނަވާތީ އެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ޝަހުބާނާއި އޭނާގެ ބޭބެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިމެނެ އެވެ.

މީޑިއާ ކައުންސިލުން ވަނީ ޝަހުބާން މަގާމުގައި ބަހައްޓަން ފެނޭތޯ ވޯޓެއް ވެސް ނަގައިފަ އެވެ. އޭނާ މަގާމުން ދުރުކުރުމަށް އަށް މެމްބަރަކު ވޯޓުލި ނަމަވެސް ހަތަރު މެމްބަރަކު ވަނީ އޭނާ މަގާމުގައި ބެހެއްޓުމަށް ވޯޓު ލަައިފަ އެވެ. އެމްއެމްސީގެ ގަވާއިދުގައިވާ ގޮތުން ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކު ދުރުކުރުމަށް މަދުވެގެން 10 ވޯޓު ބޭނުންވެ އެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކުރެވު ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ނުވިސްނަވާ ކަމަށް ކުރިން އޭނާ ވިދާޅުވެފައިވެ އެވެ.