Roadha Mihaaru
ޝަހުބާން ވަކިކުރަން މި ފަހަރު ވެސް ފާހެއް ނުވި!

ދެ ވަަނަ ފަހަރަށް ހުށަހެޅުމުން ވެސް އެމްއެމްސީގެ ރައީސްކަމުން ޝަހުބާން ވަކިކުރަން ފާހެއް ނުވި!

06 ޖޫން 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އޭނާ އެ މަގާމުން ދުރުކުރުމަށް ދެ ވަނަ ފަހަރަށް ނެގި ވޯޓު ވެސް ކާމިޔާބު ނުވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އޭނާ އެ މަގާމުން ދުރުކުރުމަށް ދެ ވަނަ ފަހަރަށް ނެގި ވޯޓު ވެސް ކާމިޔާބު ނުވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފި އެވެ.

މީގެ ކުރިން ވެސް ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި އެވެ. އެކަމަކު، އެ ފަހަރު ވެސް އޭނާ ސަލާމަތްވި އެވެ.

އެމްއެމްސީގެ ގަވާއިދު އޮންނަ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމަށް މަދުވެގެން 10 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ. އެކަމަކު އެ ފަހަރު އޭނާ މަގާމުން ދުރުކުރުމަށް ލިބުނީ އަށް ވޯޓެވެ.

މިރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި ދެވަނަ ފަހަރަށް ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަސް އޭނާ މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެކެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު، ވެސް ޝަހުބާން މަގާމުގައި ހުންނަވާތީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކައުންސިލްގެ ނުވަ މެމްބަރެއްގެ ސޮޔާއެކު ގަރާރެއް ވެސް ކުރިން ނެރެފައިވެ އެވެ. އެ ގަރާރު ނެރުނީ ޝަހުބާނާ މަޝްވަރާ ކުރުމަށް ފަހު އިސްތިއުފާ ދެއްވަން ދިން މުއްދަތު ހަމަވުމުންނެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ޝަހުބާނު ހިމެނެ އެވެ. ދެން ހިމެނެނީ އޭނާގެ ބޭބެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ.

ޝަހުބާންގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތު އޭނާ ތަކުރާރުކޮށް ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ނުވިސްނަވާ ކަމަށް ވިދާޅުވެ އެވެ.