Roadha Mihaaru
ޝަހުބާނާއެކު މެންބަރުން ޖަލްސާ ވެސް ނުބޭއްވި

ޝަހުބާނާ އެކު އެމްއެމްސީގެ މެންބަރުން ޖަލްސާ ވެސް ނުބޭއްވި

25 މެއި 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީއަށް މަނީ ލޯންޑްރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މަގާމުގައި ހުންނަވާތީ އެކަމަކާ ދެކޮޅުހެދުމުގެ ގޮތުން އެމްއެމްސީގެ މެންބަރުން މިއަދު އެ ކައުންސިލްގެ ބައްދަލުވުން ދޫކޮށް ހިނގައްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީއަށް މަނީ ލޯންޑްރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މަގާމުގައި ހުންނަވާތީ އެކަމަކާ ދެކޮޅުހެދުމުގެ ގޮތުން އެމްއެމްސީގެ މެންބަރުން މިއަދު އެ ކައުންސިލްގެ ބައްދަލުވުން ދޫކޮށް ހިނގައްޖެ އެވެ.

އެމްއެމްސީގެ މެމްބަރު މުހައްމަދު ޝަފާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކައުންސިލްގެ މިއަދުގެ ޖަލްސާ ޗެއާކުރެއްވުމަށް ޝަހުބާން އިންނެވުމުން، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވޯކްއައުޓް ކުރީ އެވެ.

ޝަހުބާން ހިމެނޭ ގޮތަށް ޖަލްސާގައި ދިހަ މެމްބަރަކު ތިއްބެވި އެވެ. ނަމަވެސް ޝަހުބާން ފިޔަވައި އަނެއް ނުވަ މެމްބަރުން ޖަލްސާ ދޫކޮށް ވަޑައިގަތީ އެވެ. ޝަފާއު ވިދާޅުވީ ޔައުމިއްޔާ ފާސްކުރުމާ އެކު ފަހަރަކު މެމްބަރަކު ޖަލްސާ އިން ނުކުންނެވީ ބޮޑު ތުހުމަތެއް ކުރެވިފައިވަނިކޮށް އެމްއެމްސީގެ ރައީސްގެ މަގާމުގައި ޝަހުބާން ހުންނެވުމަކީ ބަލައިގަނެވޭ ކަމަކަށް ނުވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަހުބާން ބައިވެރިވެވަޑައިގަންނަވާ ނަމަ ޖަލްސާތަކުގައި އެ މެމްބަރުން ބައިވެރިއެއް ނުވާނެ އެެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ. އެ މައްސަލައިގައި އެ ބޭފުޅުން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މީޑިއާ ކައުންސިލުން ވަނީ ޝަހުބާން މަގާމުގައި ބަހައްޓަން ފެނޭތޯ މިދިޔަ އާދިއްތަ ދުވަހު ވޯޓެއް ވެސް ނަގައިފަ އެވެ. އޭނާ މަގާމުން ދުރުކުރުމަށް އަށް މެމްބަރަކު ވޯޓުލި ނަމަވެސް ހަތަރު މެމްބަރަކު ވަނީ އޭނާ މަގާމުގައި ބެހެއްޓުމަށް ވޯޓު ލަައިފަ އެވެ.

އެމްއެމްސީގެ ގަވާއިދުގައިވާ ގޮތުން ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކު ދުރުކުރުމަށް 10 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ.

ކުރިން އެ ތުހުމަތުތައް ދޮގުކުރައްވަމުން ޝަހުބާން ވިދާޅުވީ އެމްއެމްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ ޝަހުބާންގެ މައްސަލަ ހުށަހަޅައިފަ އެވެ.

އެފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް، ޝަހުބާން އަދިވެސް މަގާމުގައި ހުންނެވުމުން، ބައެއް ނޫސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.