Roadha Mihaaru
އިތުބާރު ނެތްކަމުގެ ވޯޓުން ޖޯންސަން ސަލާމަތްވެއްޖެ

އިތުބާރު ނެތްކަމުގެ ވޯޓުން ޖޯންސަން ސަލާމަތްވެއްޖެ

07 ޖޫން 2022

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު އޮތްތޯ ބެލުމަށް، އެ ގައުމުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން، އޭނާ ސަލާމަތްވެއްޖެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު އޮތްތޯ ބެލުމަށް، އެ ގައުމުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން، އޭނާ ސަލާމަތްވެއްޖެ އެވެ.

ބޮރިސް ޖޯންސަން އަށް އިތުބާރު އޮތްތޯ ބެލުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރިގެ (ހައުސް އޮފް ކޮމަންސް)ގައި، އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި، އޭނާ އަށް އިތުބާރު ކުރާ ކަމަށް، 211 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާ އަށް އިތުބާރު ނުކުރާ ކަމަށް، ވޯޓު ދެއްވީ، ޕާލަމެންޓްރީ ގްރޫޕްގެ 359 މެމްބަރުންގެ ތެރެއިން 148 މެންބަރުންނެވެ.

އިއްޔެ ނެގި އިތުބާރުގެ ވޯޓުން ސަލާމަތްވުމުން، ކުރިއަށް އޮތް އަހަރު ދުވަހު މަގާމުގައި ހުންނެވުމަށް، ބޮރިސް ޖޯންސަން އަށް އޭނާގެ ޕާޓީގެ ތެރެއިން އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވި 148 މެންބަރުންނަކީ، އޭނާ އިތުރު ދައުރަކަށް ކުރިމަތިލައްވާ ނަމަ، ކުރިމަތިވާނެ ބޮޑު ހުރަހަކަށް ވާނެ އެވެ.

ބޮރިސް ޖޯންސަންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް އިއްޔެ ވޯޓެއް ނެގީ، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މުޅި އިނގިރޭސި ވިލާތް އޮތް ދުވަސްވަރު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިން ސްޓްރީޓް 10 ގައި، ބޮރިސް ޖޯންސަން އޭނާގެ ރައްޓެހިންނާ އެކު ޕާޓީ ބާއްވައި އެއްވުންތައް ބޭއްވި މައްސަލައިގަ އެވެ. ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު ގްރަހަމް ބްރޭޑީ ވިދާޅުވި ގޮތުގައި ވޯޓަކާ ހަމައަށް ދާން ޖެހުނީ، ބޮރިސް ޖޯންސަންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެދި، ޕާލަމެންޓްރީ ގުރޫޕްގެ 54 މެންބަރަކު ސިޓީ ފޮނުވުމުންނެވެ.

ޕާލަމެންޓްރީ ގުރޫޕްގެ ޖުމްލަ މެމްބަރުން (359)ގެ ދެ ބައިކުޅަ އެއްބައިގެ ތާއީދު، ބޮރިސް އަށް ލިބިވަޑައިނުގަތް ނަމަ، އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަންކުރާނެ އާ ބޭފުޅަކު ހޯދަން މަޖުބޫރުވީހެވެ. މިވަގުތަށް ބަލާއިރު، އިއްޔެގެ ނަތީޖާއަކީ ބޮރިސް އަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއް ނަމަވެސް، ކުރިއަށް އޮތް ދައުރަށް ބަލާނަމަ، އިތުރު ނުތަނަވަސްކަން ކުރިމަތިކުރުވާނެ ކަމެކެވެ.

އިއްޔެގެ ވޯޓުގެ ނަތީޖާއާ ގުޅިގެން، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކެއީރް ސްޓާމާ ވިދާޅުވީ، އެ ގައުމުގެ ވެރިކަން ހަވާލުކުރާނެ ޕާޓީއެއް އިޚްތިޔާރުކުރުމުގެ ވަގުތު ޖެހިފައިވާ ކަން މިހާރު ކަށަވަރުވެއްޖެ ކަމަށެވެ. އަދި އެކަމަށްޓަކައި އިޚްތިޔާރު ކުރަންވީ ކޮން ޕާޓީއެއްކަން ވެސް މިހާރު ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.