Roadha Mihaaru
ބޮޑުވަޒީރު ލީޒްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ

ބޮޑުވަޒީރު ލީޒްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ

17 އޮކްޓޯބަރ 2022

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ލީޒް ޓްރަސްގެ މައްޗަށް އިތުބާރު ނެތް ކަމަށް، ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނެގުމަށް އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީން މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ލީޒް ޓްރަސްގެ މައްޗަށް އިތުބާރު ނެތް ކަމަށް، ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނެގުމަށް އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީން މަސައްކަތް ފަށައިފި އެވެ.

މަގާމާ ހަވާލުވިތާ އެންމެ ދޮޅު މަސް ތެރޭގައި، އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން، ލީޒް އަށް މި ޖެހިވަޑައިގަތީ އޭނާގެ ކޮންޒަވޭޓިވް ޕާޓީގެ ތެރެއިން ވެސް އޭނާއާ ދެކޮޅު އަޑުތައް ގަދަވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމްސީލް ކުރައްވާ ތިން މެމްބަރަކު މިހާރު ވަނީ، ބޮޑުވަޒީރުގެ މަގާމުން ލީޒް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.

އޭގެ އިތުރުން ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ ވިދާޅުވީ "ލީޒް މަގާމުގައި ހުންނެވި ނަމަވެސް އޭނާގެ އެއްވެސް ބާރެއް ނެތް" ކަމަށެވެ.

އިނގިރޭސި ދުވަހު ނޫސް ޑެއިލީ މިރާ އިން ބުނި ގޮތުގައި ބޮޑުވަޒީރު ލީޒް މަގާމުން ދުރުކުރުމަށް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންތަކެއް މި ހަފުތާގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ ސިޓީ ހުށަހެޅުމަށް، ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރާ 100 އަށް ވުރެ މެމްބަރުން މިހާރު ތިބީ ތައްޔާރަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން މި ޖެހިވަޑައިގަތީ، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގަޔާއި އާންމުންގެ މެދުގައި ފާޑުކިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން، ބޮޑުވަޒީރު ލީޒް ވަނީ އޭނާގެ މާލީ ވަޒީރު ކްވާސީ ކްވާޓެންގް މަގާމުން ދުރުކުރައްވައި އެ މަގާމަށް އާ ބޭފުޅަކު ވެސް އައްޔަން ކުރައްވައިފަ އެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަން ފޫބެއްދުމުގެ ގޮތުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު ލީޒްގެ ސަރުކާރުން ހުށަހެޅީ، އެޕްރީލް 2023 ން ފެށިގެން ވިޔަފާރީގެ ޓެކްސް 19 ޕަސެންޓުން 25 ޕަސެންޓަށް ބޮޑުކުރުމަށް ކުރިން ނިންމާފައި އޮތް ނިންމުން ކެންސަލް ކުރުމަށެވެ. ގާނޫނު ހަދާ މަޖިލީހުގައި އެ ހުށަހެޅުމާ ދެކޮޅު ހެދުމުގެ ސަބަބުން، ބޮޑުވަޒީރު ލީޒް މިހާރު ވަނީ އެ ހުށަހެޅުން އަނބުރާ ގެންދަވައި، ކުރިން ވެސް އޮތް ގޮތަށް، އެޕްރީލް 2023 ން ފެށިގެން ވިޔަފާރީގެ ޓެކްސް 19 ޕަސެންޓުން 25 ޕަސެންޓަށް ބޮޑުކުރުމަށް ނިންމައިފަ އެވެ.

އިނގިރޭސި ވިލާތާ ކުރިމަތިވަމުން އަންނަ އިގްތިސާދީ ކޮޅިގަނޑެއް އެބަ އޮތް ކަމަށް ވިދާޅުވެ، އެ ގައުމުގެ ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، ބޮޑުވަޒީރު ލީޒް އަށް ގޮވައިލެއްވީ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހިތުގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ބޮޑުވަޒީރު މުޅިން ފެއިލްވެވަޑައިގެންފި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްޔާ ގުޅޭ ރަހުނުތަކުގެ އަގުތައް އުފުލި، އިނގިރޭސި ވިލާތުގައި ދިރިއުޅުމުގެ ޚަރަދުތައް މިއިން ޒަމާނެއްގައި ވެސް ނުދާހާ މައްޗަށް މިހާރު ވަނީ ގޮސްފަ އެވެ. އެހެންކަމުން އިނގިރޭސި ރައްޔިތުންގެ މާލީ ކަންކަމަށާއި ސަލާމަތީ ރައްކާތެރިކަމަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮންޒަވޭޓިވް ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.