Roadha Mihaaru
ވަރަށް ބޮޑަށް ސޮރީ، ގޯސްތައް ރަނގަޅުކުރާނަން ލީޒް

ވަރަށް ބޮޑަށް ސޮރީ، ގޯސްތައް ރަނގަޅުކުރާނަން ލީޒް

18 އޮކްޓޯބަރ 2022

ވެރިކަމުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ގޯސްތަކެއް ހެދިއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ގޯސްތަކެއް ހެދިއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މައާފަށް އެދިވަޑައިގަތީ، ގައުމަށް ކުރިމަތިވަމުން ދާ އިގްތިސާދީ މައްސަލަތައް ހައްލުކުރެއްވުމުގެ ގޮތުން، ބައެއް ޓެކްސްތައް ކުޑަކުރުމަށް ނިންމަވައި ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓާ ދެކޮޅު ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ. ލީޒް ވިދާޅުވީ ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޯސްތަކެއް ހެއްދެވުނު ނަމަވެސް، ކުރިއަށް އޮތް އާންމު އިންތިހާބުގައި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓްގައި، އުނިކުރެއްވުމަށް ލީޒް ހުށަހެޅުއްވި ޓެކްސްތައް އަނބުރާ ގެންދަވައި ކުރިން ވެސް އޮތް ގޮތަށް ކުރިއަށް ގެންދެވުމަށް މިހާރުވަނީ ނިންމަވައިފަ އެވެ. އަދި ޓެކްސް އުނިކުރުމުގެ ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ކްވާސީ ކްވާޓެންގް، މިމަހުގެ 14 ވަނަ ދުވަހު މަގާމުން ދުރުކޮށް، ޖެރެމީ ހަންޓް ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

އިނގިރޭސި ވިލާތުގެ މާލީ ވަޒީރުގެ މަގާމަށް، އޮކްޓޫބަރު 14، 2022 ގައި އައްޔަންކުރި ޖެރެމީ ހަންޓް، ބޮޑުވަޒީރުގެ އޮފީހުން ނުކުމެވަޑައިގަންނަވަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގެ މާލީ ވަޒީރުގެ މަގާމަށް، އޮކްޓޫބަރު 14، 2022 ގައި އައްޔަންކުރި ޖެރެމީ ހަންޓް، ބޮޑުވަޒީރުގެ އޮފީހުން ނުކުމެވަޑައިގަންނަވަނީ. --އޭއެފްޕީ

"ހެދުނު ގޯސްތަކާ މެދު އަހަރެން ވަރަށް ދެރަވޭ. އެކަމަކު އެ ގޯސްތައް މިހާރު ރަނގަޅުކޮށްފިން. އާ މާލީ ވަޒީރެއް އައްޔަންކޮށް އިގްތިސާދީ ހަމަޖެހުން އަނބުރާ ގެނެސް، މާލީ ކަންތައް ހަމައަކަށް އެޅުވިއްޖެ. ދެން އަހަރެމެން ކުރަން އޮތް ކަމަކީ، އާ ސިޔާސަތާ އެކު ކުރިއަށް ގޮސް ރައްޔިތުންނަށް އެކަމުގެ މަންފާ ހޯދައިދިނުން،" ބީބީސީ އަށް ދެއްވި އިންޓަވިއުގައި ލީޒް ވިދާޅުވި އެވެ.

"އަހަރެމެން އިންތިޚާބުވެފައި މިތިބީ 2019 ގައި ކަނޑައެޅި މެނިފެސްޓޯއާ އެކު. އަހަރެން މިހާރު ބޭނުންވަނީ އެ މެނިފެސްޓޯއާ އެއްގޮތަށް ކުރިއަށް ގޮސް އޭގައިވާ ކަންތައް ރައްޔިތުންނަށް ކޮށްދޭން."

އޭނާ ވިދާޅުވީ ކަމެއް ކުރާ އިރު ގޯސްތަކެއް ހެދިއްޖެކަން އެނގޭ ހިސާބުން، އެ ކަމުގެ މިސްރާބު ބަދަލުނުކޮށް ހުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މިއަދު ކުރިމަތިވެފައި އޮތީ އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ވެސް ހަލަބޮލިކަން ވެރިވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، އޮކްޓޫބަރު 17، 2022 ގައި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، އޮކްޓޫބަރު 17، 2022 ގައި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

މާލީ ވަޒީރު ބަދަލުކޮށް، ބަޖެޓްގެ ހުށަހެޅުންތައް އަނބުރާ ގެންދެވި އިރު، އިދިކޮޅު ލޭބާ ޕާޓީން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ބޮޑުވަޒީރު ލީޒް ޓްރަސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް، ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންތަކެއް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ދުވަހު ނޫސް ޑެއިލީ މިރާ އިން ބުނި ގޮތުގައި ބޮޑުވަޒީރު ލީޒް މަގާމުން ދުރުކުރުމަށް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންތަކެއް މި ހަފުތާގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ ސިޓީ ހުށަހެޅުމަށް، ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރާ 100 އަށް ވުރެ މެމްބަރުން މިހާރު ތިބީ ތައްޔާރަށެވެ.